މުޅި ދުނިޔޭގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، 18 މާރިޗު 2020 އިން 31 މާރިޗު 2020 އަށް މެލޭޝިޔާ ސަރުކާރުން ކުރިއަށް ގެންދާ "މޫވްމަންޓް ކޮންޓްރޯލް އޯޑަރ" ގެ ދަށުން، އެ ޤައުމުގައި ތިއްބާ ވިސާގެ މުއްދަތު ހަމަވާ ބިދޭސީންނަށް، މުއްދަތު ހަމަނުވާ ޕާސްޕޯޓެއް އޮތްނަމަ، ސްޕެޝަލް ޕާސް އަކާ ނުލާ ފުރޭނެކަމަށް އެ ޤައުމުން ވަނީ އަންގާފައެވެ.

ވީމާ، މިވަގުތު މެލޭޝިޔާގައި ތިބި ދިވެހިން މިކަމަށް ސަމާލުވުމަށް އެދެމެވެ. އަދި މި ފިޔަވަޅުތަކަށް ބަދަލުއައުން އެކަށީގެންވުމާއެކު، ދަތުރުކުރުމުގެ ކުރިން މައުލޫމާތު ސާފުކުރުމަށްވެސް އެދެމެވެ.

މީގެ އިތުރުން، މި ދަނޑިވަޅުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި، އެހެން ދަތުރުތައް ނުކުރުމަށް އިލްތިމާސްކުރަމެވެ. އަދި މެލޭޝިޔާގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން އެޤައުމުގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ސަމާލުވުމަށްވެސް އިލްތިމާސްކުރަމެވެ.

އަދި ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުން، މި މިނިސްޓްރީގައާއި އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންގައި ރެޖިސްޓަރ ކުރުމަށްވެސް އިލްތިމާސްކުރަމެވެ. އެގޮތުން، މެލޭޝިޔާގައި ދިރިއުޅޭ ދިވެހި ރައްޔިތުން މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަންގައި ރެޖިސްޓަރ ކުރުމަށް އެދެމެވެ.

ހަމައެހެންމެ، ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިން ޓްރެވަލް އިންޝުއަރެންސް ހޯދުމަކީވެސް، ޚާއްޞަކޮށް މި ދުވަސްވަރު ވަރަށް ބޭނުންތެރި ކަމެއްކަމުގައި މި މިނިސްޓްރީއިން ފާހަގަކުރަމެވެ.