12 ޖުަލައި 2014؛ ފަލަސްތީނުގައި ހިނގަމުންދާ ލޭއޮހޮރުވުމަށް ނިމުމެއްނައިސް ކުރިއަށްދިއުމަކީ ހިތްތަކަށް ކެތްކުރެވޭނެވަރުގެ ކަމެއްނޫން ކަމަށާއި އެކަމަށް ވަގުތުން ހައްލު ހޯދުމަކީ ބައިނަލްއަގްވާމީ މުޖުތަމައުގެ ވަރަށް މުޙިއްމު މަސްއޫލިއްޔަތެއްކަމަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒް ދުންޔާ މައުމޫން މިއަދު ވިދާޅުވެއްޖެއެވެ.

ގާޒާއަށް އިޒްރޭލުން ގެންދާ ޢުދުވާނީ ހަމަލާގައި ކުށެއްނެތް އެތަކެއް ކުޑަކުދިންނާއި އަންހެނުންނާއި ފިރިހެނުން މަރުވަމުންދާއިރު އެމީހުން ސަލާމަތްކުރުމަށް ދުނިޔޭގެ ޤައުމުތަކުން އެކަށީގެންވާ މަސައްކަތަކެއް ނުކުރެވޭތީ އެކަމަށް ރާއްޖެއިން ހިތާމަކުރާކަމަށް މިނިސްޓަރ ދުންޔާ ވިދާޅުވިއެވެ. އަދި ގާޒާގައި ހިނގާ ހަމަނުޖެހުމަކީ ބައިނަލްއަގްވާމީ ސަލާމަތަށް ހުރި ނުރައްކަލެއްކަމަށާއި އެކަމަށް އދ. ގެ ސަލާމަތީ މަޖިލީހުން ފިޔަވަޅު އަޅަންޖެހޭނެކަމަށް ވެސް މިނިސްޓަރ ދުންޔާ ވިދާޅުވިއެވެ.

ޗައިނާގެ ކުންމިންގް ގައި އޮންނަ ކުންމިން އިމްޕޯޓާއި އެކްސްޕޯޓާއި ބެހޭ ގޮތުން ބާއްވާ އެކްސްޕޮޒިޝަންގެ ޚާއްސަ މެހެމާނެއްގެ ގޮތުގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

މިކަން މީޑިއާއާއި ހިއްސާ ކުރައްވަމުން ދުންޔާ ވިދާޅުވީ މިމަހުގެ 11 ވަނަ ދުވަހު ރައީސް ޔާމީން ރަސްމީ ދަތުރުފުޅެއްގައި، މިއެކްސްޕޮޒިޝަންގައި ބައިވެރިވެވަޑައިގަތުމަށް ފުރާވަޑައިގަންނަވާނެކަމަށެވެ.

9 މާރޗް 2014؛ ކޮމަންވެލްތަކީ މިހާރަށްވުރެ ބޭނުންތެރި، އިންސާފާއެކު މަސައްތަކްކުރާ، މެމްބަރު ޤައުމުތަކުގެ ދެމެހެއްޓެނިވި ތަރައްގީއަށް މަސައްކަތްކުރާ ޖަމުއިއްޔާއަކަށް ހެދުމަށާއި، މިހާރަށްވުރެބޮޑަށް ދެފުށްފެންނަ، ޖަވާބުދާރީ ކުރެވޭ ނިޒާމަކަށް މަސައްކަތްކުރާ ޖަމުއިއްޔާއަކަށް ހެދުމަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަލްފާޟިލާ ދުންޔާ މައުމޫނު ގޮވާލައްވައިފިއެވެ. އެކަމަނާ މިގޮތަށް ގޮވާލެއްވީ، މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކުރަމުންގެންދާ ކޮމަންވެލްތު ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައެވެ. މިނިސްޓަރ ދުންޔާގެ މެސެޖުގައި އިތުރަށްވިދާޅުވީ، ކޮމަންވެލްތުގެ ކުދި ޤައުމުތަކަކީ އިޤްތިޞާދީ ގޮތުންނާއި ސިޔާސީ ގޮތުން ފުދުންތެރި ގައުމުތަކަށް ހެދުމަށްޓަކައި ކޮމަންވެލްތުން މިހާރަށްވުރެ ބޮޑު އިސްކަމެއްދީގެން މަސައްކަތްކުރުމަށް ދިވެހިރާއްޖޭން ބާރުއަޅާނެކަމަށެވެ.