9 ޖުލައި 2017، މާލެ ޓިއުނީޝީއާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ނޮން – ރެޒިޑެންޓް ސަފީރު، ހިޒް އެކްސެލެންސީ މިސްޓަރ ނަޖްމައްދީން ލަޚާލް ފޮރިން ސެކްރެޓަރީ ޑރ. ޢަލީ ނަސީރު މުޙައްމަދުއާ ބައްދަލުކުރައްވައިފިއެވެ. މިއަދު މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އަށް އެރުއްވުމުގެ މުނާސަބަތުގައި ސަފީރަށް ތަހުނިޔާ ވިދާޅުވެ، ރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ދެންނެވިއެވެ. އަދި އެކި ދާއިރާތަކުން ދެޤައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހިކުރުމައް އިތުރު މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން އޮތްކަމުގައި ފޮރިން ސެކްރެޓަރީ ހާމަކުރެއްވިއެވެ. އަދި ދެޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ފުޅާކުރެވޭނެ ދާއިރާތަކާއި ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. ޓިއުނީޝީއާގެ އާ ސަފީރު ދެއްކެވި ވާހަކަފުޅުގައި ރާއްޖެއާއި ޓިއުނީޝީއާއާ ދެ ޤައުމުގެ ދޭތެރޭގައިވާ ގުޅުން އިތުރަށް ހަރުދަނާކުރެއްވުމަށާއި ދިވެހިރާއްޖޭގެ ތަރައްޤީއަށް ކުރިއެރުން ގެނައުމުގައި މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައިވެއެވެ. މިބައްދަލުކުރެއްވުމުގައި، ފޮރިން ސެކްރެޓަރީގެ އަރިހުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޑިރެކްޓަރ، ޢަބްދުލްވާރިޘް ސަޢީދު ‏ބައިވެރިވެވަޑައިގެންނެވިއެވެ.

5 ޖުލައި 2017، މާލެ،

މިއަދު މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ބޭއްވި ހަފްލާއެއްގައި ފޮސިމް ހޭންޑްބުކް އޮފް ޕްރޮގްރާމްސް އެންޑް އެކްޓިވިޓީސް އަދި ފޮސިމްގެ މަޖައްލާ "ފޮސިމް ކުއާޓަލީ" ތަޢާރަފްކޮށްދެއްވާފައިވަނީ މިނިސްޓަރ އޮފް ފޮރރިން އެފެއާޒް ޑރ މުހަންމަދު އާސިމް. މި ދެ ފޮތަކީ ދިވެހިރާއްޖޭގެ ފޮރިން ސަރވިސް އިންސްޓްޓިއުޓުން ތައްޔާރުކޮށްފައިވާ ދެ ފޮތެވެ.

  04 ޖުލައި 2017، މާލެ

އިންޑޮނޭޝިޔާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ނޮން – ރެޒިޑެންޓް ސަފީރު، ހިޒް އެކްސެލެންސީ އައި. ގުސްތީ ނުގްރަހް އަރުދިޔާސަ ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު އާސިމްއާ ބައްދަލުކުރައްވައިފިއެވެ. މިއަދު މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ އާސިމް ވަނީ  އިންޑޮނޭޝިޔާގެ ސަފީރު އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އަށް އެރުއްވުމާއި ގުޅިގެން އެމަނިކުފާނަށް ތަހުނިޔާ ދަންނަވާފައެވެ. މި ބައްދަލުވުމުގައި ދެޤައުމުގެ ދެމެދު އޮންނަ އެކުވެރި ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރައްވާފައި ވެއެވެ. މިގޮތުން ހިޔުމަންޑިވެލޮޕްމެންޓަށާއި، އެޑިޔޫކޭޝަން، ފިޝަރީޒް، އަދި ދެޤައުމުގެ ދެމެދު ވިޔަފާރީގެ ގުޅުން އިތުރަށް ޙަރުދަނާ ކުރުމަށް މަސައްކަތްކުރުމަށް ފާހަގަކުރެއްވެވިއެވެ. މީގެއިތުރުން ބައިނަލްއަޤްވާމީ މަޝްރަހުގައި، ހާއްސަކޮން އދ ގެ ތެރެއިން ދެޤައުމު އެކުގައި މަސަތްކަތް ކުރުމާއި މެދު މަޝްވަރާކުރައްވަވާފައި ވެއެވެ.

3 ޖުލައި 2017 - މާލެ،

އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ މިސްޓަރ ބްރައިސް ހަޗަސަން ދިވެހިރާއްޖޭގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. މުޙައްމަދު ޢާޞިމްގެ އަރިހަށް މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ބޭއްވުނު މިބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި އޮސްޓްރޭލިއާއާ ދެޤައުމުގެ ދެމެދުގައިވާ ރަޙްމަތްތެރި ގުޅުމަށް އަލިއަޅުއްވާލައްވާ، ތަފާތު އެކި ދާއިރާތަކުން މިގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. އަދި ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް އޮސްޓްރޭލިއާގެ ފަރާތުން ކުރެވެން ހުރި މަސައްކަތްތައް ކޮށްދެއްވާނެކަމުގެ ޔަގީންކަން ސަފީރުދެއްވިއެވެ. އަދި، ވަކިން ހާއްސަކޮށް އިންސާނީ ވަސީލަތްތައް ތަރައްގީ ކުރަމަށް އޮސްޓްރޭލިއާ އިން އެހީތެރިވާނެކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ.

މިބައްދަލުކުރެއްވުމުގައި، މިނިސްޓްރީގެ ސެކްރެޓަރީ، ބައިލެޓްރަލް އަލްފާޟިލް އަޙްމަދު ޚަލީލްއާއި އެސިސްޓަންޓް ޑިރެކްޓަރ، އަލްފާޟިލާ ޝިއުނީން ރަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ.

ހިޒް އެކްސެލެންސީ މިސްޓަރ ބްރައިސް ހަޗަސަންގެ އަރިހުގައި އޮސްޓްރޭލިއާ އެމްބަސީގެ ސެކަންޑް ސެކްރެޓަރީ މިސްޓަރ ނިކޮލަސް ބަރނެޓް ބައިވެރިވެވަޑައިގެންނެވިއެވެ.

3 ޖުލައި 2017، އަބޫ ދާބީ

ދިވެރާއްޖެއިން އެކުވެރި ޢަރަބި ޢިމާރާތަށް ކަނޑައެޅުއްވި ރެޒިޑެންޓް އެމްބެސަޑަރ ޑރ. ޙުސައިން ނިޔާޒް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، އެކުވެރި ޢަރަބި ޢިމާރާތުގެ ނާއިބް ރައީސް އަދި ޕްރައިމް މިނިސްޓަރ އަދި ރޫލަރ އޮފް ދުބާއި ހިޒްހައިނަސް ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމް އަށް އިއްޔެ އަރުއްވައިފިއެވެ. ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ކުރިޔަށް ދިޔައީ ޔޫ.އޭ.އީގެ ޕްރެޒިޑެންޝިއަލް މިނިސްޓްރީގައެވެ.