ދަތުރުވެރިންނަށް ޚާއްސަ މަޢުލޫމާތު

ރާއްޖެއިން ބޭރަށް ދަތުރު ކުރައްވާއިރު ސަމާލުކަން ދެއްވަންވީ މުހިންމު ކަންތައްތައްް  

  • ދަތުރު ކުރެއްވުމުގެ ކުރިން މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓްރީ ކުރައްވައި، ދިވެހި ރާއްޖޭގެ އެމްބަސީއެއް ހުންނަ ޤައުމަކަށް ވަޑައިގަންނަވާނަމަ، އެ އެމްބަސީ ގައި ރަޖިސްޓްރީ ކުރައްވާ.

 

  • ވިސާ ބޭނުންވާ ޤައުމަކަށް ދަތުރުފުޅު ކުރައްވާނަމަ، ބޭނުންފުޅުވާ މުއްދަތަށް ވިސާ ލިބިވަޑައިގެންފައިވޭތޯ ޔަޤީން ކުރައްވާ.

 

  • ޕާސްޕޯޓުގެ މުއްދަތު ހަމަނުވެ 6 މަސް އޮތްތޯ ބައްލަވާ.

 

  • ޕާސްޕޯޓްގައި މަދުވެގެން 2 ސަފްޙާ ހުސްކޮށް އޮތްތޯ ބައްލަވާ.

 

  • ޕާސްޕޯޓާއި އައި.ޑީ.ކާޑު ފަދަ މުހިންމު ލިޔުންތަކުގެ ކޮޕީ ނެންގެވުމަށްފަހު އަތްޕުޅުގައި ގެންދަވާ. އަދި މި ތަކެތި ފަރުވާތެރިކަމާއެކުު ބަލަހައްޓަވާ.

 

  • ފުރާވަޑައިގަތުމުގެ ކުރިން ފްލައިޓް ތަފްޞީލާއި، ހުންނަވާ ތަނެއްގެ އެޑްރެހާއި އަދި ގުޅޭނެ ނަންބަރު ފަދަ މަޢުލޫމާތު އާއިލާ އާ ނުވަތަ ގާތް ފަރާތަކާ ޙިއްސާކުރައްވާ. އަދި، ވަޑައިގަންނަވާ ޤައުމުން އެހެން ޤައުމަކަށް އިތުރު ދަތުރުފުޅެއް ކުރައްވާނަމަވެސް، މިފަދަ މަޢުލޫމާތު އާއިލާ އާ ނުވަތަ ގާތް ފަރާތަކާ ޙިއްސާކުރައްވާ.

 

  • ޕާސްޕޯޓާއި އެހެނިހެން އަގު ބޮޑެތި ތަކެއްޗަށް ސަމާލުކަން ދެއްވައި، ރައްކާތެރިކަމާއެކީ ބަލަހައްޓަވާ.

 

  • ރާއްޖެއިން ބޭރުގައި ހުންނަވަނިކޮށް ޕާސްޕޯޓް ގެއްލިއްޖެނަމަ، އެންމެ ކައިރި ޕޮލިސް ސްޓޭޝަނަކަށް މައްސަލަ ހުށަހެޅުއްވުމަށްފަހު ޕޮލިސް ރިޕޯޓެއް ހޯއްދަވާ. އަދި ވެވަޑައިގެން އެންމެ އަވަހަކަށް އެ ޤައުމެއްގައި ހުންނަ ދިވެހި މިޝަނަކަށް އެކަން އަންގަވާ.

 

  • ވިސާ ގެ މުއްދަތު ހަމަވުމުގެ ކުރިން، ވަޑައިގަންނަވާ ޤައުމަކުން ފުރާވަޑައިގަތުމަށް ސަމާލުކަން ދެއްވާ. އަދި، ވިސާ އިތުރު ކުރައްވަން ބޭނުންފުޅުނަމަ، މުއްދަތު ހަމަވުމުގެ ކުރިން އެ ޤައުމެއްގެ ކަމާބެހޭ މުއައްސަސާއަކަށް ވިސާގެ މުއްދަތު އިތުރުކުރަން ހުށަހެޅުއްވުމަށް ސަމާލުކަންދެއްވާ.

 

  • ރާއްޖެއިން ބޭރުގައި އުޅުއްވާއިރު، އެ ހުންނަވާ ޤައުމެއްގެ ޤާނޫނާއި ޤަވައިދުތަކާއި އަދި ޢާންމު ޢުޞޫލުތަކާއި މިންގަނޑުތަކަށް ހުރުމަތްތެރިކޮށް ހިއްތެވުމަށް ސަމާލުކަންދެއްވާ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960