އިންޑިއާއަށް އެކި ބޭނުންތަކުގައި ދަތުރުކުރަމުންދާ ދިވެހިންނާއި، އިންޑިއާގެ ތަފާތު ސަރަހައްދުތަކުގައި ދިރިއުޅޭ ދިވެހިންނަށް ދިމާވާ މައްސަލަތަކާގުޅޭގޮތުންނާއި ދިވެހިރާއްޖޭގައި ދިރިއުޅޭ އިންޑިއާ ރައްޔިތުންނަށް ދިމާވާ މައްސަލަތަކާއި މި މައްސަލަތައް ހައްލުކުރުމުގައި ސަރުކާރަށް ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށްޓަކައި "ކޮންސިއުލަރ ޓޯކްސް" ގެ ނަމުގައި އިންޑިއާގައި ބޭއްވޭ ފުރަތަމަ މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ވަފްދެއް އިންޑިއާ އަށް މިއަދު ފުރާވަޑައިގެންފިއެވެ.

މި ބައްދަލުވުމަކީ ވަކި އުސޫލެއްގެ މަތިން ގަވާއިންދުން މިފަދަ މަޝްވަރާތަކެއް ބޭއްވުމަށް ދެޤައުމުގެ ދެމެދުގައި އެއްބަސްވެވި، "ކޮންސިއުލަރ ޓޯކްސް" ގެ ނަމުގައި ބޭއްވޭ މިފަދަ ފުރަތަމަ ބައްދަލުވުމެވެ.
އޮކްޓޯބަރ 24 ގައި އިންޑިއާގެ ނިއު ދިއްލީގައި ބޭއްވުމަށް ހަމަޖެހިފައިވާ "ކޮންސިއުލަރ ޓޯރކްސް" ގައި ބައިވެރިވެވަޑައިގަތުމަށް، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އިން އިންޑިއާ އަށް ވަޑައިގެންނެވި ވަފްދުގެ ވެރިއަކަށް ހުންނެވީ ސެކްރެޓަރީ (ބައިލެޓްރަލް)، އަލްފާޟިލް އަޙުމަދު ޚަލީލެވެ. މީގެ އިތުރުން ވަފްދުގައި ހިމެނިވަޑައިގަންނަވަނީ، ދިވެހިރާއްޖޭން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އަލްފާޟިލް އަޙްމަދު މުޙައްމަދު އާއި އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ މިނިސްޓަރ، އަލްފާޟިލާ ޝަޒްރާ އަބްދުލް ސައްތާރު އާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޖޮއިންޓް ސެކްރެޓަރީ އަލްފާޟިލާ އައިޝަތު އަޒީމާ އަދި ސީނިއަރ ޑެސްކް އޮފިސަރ، އަލްފާޟިލާ ފާތިމަތު ޒިދުނާ އަލީ އެވެ.