މުޅި ދުނިޔޭގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، ނޭޕާލްގެ ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، އަންނަނިވި ފިޔަވަޅުތައް އެޅުމަށްވަނީ ނިންމާފައެވެ.

1)    22 މާރިޗު 2020 އިން 31 މާރިޗު 2020 އަށް ފަސިންޖަރުން ގޮވައިގެން ދަތުރުކުރާ ބައިނަލްއަޤްވާމީ ކޮމާޝަލް އެއާލައިންތަކުގެ ދަތުރުތައް ވަގުތީގޮތުން ހުއްޓާލުން.

2)    ނޭޕާލްގެ ސަރުކާރުގެ ގެޒެޓްގައި ބަޔާންކޮށްފައިވާ ހިދުމަތްތައް ފިޔަވައި ސަރުކާރުގެ ހުރިހާ އޮފީސްތަކާއި އަމިއްލަ ވިޔަފާރިތައް ބަންދުކުރުން.

3)    ދީނީ، އިޖްތިމާއީ އަދި ޘަގާފީ ބައްދަލުވުންތައް ހިމެނޭގޮތަށް ހުރިހާ އެއްވުންތައް މަނާކުރުން.

4)    ހުރިހާ ސްކޫލްތަކާއި ކޮލެޖްތަކާއި ޔުނިވަރސިޓީތަކުގައި ކިޔެވުން މެދުކަނޑާލައި، އެ ތަންތަން 12 އޭޕްރިލް 2020 ގެ ނިޔަލަށް ބަންދުކުރުން.

5)    23 މާރިޗު 2020 އިން ފެށިގެން ނޭޕާލްގައި އެއްގަމުމަގުން ކުރާ ދިގު ދަތުރުތައް ހުއްޓާލުން.

ވީމާ، މި ދުވަސްތަކުގެ ތެރޭގައި ނޭޕާލްގައި ދިރިއުޅޭ އަދި މިވަގުތު ތިބި ދިވެހިން މިކަމަށް ސަމާލުވުމަށް އެދެމެވެ. އަދި މި ފިޔަވަޅުތަކަށް ބަދަލުއައުން އެކަށީގެންވުމާއެކު، ދަތުރުކުރުމުގެ ކުރިން މައުލޫމާތު ސާފުކުރުމަށްވެސް އެދެމެވެ.

މި ދަނޑިވަޅުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި، އެހެން ދަތުރުތައް ނުކުރުމަށް އިލްތިމާސްކުރަމެވެ. އަދި ނޭޕާލްގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން އެޤައުމުގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ސަމާލުވުމަށްވެސް އިލްތިމާސްކުރަމެވެ.

އަދި ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުން، މި މިނިސްޓްރީގައި ނުވަތަ އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންގައި ރެޖިސްޓަރ ކުރުމަށްވެސް އިލްތިމާސްކުރަމެވެ. އެގޮތުން، ނޭޕާލްއިން ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ނޭޕާލްގައި ދިރިއުޅޭ ދިވެހި ރައްޔިތުން ޕާކިސްތާންގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަންގައި ރެޖިސްޓަރ ކުރުމަށް އެދެމެވެ.

މީގެ އިތުރުން، ވައިގެ މަގުން ރާއްޖެ އަންނަ ފަރާތްތަކުގެ ތެރެއިން، ރިޒޯޓުތަކަށް އަންނަ ފަތުރުވެރިން ފިޔަވައި އެހެން ހުރިހާ ފަރާތްތަކެއް (ދިވެހިން އަދި އެކި ވިސާތަކުގައި ރާއްޖެ އެތެރެވާ ހުރިހާ ފަރާތްތަކެއް ހިމެނޭ ގޮތަށް) ސަރުކާރުން ކަނޑައަޅާ ތަނެއްގައި 14 ދުވަހުގެ މުއްދަތަށް ކަރަންޓީން ކުރަން ވަނީ ނިންމާފައެވެ. އެގޮތުން، ރާއްޖެއަށް ދަތުރުކުރުމުގެ ކުރިން، ދަތުރުކުރާ ފަރާތްތަކުގެ ޕާސްޕޯޓް ނަމްބަރާއި ދަތުރު ކުރާ ފްލައިޓްގެ ތަފްސީލް ދުރާލާ މިމިނިސްޓްރީއަށް ނުވަތަ އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަނަކަށް ހިއްސާ ކުރުމަށްވެސް އެދެމެވެ.

ހަމައެހެންމެ، ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިން ޓްރެވަލް އިންޝުއަރެންސް ހޯދުމަކީވެސް، ޚާއްޞަކޮށް މި ދުވަސްވަރު ވަރަށް ބޭނުންތެރި ކަމެއްކަމުގައި މި މިނިސްޓްރީއިން ފާހަގަކުރަމެވެ.