26 ޖުލައި 2017

ދިވެހިރާއްޖޭގެ ދުސްތޫރީ އޮނިގަނޑު ފަރުމާކުރެވިފައިވަނީ "deadlock" އަކަށް ކަމަށާއި، ދިވެހިރާއްޖޭގެ ދުސްތޫރީ އޮނިގަނޑުން ދިވެހި ޤައުމުގެ ރައީސަކަށް ހުންނަ މީހާ، އެއް އަތް ފަހަތަށް ބަނދެގެން ރައްޔިތުންގެ ކުރިމައްޗަށް ނެރެވޭގޮތަށް އެކުލަވާލެވިފައިކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ 52 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި، ޤައުމާ މުޚާޠަބުކުރައްވާ ދެއްވި ޚިޠާބުގައެވެ. ދިވެހިރާއްޖޭގެ ދުސްތޫރީ އޮނިގަނޑު ދިރާސާކުރައްވާ މާހިރުންނާ ޙަވާލާދެއްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ދިވެހި ދުސްތޫރީ ހިންގުން ބައްޓަންވެފައިވާ ގޮތުން، ސަރުކާރުގެ މަސައްކަތަށް ހުރަސްއަޅައި، ދައުލަތް ހުއްޓުމަކަށް ގެނެވޭނޭ ފަދަ މަގުތަކެއް ނުވަތަ ފުރުޞަތުތަކެއް ދުސްތޫރީ އޮނިގަނޑުގައި ފަހިވާކަމަށެވެ. ހަމައެއާއެކު، 2008 ވަނަ އަހަރު އެކުލަވާލައި ތަސްދީޤުކުރެވުނު ޤާނޫނުއަސާސީއަކީ، ދިވެހިރާއްޖެފަދަ މީސްކޮޅު މަދު، އަދި ވަޞީލަތްތައް ނިސްބަތުން މަދު ޤައުމަކަށް އެއްފަހަރާ ތަންފީޛުކުރެވޭ ވަރަށްވުރެ އޮޅުންބޮޅުން ބޮޑު، ބުރަ ޤާނޫނުއަސާސީއެއްކަމަށާއި، މިކަންތައްތަކަކީ، ރާއްޖޭގެ އިންތިޚާބީ އޮނިގަނޑަށް އެކަނި ނަޒަރު ހިންގާލިނަމަވެސް ހާމަކަންބޮޑު ގޮތެއްގައި ފެންނާން އޮތް ކަންތައްތައްކަމަށެވެ.

ރާއްޖޭގެ އިންތިޚާބީ އޮނިގަނޑަށް އަލި އަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، 2008 ވަނަ އަހަރު ތަސްދީޤުކުރެވުނު ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށުނުތާ 9 އަހަރު ފާއިތުވެގެން ދިޔަ އިރު، ޤައުމީ ފެންވަރުގައި 7 އިންތިޚާބު ބޭއްވިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، ރާއްޖޭގެ ކޮންމެ 466 ވަނަ ރައްޔިތަކަށް، ޤައުމީ ފެންވަރުގެ އިންތިޚާބަކުން އިންތިޚާބުވެފައިހުރި މުސާރަވެރިއަކު ދައުލަތުގައި އެބަ ހުރިކަމަށާއި، އަދި މި ދަނޑިވަޅުގައި މިއިން ހަމަ ކޮންމެ ބޭފުޅެއްގެ ވެސް ސުވާލަކަށް ވާންޖެހޭނީ، ޤައުމަށް ގެނެވޭ ތަރައްޤީއާއި އަމާންކަން ޤާއިމްކުރުމުގެ ޒިންމާއަކީ ދުސްތޫރުން އެ ބޭފުޅުންނާ މަތިކޮށްފައިވާ، ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވާ އަމާނާތެއް ނޫންތޯ ރައީސްވަނީ ސުވާލުކުރައްވާފައެވެ.