އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒްއެކްސެލެންސީ މިސްޓަރ ޖޭމްސް ޑޯރިއަސް ދިވެހިރާއްޖޭގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. މުޙައްމަދު ޢާޞިމްގެ އަރިހަށް މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. 

މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ބޭއްވުނު މިބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެޤައުމުގެ ރަޙްމަތްތެރި ގުޅުމަށް އަލިއަޅުއްވާލައްވާ، ތަފާތު ދާއިރާތަކުން މިގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. އަދި އިނގިރޭސިވިލާތަށް ދަތުރު ކުރައްވާ ދިވެހިންނަށް ލުއިފަސޭހަކަމާއެކުވިސާއަށް އެޕްލައިކުރެއްވޭނެ އިންތިޒާމް ހަމަޖެއްސަވައި ދެއްވިކަމަށްޓަކައި އިނގިރޭސި ސަރުކާރަށް މިނިސްޓަރ ޢާޞިމް ޝުކުރުއަދާ ކުރެއްވިއެވެ. އިނގިރޭސިވިލާތުގެ ވިސާ އެޕްލިކޭޝަން ސެންޓަރެއް 16 އޯގަސްޓް 2017 ވާ ބުދަ ދުވަހު މިނިސްޓްރީ އޮފް ފޮރިންއެފެއާޒްގައި ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިބައްދަލުކުރެއްވުމުގައި، މިނިސްޓްރީގެ ފޮރިން ސެކްރެޓަރީ އަލްފާޟިލް އަޙްމަދު ސަރީރާއި އެސިސްޓަންޓް ޑިރެކްޓަރ، އަލްފާޟިލާ ޝިއުނީން ރަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ.