22 ފެބްރުއަރީ 2017 - މާލެ، - Ref: 2017-072

ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއާޒް، ހިޒް އެކްސަލެންސީ މރ. އެމް.ޖޭ. އަކްބަރު، ދިވެހިރާއްޖޭގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ޑރ. މުޙައްމަދު އާސިމްގެ އަރިހަށް މިއަދު ހެނދުނުގެ ވަގުތެއްގައި އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ބޭއްވުނު މިބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެ އާއި އިންޑިއާ އާއި ދެޤައުމުގެ ރަޙްމަތްތެރި ގުޅުމަށް އަލިއަޅުއްވާލައްވާ، ތަފާތު ދާއިރާތަކުން މިގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެވުނެވެ. އަދި މިނިސްޓަރ އާސިމްގެ ވާހަަކަފުޅުގައި ދިވެހިރާއްޖޭގެ އިޖްތިމާޢީ އަދި ޢިޤްތިސާދީ ތަރައްޤީއަށް އިންޑިއާ ސަރުކާރުން ވެދެއްވާފައިވާ އެހީތެރިކަން ޝުކުރުވެރިކަމާއެކު ދިވެހި ސަރުކާރުން ފާހަގަ ކުރާކަމަށް ވިދާޅުވިއެވެ.

ދިވެހިރާއްޖެ އާ އިންޑިއާ އާއި އޮންނަނީ ޒަމާންވީ ރަޙްމަތްތެރިގުޅުމެކެވެ. ދިވެހިރާއްޖެއިން އަބަދުވެސް ގެންގުޅެނީ އިންޑިއާ ފަސްޓް ޕޮލިސީއެކެވެ. އަދި އިންޑިއާ އިން ދަނީ އަބަދުވެސް ދިވެހިރާއްޖެއަށް ދިމާވާ ދަތިތަކުގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މިބައްދަލުކުރެއްވުމުގައި،  ފޮރިން ސެކްރެޓަރީ ޑޮކްޓަރ އަލީ ނަޞީރު މުޙައްމަދާއި ސެކްރެޓަރީ، ބައިލެޓަރަލް އަލްފާޟިލް އަޙްމަދު ޚަލީލް، އާއި ޖޮއިންޓް ސެކްރެޓަރީ އަލްފާޟިލާ އައިޝަތު އަޒީމާ، އަދި މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓަރ، އަލްފާޟިލާ މޫމިނާ އިބްރާހީމް ބައިވެރިވެވަޑައިގެންނެވިއެވެ.

21 ފެބްރުއަރީ 2017، މާލެ – Ref: 2017-070

މި މުނާސަބަތު ފާހަގަކުރުމުގެ ގޮތުން "ޚާރިޖީ ގުލްޒާރު" ގެ ނަމުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، ބަހަކީ ފޮރިން ޑިޕްލޮމަސީގެ ދާއިރާއަށާއި ޑިޕްލޮމަޓުންނަށް ވަރަށް މުހިންމު އެއްޗެއް ކަމުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ މުހަންމަދު އާސިމް ވިލދާޅުވިއެވެ. އެހެންކަމުން ބަސް ބޭނުންކުރާނެ ހެޔޮ ގޮތާއި ަހުގެ ބޭނުން އެނެމެ އުފެއްދުންތެރިގޮތެއްގައި ބޭނުންކުރާނެ ގޮތް ދަސްކުރުމަކީ ޚާރިޖީއްޔާގެ މުވައްޒަފުންނަށް ވަރަށް މުހިންމުކަމެއް ކަމުގައި ވިދާޅުވިއެވެ.

މިއަދުގެ ހަފްލާގައި ފޮރިން ސަރވިސް އިންސްޓިޓިއުޓްގެ އޮފް ދަ މޯލްޑިވްސް (ފޮސިމް) ގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ "ޑިސްޓިންގުއިޝްޑް ސްޕީކަރ ސީރީސް" ގެ ދަށުން، ދިވެހިރާއްޖޭގެ އަދި ދިވެހި ބަހުގެ ތާރީޚު ދިރާސާކުރައްވާ އަލްފާޟިލާ ނަސީމާ މުހަންމަދުވެސް ވާހަކަފުޅު ދެއްކެވިއެވެ. އެކަަމަނާގެ ވާހަކަކޮޅުގައި ދިވެހި ބަސް އުފެދިގެންއައި ގޮތާއި ދިވެހިބަހާއި ދިވެހި މުޖުތަމަޢާ ގުޅިފައިވާ މިންވަރުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ.

މިއަދުގެ ހަފްލާ ނިމިގެންދިޔައީ ޚާރިޖިއްޔާގެ އެކި މުވައްޒަފުން ހައްދަވާފައިވާ ޅެމާއި ލަވައިގެ ހުށަހެޅުންތަކުންނެވެ.

ކޮންމެ އހަރެެއްގެ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަސް ބައިނަލްއަޤްވާމީ މާދަރީ ބަހުގެ ދުވަސް ގޮތުގައި ފާހަގަކުރަމުންދަނީ ދުނިޔޭގައި ބޭނުންކުރާ ތަފާތު ބަސްތަކާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކޮށް އެކި ޘަޤާފަތްތަކާ ގުޅޭގޮތުން އުނގަންނައިދިނުމަށެވެ. މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން މިއަހަރު މި ދުވަސް ފާހަގަކޮށްފައިވަނީ ފޮރިން ސަރވިސް އިންސްޓިޓިއުޓް އޮފް ދަ މޯލްޑިވްސްއާއި ޚާރިޖީ ސޯޝަލް ކޮމިޓީ ގުޅިގެންނެވެ.

21 ފެބަރުއަރީ 2017، މާލެ - Ref: 2017-068

އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއާޒް، ހިޒް އެކްސަލެންސީ މރ. އެމް.ޖޭ. އަކްބަރު ރަސްމީ ދަތުރުފުޅެއްގައި މިއަދުގެ ވަގުތެއްގައި ރާއްޖެ ވަޑައިގަންނަވައިފިއެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ފޮރިން ސެކްރެޓަރީ ޑރ. ޢަލީ ނަސީރު މުޙައްމަދާއި ސެކްރެޓަރީ، ބައިލެޓަރަލް އަލްފާޟިލް އަޙްމަދު ޙަލީލްއެވެ.

އެމަނިކުފާނުގެ މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށާއި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. މުޙައްމަދު އާސިމްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާގޮތަށް ވަނީ ހަމަޖެހިފައެވެ.

ސްޓޭޓް މިނިސްޓަރ އަކްބަރުގެ މިދަތުރުފުޅުގައި، އެމަނިކުފާނުގެ އަރިހުގައި މރ. ސަންޖޭ ޕަންޑާ، ޖޮއިންޓް ސެކްރެޓަރީ (އައި.އޯ.އާރ.) އަދި މރ. އޭ. އަމަރުނާތް، ޑީ.އެސް. އިން އޮފީސް އޮފް އެމް.އެސް. ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، އެކުވެރި ޢަރަބި ޢިމާރާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ސަފީރުކަމަށް، ހެންވޭރު ނިޔާސާ ޑޮކްޓަރ ޙުސައިން ނިޔާޒް ޢައްޔަނު ކުރައްވައިފިއެވެ. ޑޮކްޓަރ ޙުސައިން ނިޔާޒަށް މަޤާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ދެއްވީ، މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައެވެ.

 

30 ޖެނުއަރީ 2017

 އދ. ގެ ވަރކިންގ ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނަށް ކާނަލް (ރިޓަޔާރޑް) މުޙައްމަދު ނާޒިމް ހުށަހަޅާފައިވާ މައްސަލައާއި ގުޅިގެން، 26 ޖެނުއަރީ 2017 ގައި ޢާންމުކޮށްފައިވާ ލަފައަށް ދިވެހި ސަރުކާރުން އިޢުތިރާޒުކުރެއެވެ. މުޙައްމަދު ނާޒިމްއަކީ ދިވެހިރާއްޖޭގައި ގެންގުޅުން މަނާ ހަނގުރާމަވެރި ހަތިޔާރު އެތެރެކޮށް، ގެންގުޅުމުގެ ކުށުގައި، 26 މާޗް 2015 ގައި، 11 އަހަރަށް ޙުކުމްކޮށްފައިވާ މީހެކެވެ.

މުޙައްމަދު ނާޒިމްގެ މައްސަލަ، ޖިނާއީ ޢަދުލުގެ ނިޒާމުގެ އެކި އެކި މަރުޙަލާތަކުގައި ކުރިއަށް ގެންގޮސްފައިވަނީ، ދިވެހިރާއްޖޭގެ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަމާއި، އަދި އެކަން ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުން ވަނީ ކަށަވަރުކޮށްދީފައިކަން ފާހަގަކުރަމެވެ. ދިވެހިރާއްޖެއަކީ، މިނިވަން މުސްތަޤިއްލު ޤައުމެއްކަމަށްވާއިރު، މި މައްސަލައާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުން ކޮށްފައިވާ ޙުކުމްތަކަށް ހުރިހާ ފަރާތްތަކުންވެސް އިޙްތިރާމް ކުރުމަށް ދިވެހިސަރުކާރުން ގޮވާލަމެވެ.

