މުޅި ދުނިޔޭގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، ބަންގްލަދޭޝްގެ ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، އަންނަނިވި ފިޔަވަޅުތައް އެޅުމަށްވަނީ ނިންމާފައެވެ.

1)    26 މާރިޗު 2020 އިން 04 އޭޕްރިލް 2020 އަށް ސަރުކާރުގެ ހުރިހާ އޮފީސްތަކާއި އަމިއްލަ ވިޔަފާރިތައް ބަންދުކުރުން. އަދި މި މުއްދަތުގެ ތެރޭގައި ގިނަ ވަގުތު ބޭރުގައި ނޫޅުމަށާއި، ޒަރޫރީ ބޭނުމަކަށް ނިކުތަސް، ބޭނުން ފުރިހަމަ ކުރުމަށްފަހު، ގެއަށް އެނބުރި ވަނުމަށް ވަނީ އިލްތިމާސްކޮށްފައި.

2)    ހޮސްޕިޓަލް، ފާމަސީ އަދި ކާބޯތަކެތި ވިއްކާ ފިހާރަތައް ފިޔަވައި ހުރިހާ ފިހާރަތައް ބަންދުކުރުން.

3)    ބޭންކްތަކުން ފޯރުކޮށްދޭ ހިދުމަތްތައް މަޑުޖައްސާލުން.

4)    އާއްމު ދަތުރުފަތުރުގެ ހިދުމަތްތައް މަޑުޖައްސާލުން.

ވީމާ، މި ދުވަސްތަކުގެ ތެރޭގައި ބަންގްލަދޭޝްގައި ދިރިއުޅޭ އަދި މިވަގުތު ތިބި ދިވެހިން މިކަމަށް ސަމާލުވުމަށް އެދެމެވެ. އަދި މި ފިޔަވަޅުތަކަށް ބަދަލުއައުން އެކަށީގެންވުމާއެކު، މައުލޫމާތު ސާފުކުރުމަށްވެސް އެދެމެވެ.

މި ދަނޑިވަޅުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި، އެހެން ދަތުރުތައް ނުކުރުމަށް އިލްތިމާސްކުރަމެވެ. އަދި ބަންގްލަދޭޝްގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން އެޤައުމުގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ސަމާލުވުމަށްވެސް އިލްތިމާސްކުރަމެވެ.

އަދި ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުން، މި މިނިސްޓްރީގައި ނުވަތަ އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންގައި ރެޖިސްޓަރ ކުރުމަށްވެސް އިލްތިމާސްކުރަމެވެ. އެގޮތުނބަންގްލަދޭޝްއިން ދަތުރުކުރާ އަދި ބަންގްލަދޭޝްގައި ދިރިއުޅޭ ދިވެހި ރައްޔިތުން އެޤައުމުގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަންގައި ރެޖިސްޓަރ ކުރުމަށް އެދެމެވެ.

މީގެ އިތުރުން، ވައިގެ މަގުން ރާއްޖެ އަންނަ ފަރާތްތަކުގެ ތެރެއިން، ރިޒޯޓުތަކަށް އަންނަ ފަތުރުވެރިން ފިޔަވައި އެހެން ހުރިހާ ފަރާތްތަކެއް (ދިވެހިން އަދި އެކި ވިސާތަކުގައި ރާއްޖެ އެތެރެވާ ހުރިހާ ފަރާތްތަކެއް ހިމެނޭ ގޮތަށް) ސަރުކާރުން ކަނޑައަޅާ ތަނެއްގައި 14 ދުވަހުގެ މުއްދަތަށް ކަރަންޓީން ކުރަން ވަނީ ނިންމާފައެވެ. އެގޮތުން، ރާއްޖެއަށް ދަތުރުކުރުމުގެ ކުރިން، ދަތުރުކުރާ ފަރާތްތަކުގެ ޕާސްޕޯޓް ނަމްބަރާއި ދަތުރު ކުރާ ފްލައިޓްގެ ތަފްސީލް ދުރާލާ މިމިނިސްޓްރީއަށް ނުވަތަ އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަނަކަށް ހިއްސާ ކުރުމަށްވެސް އެދެމެވެ.

ހަމައެހެންމެ، ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިން ޓްރެވަލް އިންޝުއަރެންސް ހޯދުމަކީވެސް، ޚާއްޞަކޮށް މި ދުވަސްވަރު ވަރަށް ބޭނުންތެރި ކަމެއްކަމުގައި މި މިނިސްޓްރީއިން ފާހަގަކުރަމެވެ.