ފޮރިން ސަރވިސް އިންސްޓިޓިއުޓް އޮފް ދަ މޯލްޑިވްސް (ފޮސިމް) އިން އިންތިޒާމްކޮށްގެން ބާއްވާ ޑިސްޓިންގުއިޝްޑް ސްޕީކަރ ސީރީޒްގެ ތެރެއިން، މިއަދު ވާހަކަފުޅު ދައްކަވަމުން، ޕާކިސްތާނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް (ރިޓަޔާރޑް) ސައިދު ޚަވާރ އަލީ ޝާހް ވަނީ ދިވެހިރާއްޖެއާ ޕާކިސްތާނާ ދެމެދު އޮތް ގުޅުމުގެ ތެރެއިން އެމަނިކުފާނަށް ފާހަގަކޮށްލެވޭ މުހިންމު ކަންތައްތައް ހިއްސާކުރައްވާފައެވެ.


މިގޮތުން، ދެ ޤައުމުގެ ދެމެދުގެ ގުޅުން މިހާރު އޮތް ގޮތާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން، ކުރިއަށް އޮތް ތާނގައި މި ގުޅުން އިތުރަށް ބަދަހިކުރެވޭނެކަމަށް ފެނިވަޑައިގަންނަވާ ގޮތްތައް ހިއްސާކުރެއްވިއެވެ. މިގޮތުން ވިޔަފާރީގެ ގުޅުންތަކާއި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ފުޅާކޮށް ބަދަހިކުރެވިދާނެކަމަށް ވިދާޅުވިއެވެ. އަދި ސަރަހައްދީ އެއްބާރުލުމާއި ވިޔަފާރީގެ ރޮނގުން ގުޅުން ކުރިއަށް ގެންދެވޭނެ ގޮތްތަކަށްްވެސް އަލިއަޅުވާލެއްވިއެވެ.



އެމްބެސެޑަރ އަލީ ޝާހް އަކީ ޕާކިސްތާނު ސަރުކާރުގައި ގިނަ ދުވަސްތަކެއްވަންދެން ޚިދުމަތްކުރައްވާފައި ބޭފުޅެކެވެ. އެމަނިކުފާނުގެ ވަޒީފާގެ ގިނަ ދުވަސްތައް ހޭދަކުރައްވާފައިވަނީ ޕާކިސްތާނުގެ ނޭވީގައެވެ. އެގޮތުން ނޭވީގައި ހޭދަކުރެއްވި ސާޅީސް އަހަރުގެ ތެރޭގައި މަތީ ފަންތީގެ މަގާމުތައް ފުރުއްވާފައިވެއެވެ. ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަ ސަފީރުކަމަށް އެ މަނިކުފާުނު ހަމަޖައްސަވާފައިވަނީ 2015 ވަނަ އަހަރުއެވެ.

ފޮރިން ސަރވިސް އިންސްޓިޓިއުޓް އޮފް ދަ މޯލްޑިވްސް (ފޮސިމް) އިން އިންތިޒާމްކޮށްގެން ބާއްވާ ޑިސްޓިންގުއިޝްޑް ސްޕީކަރ ސީރީޒްއަކީ ތަފާތު އެކި ރޮނގުތަކުން ފާހަގަކޮށްލެވޭ ދިވެހިރާއްޖެއާއި ބޭރުގެ ފަރާތްތަކަށް ދަޢުވަތުދީގެން ރާއްޖެއާ ބައިނަލްއަޤްވާމީ މަސްރަހުގައި މުހިންމު މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކޮށް ހޭލުންތެރިކަން އުފެއްދުމުގެ މަޤްޞަދުގައި ބާއްވަމުންދާ ސިލްސިލާ ބައްދަލުވުންތަކެކެވެ.