އަދި، ތަޙުޤީޤު މަރުޙަލާގައާއި ޝަރީޢަތުގެ މަރުޙަލާގައި މުޙައްމަދު ނާޒިމް ބަންދުގައި ބެހެއްޓިފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަމަށްވާއިރު، އެ މަރުޙަލާތައް ކުރިއަށް ދިޔައިރު، އެއްވެސް ވަގުތެއްގައި، އަދި މިހާތަނަށްވެސް، މުޙައްމަދު ނާޒިމްގެ ފަރާތުން  އާބިޓްރަރީ ޑިޓެންޝަންގައި އޭނާ ބަހައްޓާފައިވާކަމަށް ކަމާބެހޭ ކޯޓަކަށް މައްސަލައެއް ހުށަހަޅާފައިނުވާކަން ފާހަގަކުރަމެވެ.

މުޙައްމަދު ނާޒިމްގެ ފަރާތުން އާބިޓްރަރީ ޑިޓެންޝަންގައި އޭނާ ބަހައްޓާފައިވާކަމަށް ޝަކުވާއެއް އޮތްނަމަ، ކަމާބެހޭ ކޯޓަކަށް މައްސަލަ ހުށަހެޅުމުގެ ޙައްޤު އަދި ފުރުޞަތު އެފަރާތަށް ލިބިގެންވާކަން ފާހަގަކުރަމެވެ. ދިވެހިރާއްޖޭގެ ކަމާބެހޭ ނިޒާމުގެ ތެރެއިން އެފަދަ މައްސަލައެއް މުޙައްމަދު ނާޒިމްއަށް ހުށަހެޅުމުގެ ޙައްޤާއި ފުރުޞަތު އެފަރާތަށް ލިބިދީފައިވާތީ، ދިވެހިރާއްޖޭގެ ކަމާބެހޭ ނިޒާމުގެ ބޭނުން ހިފައި، އެގޮތުގެ މަތިން އެ މައްސަލަ ހުށަހެޅުމަށް އެފަރާތަށް ބާރުއެޅުމަށް ދިވެހިސަރުކާރުން އ.ދ.ގެ ވަރކިންގ ގްރޫޕަށް ގޮވާލަމެވެ.

ވަރކިންގ ގްރޫޕުން ޢާންމުކޮށްފައިވާ ލަފާގައި، ދިވެހިސަރުކާރުން އެ ގްރޫޕަށް ހުށަހެޅި މަޢުލޫމާތުގެ ވަކި ބައިތައް ވަނީ ހިމަނާފައެވެ. ނަމަވެސް އޭގެތެރޭގައި، މުޙައްމަދު ނާޒިމްގެ ޝަރީޢަތް ކުރިޔަށް ދިޔައީ ޢަދުލު އިންޞާފުގެ ހުރިހާ ހަމަތަކާއި، އިންޞާފާއި އެއްގޮތަށް ކަމަށް ބަޔާންކޮށް ދިވެހިސަރުކާރުން ހުށަހަޅާފައިވާ ތަފްޞީލުތަކުގެ އެއްވެސް މަޢުލޫމާތެއް ހިމަނާފައިނުވާކަން ފާހަގަކުރަމެވެ. މުޙައްމަދު ނާޒިމްއަށްވަނީ މައްސަލައިގައި ދިފާޢުވުމަށް އެކަށީގެންވާ ވަގުތު ދެވިފައެވެ. އަދި ނާޒިމްގެ ފަރާތުން ހެކީންގެ ގޮތުގައި ހުށަހަޅާފައިވާ ފަރާތްތައް ކޯޓުންވަނީ ބަލައިގެންފައެވެ. އަދި ޢަދުލު އިންޞާފުވަނީ ޤާއިމްކުރެވިފައެވެ.

ވަރކިންގ ގްރޫޕުގެ އޮޕީނިއަންގައި ބަޔާންކުރެވިފައިވާ ގޮތާ ޚިލާފަށް، މުޙައްމަދު ނާޒިމް ދިރިއުޅޭ ތަނުން ގެންގުޅުންމަނާ ހަނގުރާމަވެރި ހަތިޔާރު ފެނުނު އިރު، އޭނާއަކީ ސަރުކާރާ އިދިކޮޅު ސިޔާސީ ފަރާތެއްނޫނެވެ. މުޙައްމަދު ނާޒިމް އޭރު ހުންނެވީ ދިވެހިސަރުކާރުގެ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީގެ މަޤާމުގައެވެ. އޭނާ ސަރުކާރާ ދެކޮޅަށް އަޑުއުފުލަން ފަށާފައިވަނީ އޭނާގެ މައްސަލައިގެ ތަޙުޤީޤީ މަރުޙަލާގެތެރޭގައެވެ. އެކަންކަމާބެހޭ ފުރިހަމަ މަޢުލޫމާތު ވާނީ ވަރކިންގ ގްރޫޕާއެކު ޙިއްސާކުރެވިފައެވެ. މީގެ އިތުރުން، ވަރކިންގ ގްރޫޕުން ޝާއިޢުކޮށްފައިވާ މަޢުލޫމާތުގައި، މުޙައްމަދު  ނާޒިމް ހުރީ ޖަލުގައި ނޫންކަމާއި، 21 އޭޕްރީލް 2016އިން ފެށިގެން އޭނާ ހުންނަނީ ގޭބަންދުގައި މާލޭގައިކަން ފާހަގަކޮށްފައެއް ނުވެއެވެ.

ވަރކިން ގްރޫޕްގެ ލަފާގައި، ބައެއް އަމިއްލަ ޖަމްޢިޔާތަކުން ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙާގުޅޭ ގޮތުން ޝާއިޢުކޮށްފައިވާ ޚަބަރުތަކަށް ރިޢާޔަތްކޮށް، އެފަދަ ޖަމްޢިޔާތަކަށް 'ހިޔުމަން ރައިޓްސް އެކްސްޕަރޓްސް' ގެ ނަމުން މުޚާތަބުކޮށްފައިވާކަމީ ދިވެހިސަރުކާރު ހިތާމަކުރާކަމެކެވެ. އ.ދ.ގެ ވަރކިންގ ގްރޫޕްތަކަކީ ވަކިފަރާތަކަށް ނުޖެހޭ، މިނިވަންކަމާއެކު އެފަރާތްތަކަށް ހުށަހެޅޭ މައްސަލަތައް ބެލޭ ފަރާތްތަކަކަށް ވާންޖެހޭނެއެވެ.  

މުޙައްމަދު ނާޒިމް ހުށަހެޅި މައްސަލައިގައި ވަރކިންގ ގްރޫޕުން ދިވެހިސަރުކާރާއި ގުޅިގެން މަސައްކަތްކުރަން ބޭނުންވާކަމަށް އެގްރޫޕުން ޝާއިޢުކުރި ލަފާގައި ބަޔާންކޮށްފައިވާކަން ފާހަގަކުރަމެވެ. ނަމަވެސް، ހިތާމަޔަކީ މިމައްސަލައިގައި ދިވެހިސަރުކާރާއި ގުޅިގެން މަސައްކަތްކުރުމަށް ވަރކިންގ ގްރޫޕުން ހުށަހެޅީ، އެ ގްރޫޕުން އެކުލަވާލި ލަފާ ޝާއިޢުކުރުމަށް ފަހުގައިކަމެވެ. އ.ދ.ގެ އިންސާނީ ޙައްޤުތަކާބެހޭ މުއައްސަސާތަކާ ސްޕެޝަލް ޕްރޮސީޖަރސްތަކާ ގުޅިގެން މަސައްކަތްކުރުމަށް ދިވެހިސަރުކާރު އަބަދުވެސް އޮންނާނީ ތައްޔާރަށެވެ. އަދި ހަމަ އެއާއެކު، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއިން ކަށަވަރުކުރާ ޙައްޤުތައް ޤާއިމްކޮށް، ޢަދުލުވެރި އިންޞާފުވެރި ޝަރީޢަތެއް ކޮންމެ މީހަކަށްވެސް ލިބިދިނުމަަށް ދިވެހިސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެއެވެ. އެހެންނަމަވެސް، ޝަރީޢަތުގެ މަރުޙަލާތަކުގެ ތެރެއަކަށް ސަރުކާރުން އަތެއްނުފޯރުވާނެއެވެ. މިފަދަ މައްސަލަތަކުގައި ނަތީޖާނެރުމަށް މަސައްކަތް ކުރަންވާނީ ޝަރުޢީ ނިޒާމުގެތެރެއިންނެވެ.  

އ.ދ.ގެ ވަރކިންގ ގްރޫޕް އޮން އާރބިޓްރަރީ ޑިޓެންޝަނުން ކުރާ މަސައްކަތްތަކަކީ ވަކިފަރާތަކަށް ނުޖެހޭ، އިތުބާރުލިބިގެންވާ، އަދި ޚަބަރުފަތުރާ ވަޞީލަތްތަކުން ފާޅުކުރާ ޝުޢޫރުތަކުން މިނިވަންވެފައިވާ މަސައްކަތްތަކަކަށްވުމަކީ މުހިއްމުކަމެކެވެ.