މުޅި ދުނިޔޭގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، ބޭރު ޤައުމުތަކުން ދިވެހިރާއްޖެއަށް އެނބުރި ދަތުރު ކުރާ ދިވެހިން، ދިވެހިންނާ ކައިވެނިކޮށްގެން އުޅޭ ބިދޭސީން އަދި އެކި ވިސާތަކުގައި ރާއްޖެ އެތެރެވާ ހުރިހާ ފަރާތްތައް ސަރުކާރުން ކަނޑައަޅާ ތަނެއްގައި 14 ދުވަހުގެ މުއްދަތަށް ކަރަންޓީން ކުރަން ވަނީ ނިންމާފައެވެ.

އެގޮތުން ރާއްޖެއަށް ދަތުރުކުރުމުގެ ކުރިން، ދަތުރުކުރާ ފަރާތްތަކުގެ ޕާސްޕޯޓް ނަމްބަރާއި ދަތުރު ކުރާ ފްލައިޓްގެ ތަފްސީލް ދުރާލާ މިމިނިސްޓްރީއަށް ނުވަތަ އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަނަކަށް ހިއްސާ ކުރުމަށް އެދެމެވެ.

އަދި މި ދަނޑިވަޅުގައި ދިވެހިންނަށް ދިމާވާ ބައެއް ކަހަލަ ދަތިތައް ހުރިކަން ފާހަގަކޮށް، ދިވެހިންނަށް ވީ ވަރަކުން ލުއި ގޮތްތައް ހޯދައިދެވޭތޯ މިމިނިސްޓްރީން ދަނީ މަސައްކަތްކުރަމުންނެވެ.