އެޓެސްޓު ކުރުމުގެ ޚިދުމަތް:
މި މިނިސްޓްރީން އެޓެސްޓް ކޮށްދެނީ އެ ލިޔުމެއްގައި މި މިނިސްޓްރީގެ ތައްގަނޑު ކޮންމެހެން އޮންނަން ޖެހޭ ލިޔުންތައް އެކަންޏެވެ.

1. އެޓެސްޓް ކުރުމަށްޓަކައި ލިޔުންތައް ހުށަހަޅުއްވާނީ އެކަމަށް އެދި ސިޓީއަކާއިއެކު މިނިސްޓްރީގެ ކޮންސިއުލަރ ރިސެޕްޝަނަށެވެ. (އެޓެސްޓްކުރައްވަން ބޭނުންފުޅުވާ ސަބަބާއި، މުހިންމުކަން ތަފްޞީލުކޮށް ބަޔާންކުރައްވައި އަދި ގުޅޭނެ ފޯނު ނަންބަރު ސިޓީގައި އޮންނަންވާނެއެވެ).

2. ހުށަހަޅުއްވާފައިވާ ލިޔުން މިނިސްޓްރީން އެޓެސްޓްކުރުމުގެ ޝަރުޠުތަކާއި އެއްގޮތްނުވާނަމަ، އެ ލިޔުން ބަލައެއް ނުގަނެވޭނެ އެވެ. އަދި އެޓެސްޓްކުރުމުގެ ޝަރުތުތަކާއި ލިޔުން އެއްގޮތް ވާނަމަ، އެ ލިޔުން އެޓެސްޓް ކުރުމަށްފަހު، އެކަމަށް އެދިވަޑައިގަންނަވާ ދުވަހު ނޫން އަނެއް ދުވަހުގެ ރަސްމީ ގަޑީގައި ލިޔުން ދޫކުރެވޭނެ އެވެެ. ނަމަވެސް ލިޔުން ހުށަހަޅުއްވާ ދުވަހު ރާއްޖެއިން ބޭރަށް ފުރާވަޑައިގަންނަވާ ފަރާތެއްނަމަ، ދަތުރުފުޅުގެ ޓިކެޓުގެ ކޮޕީއެއް ހުށަހެޅުއްވުމުން ދުވަހުން ދުވަހަށް ތައްގަނޑު ޖަހައިދެވޭނެ އެވެ. އަދި، ޚާއްސަ ޙާލަތްތަކުގައިވެސް ދުވަހުން ދުވަހަށް ތައްގަނޑު ޖަހައިދެވޭނެ އެވެ.


އެޓެސްޓް ކުރުމުގެ ޝަރުޠުތައް:
އުޞޫލެއްގެ ގޮތުން އަމިއްލަ ފަރާތްތަކުން އެޓެސްޓް ކުރެއްވުމަށް ހުށަހަޅުއްވާ "ޕަވަރ އޮފް އެޓަރނީ" ގައި މި މިނިސްޓްރީން ތައްގަނޑު ޖަހައެއް ނުދެވޭނެއެވެ. އެއީ، އެލިޔުމުގައިވަނީ ޞައްޙަ މަޢުލޫމާތުކަން ނުވަތަ ނޫންކަން މި މިނިސްޓްރީއަށް ކަށަވަރު ކުރެވޭނޭގޮތެއް ނޯންނާނެތީވެއެވެ. ނަމަވެސް، އެ "ޕަވަރ އޮފް އެޓަރނީ" އަކީ ދިވެހިރާއްޖޭގެ ކޯޓެއްގައި ރަޖިސްޓަރީ ކުރެވި އަދި އެ ކޯޓުގެ ތައްގަނޑުގެ އަޞްލާއި އެކަމާގުޅޭ ވެރިއެއްގެ ސޮއިކޮށް ހުށަހަޅުއްވާފައިވާ ލިޔުމެއްނަމަ، އެ "ޕަވަރ އޮފް އެޓަރނީ" އެއް އެޓެސްޓް ކޮށްދެވޭނެއެވެ. (މީގެ އިތުރުން، ބޭރު ޤައުމުތަކުގައި ކިޔަވަންތިބެފައި ރާއްޖެ އެނބުރި އައިސް އެކުއްޖެއްގެ "ފައިނަލް ރިޒަލްޓް" އެހެން މީހަކާ ޙަވާލު ކޮށްދިނުމަށް އެދި ޔުނިވަރސިޓީއަށް ހުށަހަޅާ "ޕަވަރ އޮފް އެޓަރނީ" ގައި މި މިނިސްޓްރީން ތައްގަނޑު ޖަހައި ސޮއިކޮށްދެވޭނެއެވެ.)

