ނާމް

ނޮން-އެލައިންޑް މޫވްމަންޓް (ވަކި ފަރާތަކަށް ނުޖެހޭ ޙަރަކާތް)

1961ވަނަ އަހަރު އުފެދުނު ނޮން-އެލައިންޑް މޫވްމަންޓް (ނާމް)އަކީ ފިނި ހަނގުރާމައިގެ ދުވަސްވަރު އޮތް ބާރުގަދަ ބާރުތަކުގެ ތެރެއިން އެއްވެސް ބާރަކާ ނުވަތަ ޤައުމުތަކުން އުފައްދާފައިވާ އެއްވެސް ގްރޫޕަކަށް ބައިއަތު ނުހިފައި ނުވަތަ އެބަޔަކާ އެއް ފަރާތަކަށް ނުޖެހޭ ޤައުމުތަކުން އުފައްދާފައިވާ 120 މެމްބަރު ޤައުމުގެ މައްޗަށް އެކުލެވޭ ބައިނަލްއަޤުވާމީ ޖަމިއްޔާއެކެވެ. 1991ވަނަ އަހަރު ފިނި ހަނގުރާމަ ނިމުމާއެކު، މިޖަމިއްޔާގެ މެންޑޭޓު ފުޅާކޮށް އުފަންވަމުން އަންނަ އަދި ނޮން-ޓްރެޑިޝަނަލް ގޮންޖެހުންތަކާއި މައްސަލަތައް ވަނީ މެންޑޭޓުގައި ހިމަނާފައެވެ. ދާދިފަހުން ކޮވިޑް-19އާ ގުޅިގެން ބޭއްވުނު، އ.ދ.ގެ ޢާއްމު މަޖިލީހުގެ 31ވަނަ ޚާއްސަ ސެޝަނަކީ ނާމްގެ އިސްނެގުމަަކަށް ބޭއްވުނު ސެޝަނެކެވެ.

ދިވެހިރާއްޖެއިން 1976ވަނަ އަހަރު ނާމްގެ މެމްބަރަކަށް ވީއްސުރެ ރާއްޖެއިން އަންނަނީ ނާމްގެ ސަމިޓުތަކާއި ކޮންމެ އަހަރަކު ބާއްވާ މިނިސްޓަރުންގެ ބައްދަލުވުންތައް ހިމެނޭހެން ނާމްގެ ބައްދަލުވުންތަކުގައި ޙަރަކާތްތެރިކަމާއެކު ބައިވެރިވަމުންނެވެ. މީގެ އިތުރުން، ބައިނަލްއަޤުވާމީ އަމަންއަމާންކަމާއި ސަލާމަތާއި ހަތިޔާރު ނައްތާލުމާ ގުޅޭގޮތުން އ.ދ.ގައި ކުރިއަށްގެންދާ ބަހުސްތަކުގައި ނާމް މެދުވެރިކޮށް ދިވެހިރާއްޖެއިން ބައިވެރިވަމުން ދެއެވެ.

ނާމްގެ ތެރޭގައި ދިވެހިރާއްޖެއިން އަންނަނީ އަދުގެ މާޙައުލުގައި ކުރިމަތިވާ ނުރައްކާތައް ކަމަށްވާ މޫސުމަށް އަންނަ ބަދަލުތަކާއި ކާބޯތަކެތި ހޯދައި ލިބިގަތުމުގެ ރައްކާތެރިކަމާއި ނިރުބަވެރިކަން ފަދަ މައްސަލަތަކަށް އެޖަމާޢަތުގެ ތެރެއިން ޙައްލުތަކެއް ހޯދުމަށް މަސައްކަތްކުރުމަށް ގޮވާލަމުންނެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960