މުޅި ދުނިޔޭގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، ބޭރު ޤައުމުތަކުން ދިވެހިރާއްޖެއަށް އެނބުރި ދަތުރު ކުރާ އަދި ބޭރު ޤައުމުތަކުގައި ދިރިއުޅޭ ދިވެހިންނަށް ކޮންސިއުލަރ ހިދުމަތް ފޯރުކޮށްދިނުމަށް، މި މިނިސްޓްރީންނާއި ބޭރު ޤައުމުތަކުގައި ޤާއިމް ކުރެވިފައިވާ ރާއްޖޭގެ އެކިއެކި ޑިޕްލޮމެޓިކް މިޝަންތަކުން މިދަނީ މަސައްކަތް ކުރަމުންނެވެ.

އަދި މި ދަނޑިވަޅުގައި ބޭރު ޤައުމުތަކުގައި ދިރިއުޅުމުގައާއި ބޭރު ޤައުމުތަކުން ދަތުރު ކުރުމުގައާއި އެ ޤައުމުތަކަށް ދިޔުމުގައި ބައެއް ކަހަލަ ދަތިތައް ހުރިކަން ފާހަގަކުރަމެވެ. މި މިނިސްޓްރީން ދަނީ މިފަދަ ދަތިތަކާ ގުޅޭ މަޢުލޫމާތު ވީ އެންމެ އަވަހަކަށް ފޯރުކޮށްދީ، ދިވެހިންނަށް ވީ ވަރަކުން ލުއި ގޮތްތައް ހޯދައިދެވޭތޯ މަސައްކަތް ކުރަމުންނެވެ. އެހެން ނަމަވެސް މިފަދަ ދަނޑިވަޅެއްގައި ބައެއް ކަހަލަ ދަތިތައް ދިމާވާނެކަން އެންމެންވެސް ޤަބޫލުކުރާނެކަން މި މިނިސްޓްރީން ޔަޤީންކުރަމެވެ.

ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުން، މި މިނިސްޓްރީގައި ނުވަތަ އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަނެއްގައި ރެޖިސްޓަރ ކުރުމަށްވެސް އިލްތިމާސްކުރަމެވެ.

މީގެ އިތުރުން، ވައިގެ މަގުން ރާއްޖެ އަންނަ ފަރާތްތަކުގެ ތެރެއިން، ރިޒޯޓުތަކަށް އަންނަ ފަތުރުވެރިން ފިޔަވައި އެހެން ހުރިހާ ފަރާތްތަކެއް (ދިވެހިން އަދި އެކި ވިސާތަކުގައި ރާއްޖެ އެތެރެވާ ހުރިހާ ފަރާތްތަކެއް ހިމެނޭ ގޮތަށް) ސަރުކާރުން ކަނޑައަޅާ ތަނެއްގައި 14 ދުވަހުގެ މުއްދަތަށް ކަރަންޓީން ކުރަން ވަނީ ނިންމާފައެވެ. އެގޮތުން، ރާއްޖެއަށް ދަތުރުކުރުމުގެ ކުރިން، ދަތުރުކުރާ ފަރާތްތަކުގެ ޕާސްޕޯޓް ނަމްބަރާއި ދަތުރު ކުރާ ފްލައިޓްގެ ތަފްސީލް މި މިނިސްޓްރީ އަށް ނުވަތަ އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަނަކަށް ހިއްސާ ކުރުމަށްވެސް އެދެމެވެ.

މީގެ އިތުރުން، މި ދަނޑިވަޅުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި، އެހެން ދަތުރުތައް ނުކުރުމަށް އިލްތިމާސްކުރަމެވެ. އަދި ބޭރު ޤައުމުތަކުގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން އެޤައުމެއްގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ސަމާލުވުމަށްވެސް އިލްތިމާސްކުރަމެވެ.