މިމަހުގެ 24 ވަނަ ދުވަހުން ފެށިގެން، ބަންގްލަދޭޝްއިން ވައިގެމަގުން ސީދާ ދަތުރުކުރާ ފަރާތްތަކާއި، މިދިޔަ 14 ދުވަހުގެ ތެރޭގައި ބަންގްލަދޭޝްއަށް ޓްރާންސިޓްކޮށް ނުވަތަ ޒިޔާރަތްކޮށްފައިވާ ފަސިންޖަރުން ދިވެހިރާއްޖެއަށް އައުން ވަގުތީ ގޮތުން މެދުކަނޑާލުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ބަންގްލަދޭޝްއިން ދަތުރުކުރާ އަދި ޓްރާންސިޓްކުރާ ދިވެހި ރައްޔިތުންނަށާއި ދިވެހި ރައްޔިތުންނާ ކައިވެނިކޮށްގެން އުޅޭ ބިދޭސީން ރާއްޖެއަށް އައުމުގައި އެއްވެސް ހުރަހެއް ނެތެވެ. އެހެން ނަމަވެސް، ރާއްޖެއަށް އަންނަ ދިވެހިންނާއި ދިވެހި ރައްޔިތުންނާ ކައިވެނިކޮށްގެން އުޅޭ ބިދޭސީން ސަރުކާރުން ކަނޑައަޅާ ތަނެއްގައި 14 ދުވަހުގެ މުއްދަތަށް ކަރަންޓީން ކުރަން ވަނީ ނިންމާފައެވެ.

ބަންގްލަދޭޝްގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން ބަންގްލަދޭޝްގެ ސަރުކާރުގެ ނިންމުންތަކާއި އެންގެވުންތަކަށް ސަމާލުވެލެއްވުމަށްވެސް އިލްތިމާސްކުރަމެވެ.

އަދި ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުން، މި މިނިސްޓްރީގައި ނުވަތަ އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންގައި ރެޖިސްޓަރ ކުރުމަށްވެސް އިލްތިމާސްކުރަމެވެ. އެގޮތުން، ބަންގްލަދޭޝަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ބަންގްލަދޭޝްގައި ދިރިއުޅޭ ދިވެހި ރައްޔިތުން އެޤައުމުގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަންގައި ރެޖިސްޓަރ ކުރުމަށް އެދެމެވެ. މީގެ އިތުރުން، ރާއްޖެއަށް ދަތުރުކުރުމުގެ ކުރިން، ދަތުރުކުރާ ފަރާތްތަކުގެ ޕާސްޕޯޓް ނަމްބަރާއި ދަތުރު ކުރާ ފްލައިޓްގެ ތަފްސީލް ދުރާލާ މިމިނިސްޓްރީއަށް ނުވަތަ އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަނަކަށް ހިއްސާ ކުރުމަށްވެސް އެދެމެވެ.