މުޅި ދުނިޔޭގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، ތައިލެންޑްގެ ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، 22 މާރިޗު 2020 ވާ އާދީއްތަ ދުވަހުގެ ރޭ ތައިލެންޑް ގަޑިން 00:00 އިން ފެށިގެން، އަންނަނިވި ފިޔަވަޅުތައް އެޅުމަށް ވަނީ ނިންމާފައެވެ.

1)    ތައިލެންޑަށް ދަތުރުކުރާ ހުރިހާ ބިދޭސީންނާއި ފަތުރުވެރިން، އެޤައުމުގެ ސަރުކާރުން ނިންމާ ގޮތުގެމަތިން ކަރަންޓީންކުރުން، އެކަހެރިކުރުން، އޮބްޒާވްކުރުން އަދި އެހެނިހެން ފިޔަވަޅުތައް އެޅޭނެ.

2)    ތައިލެންޑަށް ވަންނަ އިރު، ކޯވިޑް-19 ޖެހުމުގެ ފުރުސަތު ނެތްކަން ކަށަވަރުކޮށްދޭ، 3 ދުވަސް ހަމަ ނުވާ ހެލްތު ސެޓްފިކެޓެއް ހުށަހެޅުން.

3)    ތައިލެންޑަށް ވަންނަ އިރު، އެންމެ މަދުވެގެން $100,000 ގެ މެޑިކަލް އިންޝުއަރެންސް ޕޮލިސީ އެއް ހުށަހެޅުން.

ވީމާ، މި ދުވަސްތަކުގެ ތެރޭގައި ތައިލޭންޑްގައި ދިރިއުޅޭ އަދި ތައިލޭންޑަށް ދަތުރުކުރާ ދިވެހިން މިކަމަށް ސަމާލުވުމަށް އެދެމެވެ. އަދި މި ފިޔަވަޅުތަކަށް ބަދަލުއައުން އެކަށީގެންވުމާއެކު، ދަތުރުކުރުމުގެ ކުރިން މައުލޫމާތު ސާފުކުރުމަށްވެސް އެދެމެވެ.

މީގެ އިތުރުން، މި ދަނޑިވަޅުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި، އެހެން ދަތުރުތައް ނުކުރުމަށް އިލްތިމާސްކުރަމެވެ. އަދި ތައިލެންޑަށް ދަތުރުކުރާ އަދި މި ވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން އެޤައުމުގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ސަމާލުވުމަށްވެސް އިލްތިމާސްކުރަމެވެ.

އަދި ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުން، މި މިނިސްޓްރީގައާއި އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންގައި ރެޖިސްޓަރ ކުރުމަށްވެސް އިލްތިމާސްކުރަމެވެ. އެގޮތުން، ތައިލެންޑަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ތައިލެންޑްގައި ދިރިއުޅޭ ދިވެހި ރައްޔިތުން އެޤައުމުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި ރެޖިސްޓަރ ކުރުމަށް އެދެމެވެ.

ހަމައެހެންމެ، ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިން ޓްރެވަލް އިންޝުއަރެންސް ހޯދުމަކީވެސް، ޚާއްޞަކޮށް މި ދުވަސްވަރު ވަރަށް ބޭނުންތެރި ކަމެއްކަމުގައި މި މިނިސްޓްރީއިން ފާހަގަކުރަމެވެ.