ކޮވިޑް-19 އާ ދެކޮޅަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިވުމަށް ޔުނިސެފް މެދުވެރިކޮށް 5،634،468 މިލިއަން ދިވެހި ރުފިޔާ، އަދި ދިވެހި ރެޑް ކްރެސެންޓް މެދުވެރިކޮށް 2،852،700 މިލިއަން ދިވެހި ރުފިޔާ، ޖަޕާން ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ދެއްވައިފިއެވެ.

މިއެހީ ބޭނުން ކުރެވޭނީ މެޑިކަލް އިކުއިޕްމަންޓާއި ބޭހުގެ ބާވަތްތައް ގަތުމުގެ އިތުރުން ސްކޫލްތަކުގައި އޮންލައިންކޮށް  ކިޔަވައިދިނުމަށް ބޭނުންވާ ސިސްޓަމްތައް ޤާއިމްކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.
މިފަދަ އެހީތެރިކަމަކަށް ބޭނުންވެފައިވާ ދަނޑިވަޅެއްގައި ޖަޕާން ސަރުކާރާއި ރައްޔިތުން ފޯރުކޮށްދެއްވި ދީލަތި އެހީތެރިކަމަށްޓަކައި ދިވެހި ސަރުކާރުން ޝުކުރު އަދާކުރެއެވެ. އަދި މިއީ ކޮވިޑް-19 އާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކަށް ލިބިގެން ދިޔަ އިތުރު ކުރިއެރުމެކެވެ.

ޖަޕާނަކީ ޒަމާންތަކެއް ވަންދެން ރާއްޖޭގެ ތަރައްޤީއަށް އެންމެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ އެއް ޤައުމެވެ. އެޤައުމުން ވަނީ ރާއްޖޭގެ ތައުލީމާއި، އުމްރާނީ ތަރައްޤީގެ އިތުރުން މޫސުމީ ބަދަލުތަކަށް އެޑެޕްޓްވުމަށް ހިންގާ ޕްރޮޖެކްޓްތަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި ޖަޕާނަކީ 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާއަށްފަހު ރާއްޖެއަށް އެންމެ ފުރަތަމަ މާލީ އެހީތެރިކަން ފޯރުކޮށްދިން އެއް ޤައުމެވެ.