އެޓެސްޓް ކުރައްވަން ހުށަހަޅުއްވާ ލިޔުމަކީ ދަޢުލަތުގެ ކަމާބެހޭ އިދަރާއެއްގެ ތައްގަނޑުގެ އަސްލު ޖަހައި ސޮއި ކުރައްވާފައިވާ ލިޔުމެއް ނަމަ އެ ލިޔުން މި މިނިސްޓްރީން 'އެޓެސްޓް' ކޮށްދެވިދާނެ އެވެ. އެހެން ނަމަވެސް، ހަމައެކަނި ޤާނޫނީ ވަކީލެއްގެ ތައްގަނޑު ޖަހައި ސޮއި ކުރައްވާފައިވާ ލިޔުމެއް މި މިނިސްޓްރީން "އެޓެސްޓް" ކޮށްދެވެން ނޯންނާނެ އެވެ.
އެޓސްޓް ކުރެއްވުމަށް ހުށަހަޅުއްވާ ލިޔުމަކީ އިނގިރޭސި ބަހުން އޮތް ލިޔުމެއް ނަމަ އެ ލިޔުމުގައި އޮންނަންވާނީ އިނގިރޭސި ތައްގަނޑެކެވެ. އަދި ދިވެހި ލިޔުމެއް ނަމަ ދިވެހި ތައްގަނޑެކެވެ.

 

އޮރިޖިނަލް ލިޔުންތައް:
އުޞޫލެއްގެ ގޮތުން މި މިނިސްޓްރީން ތަޢުލީމީ ސެޓިފިކެޓްގެ އަޞްލުގައި ޞަައްޙަ ލިޔުމެއްކަމުގެ ތައްގަނޑު ޖަހައެއްނުދެމެވެ. ނަމަވެސް މިފަދަ ސެޓިފިކެޓުގެ ފޮޓޯކޮޕީގައި ކަމާބެހޭ ދަޢުލަތުގެ އިދާރާއެއްގެ ތައްގަނޑުގެ އަޞްލު ޖަހައި ސޮއި ކުރައްވާފައިވާނަމަ، އެ ލިޔުމެއްގައި "ޓްރޫ ކޮޕީ އޮފް ދި އޮރިޖިނަލް" ޖަހައިދެވޭނެއެވެ. މީގެ އިތުރުން، ސަރުކާރުގެ އިދާރާތަކުން ދޫކުރައްވާ "ޓު ހޫމް އިޓް މޭ ކޮންސަރން" ނުވަތަ "ޕޮލިސް ކްލިއަރެންސް" ފަދަ ލިޔުންތައްް ޞައްޙަތޯ ބެލުމަށްފަހު މިފަދަ ލިޔުންތަކުގައި "އެޓެސްޓް/އޯތެންޓިކް" ތައްގަނޑު މި މިނިސްޓްރީން ޖަހައިދެވޭނެއެވެ.

 

ފޮޓޯކޮޕީ:
އެއްވެސް ލިޔުމެއްގެ ފޮޓޯކޮޕީ ތައްގަނޑު ޖެއްސެވުމަށް ހުށަހަޅުއްވާނަމަ، އެފަދަ ކޮންމެ ލިޔުމެއްގައި އެލިޔުމެއް ދޫކުރެއްވި ދަޢުލަތުގެ އިދާރާއަކުން އެއީ ޞައްޙަ ލިޔުމެއްކަމުގެ އަޞްލު ތައްގަނޑާއެކު ސޮއި އޮންނަން ވާނެއެވެ. މިގޮތަށް ހުށަހަޅުއްވާ ލިޔުންތަކުގައި މި މިނިސްޓްރީން "ޓްރޫ ކޮޕީ އޮފް ދި އޮރިޖިނަލް" ޖަހައިދެވޭނެއެވެ.
އަމިއްލަ ކުންފުނިތަކުން ހުށަހަޅާ ލިޔުންތައް އެޓެސްޓް ކުރުމަށް ހަމަޖެހިފައިވަނީ އެ ލިޔުމެއްގައި ކަމާބެހޭ ދިވެހި ދަޢުލަތުގެ އިދާރާއަކުން ތައްގަނޑު ޖަހައި، ސޮއިކޮށްފައިވާ ލިޔުންތަކުގައި އެކަންޏެވެ