Ref: 2024/PR/55
މިހާރު ކުރިއަށްދާ އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގެ 55 ވަނަ ސެޝަންގެ ހައިލެވެލް ސެގްމަންޓްގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް ޝެރީނާ ޢަބްދުއްޞަމަދު މިއަދު ތަޤުރީރުކުރައްވައިފިއެވެ.
އެކަމަނާގެ ތަޤުރީރުގައި އިންސާނީ ޙައްޤުތައް ކުރިއެރުވުމަށާއި ޙިމާޔަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި، މިންތީގެ ހަމަހަކަމާއި އެކަށީގެންވާ ބޯހިޔާވަހިކަމާއި ނުކުޅެދުންތެރިކަން ހުންނަ މީހުން މުޖުތަމައުގައި ބައިވެރިކުރުން ފަދަ އިޖުތިމާއީ ކަންކަމަށް މި ސަރުކާރުން ދޭ އަހަންމިއްޔަތުގެ މައްޗަށް ވެސް އެކަމަނާ އަލިއަޅުއްވާލެއްވިއެވެ.
މީގެ އިތުރުން އެކަމަނާ ވަނީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ވަގުތުން ހުއްޓުމަކަށް ގެނެއުމަށް ގޮވާލައްވައި 1967 ވަނަ އަހަރުގެ ކުރިން އޮތް ސަރަޙައްދީ އިންތަކުގައިއިރުމަތީ ޤުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައެޅިފައިވާ މިނިވަން އަދި މުސްތަޤިއްލު ފަލަސްޠީނުގެ ދައުލަތެއް ޤާއިމުކުރުމަށް ގޮވާލައްވާފައެވެ.
އ.ދ.ގެ އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގެ ސްޕެޝަލް ޕްރޮސީޖަރސް މެންޑޭޓް ހޯލްޑާސްއަށް ރާއްޖެއަށް ޒިޔާރަތް ކުރުމަށް ދިވެހި ސަރުކާރުން ދީފައިވާ ހުޅުވިފައިވާ ދައުވަތު ވަނީ އިއާދަކުރައްވާފައެވެ. އަދި ބައިނަލްއަޤްވާމީ ގޮތުން ރާއްޖެއިން އެއްބަސްވެފައިވާ އިންދާނީ ޙައްޤުތަކާ ބެހޭ މުޢާހަދާތަކާއި އެންމެހައި ރައްޔުތިންގެ އިންސާނީ ޙައްޤުތައް ހިމާޔަތްކުރުމުގައި މި ސަރުކާރުން މަސައްކަތްކުރާނެކަމުގެ ޔަޤީންކަން އެރުއްވިއެވެ.
އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގެ 55 ވަނަ ސެޝަން ކުރިއަށް ދަނީ 26 ފެބްރުއަރީ އިން 5 އޭޕްރީލް 2024 އަށް ސްވިޓްޒަލޭންޑްގެ ޖެނީވާގައެވެ. ދިވެހިރާއްޖެއަކީ 2023 އިން 2025 ވަނަ އަހަރުގެ ނިޔަލަށް އ.ދ. ގެ އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގެ މެމްބަރެއް އަދި މަޖިލީހުގެ މަސައްކަތުގައި މަސްއޫލުވާ މެންބަރު ޤަޢުމެކެވެ.