ނަން-އެލައިންޑް މޫވްމަންޓް (ނާމް)ގެ ކޮވިޑް-19 ރެސްޕޮންސް ކޮންޓެކްޓް ގްރޫޕްގެ ބައްދަލުވުމުގައި ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މިއަދު ބައިވެރިވެވަޑައިގެންފިއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ދިވެހިރާއްޖެ ތަމްސީލްކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙްގެ ފަރާތްޕުޅުންނެވެ.

"ޔުނައިޓެޑް އެގެއިންސްޓް ކޮވިޑް-19" މިޝިއާރުގެ ދަށުން ބޭއްވި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ އަޒަރުބައިޖާންގެ ރައީސް އިލްހާމް އަލިޔޭވް އެވެ. ކޮވިޑް-19ގެ ސަބަބުން މެމްބަރު ޤައުމުތަކަށް ދިމާވެފައިވާ ގޮންޖެހުންތަކާ، މިކަމުން އަރައިގަތުމަށް އެޅޭނެ ފިޔަވަޅުތަކާ ބެހޭ ގޮތުން މަޝްވަރާކުރެވުނު މި ބައްދަލުވުމުގައި މެމްބަރު ޤައުމުތަކާ، އޮބްޒާވަރ ސްޓޭޓްތަކުގެ ރައީސުންނާއި، ބޮޑުވަޒީރުންނާއި، ޚާރިޖީ ވަޒީރުންގެ އިތުރުން އިސް އޮފިޝަލުން ބައިވެރިވެވަޑައިގަތެވެ. މި ބައްދަލުވުމުގައި، ކޮވިޑް-19ގެ ސަބަބުން ދިމާވާ ސިއްހީ އަދި އިޤްތިޞާދީ ގޮންޖެހުންތަކުން އަރައިގަތުމުގައި މަލްޓިލޭޓަރިޒަމްގެ އުޞޫލުތައް ކުރިއެރުވުމަށް މަޝްވަރާކުރެވުނެވެ.

މިނިސްޓަރ ޝާހިދުގެ ބަޔާނުގައި ކޮވިޑް-19އިން ރައްކާތެރިވުމަށް ދިވެހިރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކުގެ މައުލޫމާތު މެމްބަރު ޤައުމުތަކާ ހިއްސާ ކުރައްވައި، ވައިރަސްގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވަމުންދާ ގެއްލުންތަކުގެ މައުލޫމާތު ދެއްވިއެވެ. އަދި ރާއްޖެފަދަ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަކީ މައިގަނޑު އެއް ސިނާޢަތަކަށް އިޤްތިޞާދު ބަރޯސާވެފައިވާ ޤައުމުތަކެއްކަން ފާހަގަކުރައްވައި، ބޭރުން އަންނަ ލޮޅުންތަކުގެ އަސަރު އިޤްތިޞާދަށް ވަރަށް ބޮޑަށް ކުރާނެކަމަށް ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ ފަތުރުވެރިކަމަށް ހުއްޓުމެއް އައުމާ ގުޅިގެން ރާއްޖެއަށް ލިބޭ އާމްދަނީ ވަރަށް ބޮޑުތަނުން މިއަހަރު ދަށަށް ދާނެކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝާހިދު ވަނީ ނާމްގެ މެމްބަރުންގެ ގޮތުގައި ތިބި ކުދި ޤައުމުތަކަށް ދިމާވާ މި ގޮންޖެހުންތައް ބައިނަލްއަޤްވާމީ ސަމާލުކަމަށް ގެނައުމަށް އެޖަމާޢަތުގެ މެމްބަރު ޤައުމުތަކަށް ގޮވާލައްވާފައެވެ. އަދި ވަކިން ޚާއްސަކޮށް މިދަނޑިވަޅުގައި ޤައުމުތަކުގެ ބޭރުގެ ދަރަނިތައް އަދާކުރުމުން މަޑުޖައްސާލުމުގެ މުހިއްމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މެމްބަރު ޤައުމުތަކުގެ ތެރޭގައި ހިމެނޭ ކުދި ޤައުމުތަކަށް ބޭނުންވާ އެހީ ހޯދުމަށާއި، ބޮޑެތި ޤައުމުތަކުގެ ފަރާތުން ބޭނުންވާ ދުރުރާސްތާ އެހީ ހޯދުމުގައި ނާމްއިން އިސްދައުރެއް އަދާކުރާނެކަމަށް ކުދި ޤައުމުތަކުން ޤަބޫލުކުރާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިދަނޑިވަޅުގައި ގުޅިގެން މަސައްކަތްކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ރާއްޖޭގެ ތަރައްޤީގެ ބައިވެރިންގެ ފަރާތުން، ޚާއްސަކޮށް ދެކުނު އޭޝިއާ ސަރަހައްދުގެ ޤައުމުތަކުން، ރާއްޖެއަށް ފޯރުކޮށްދެމުންދާ އެހީތެރިކަމަށް މިނިސްޓަރ ޝާހިދު ޝުކުރު އަދާކުރެއްވިއެވެ.

ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތްކުރުމަށް ނާމްގެ ޓާސްކްފޯސްއެއް އެކުލަވާލުމަށް މިސަމިޓްގައި ނިންމި ނިންމުމަށް މިނިސްޓަރ ޝާހިދު ވަނީ މަރުހަބާ ވިދާޅުވެފައެވެ. މެމްބަރު ޤައުމުތަކަށް މިވަގުތު ބޭނުންވާ އަސާސީ ތަކެއްޗާއި ބޭހުގެ ބާވަތްތައް މި ޓާސްކްފޯސްއާއި ހިއްސާކުރުމުން، ޓާސްކްފޯހުން އެހީދޭ ޤައުމުތަކާ، ބައިނަލްއަޤްވާމީ ޖަމްއިއްޔާތައް އަދި ހެޔޮއެދޭ އަމިއްލަ ފަރާތްތައް މެދުވެރިކޮށް މި އެހީތައް ހޯދުމަށް މަސައްކަތްކުރާނެއެވެ.

މީގެ އިތުރުން ކޮވިޑް-19 އާ ދެކޮޅަށް ކުރަމުންދާ މަސައްކަތް ލީޑްކުރުމުގައި އދގެ ސިއްހަތާ ބެހޭ ޖަމްއިއްޔާ ޑަބްލިޔު.އެޗް.އޯ އިން ކުރަމުންދާ މަސައްކަތަށް ރާއްޖޭގެ ފުރިހަމަ ތާޢިދު އޮތްކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ. އަދި މިކަމުން އަރައިގަނެވޭނީ އެންމެ އެކުއެކީ ގުޅިގެން މަސައްކަތްކޮށްގެންކަމަށް ވިދާޅުވެ، އެންމެން އެކަތިގަނޑަކަށް ވުމަށް މިނިސްޓަރ ޝާހިދު ގޮވާލެއްވިއެވެ.

120 މެމްބަރު ޤައުމުގެ މައްޗަށް އެކުލެވޭ ނަންއެލައިންޑް މޫވްމަންޓަކީ އދ ފިޔަވައި ދުނިޔޭގައި އޮތް އެންމެ ބޮޑު އެއް ޖަމްއިއްޔާއެވެ. ރާއްޖެއަކީ 1976 އޮގަސްޓް 15އިން ފެށިގެން ނާމްގެ ހަރަކާތްތެރި މެމްބަރެކެވެ.