މުޅި ދުނިޔޭގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، އޮސްޓްރޭލިއާގެ ސަރުކާރުން ވަނީ އެ ޤައުމުގެ ރައްޔިތުން ފިޔަވައި، އެހެން ފަރާތްތަކުން އެ ޤައުމަށް އެތެރެވުން 20 މާރިޗު 2020 (އޮސްޓްރޭލިއާ އީސްޓަން ސްޓެންޑަޑް ޓައިމްއިން ރޭގަނޑު 9 ން ފެށިގެން) މަނާކޮށްފައެވެ. އޮސްޓްރޭލިއާގެ ރައްޔިތުންނާއި، ދާއިމީ ރައްވެހިންނާއި، އެމީހުންގެ ގާތް އާއިލީ ބޭފުޅުން (ފުރަތަމަ ދަރަޖައިގެ އާއިލީ ގުޅުން އޮންނަ ބޭފުޅުން) އޮސްޓްރޭލިއާއަށް އެތެރެވުމަށްފަހު، 14 ދުވަހު ގޭގައި ހޯމް އައިސޮލޭޝަންގައި ތިބެން ޖެހޭނެކަމަށްވެސް އިއުލާނުކޮށްފައިވެއެވެ.

ވީމާ، މި ދުވަސްތަކުގެ ތެރޭގައި އޮސްޓްރޭލިއާގައި ދިރިއުޅޭ އަދި އޮސްޓްރޭލިއާއަށް ދަތުރުކުރުމަށް ގަސްދުކުރާ ދިވެހިން މިކަމަށް ސަމާލުވުމަށް އެދެމެވެ. އަދި މި ފިޔަވަޅުތަކަށް ބަދަލުއައުން އެކަށީގެންވުމާއެކު، ދަތުރުކުރުމުގެ ކުރިން މައުލޫމާތު ސާފުކުރުމަށްވެސް އެދެމެވެ.

މީގެ އިތުރުން، މި ދަނޑިވަޅުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި، އެހެން ދަތުރުތައް ނުކުރުމަށް އިލްތިމާސްކުރަމެވެ. އަދި އޮސްޓްރޭލިއާގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން އެޤައުމުގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ސަމާލުވުމަށްވެސް އިލްތިމާސްކުރަމެވެ.

އަދި ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުން، މި މިނިސްޓްރީގައާއި އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންގައި ރެޖިސްޓަރ ކުރުމަށްވެސް އިލްތިމާސްކުރަމެވެ. އެގޮތުން، އޮސްޓްރޭލިއާއަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި އޮސްޓްރޭލިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުން ސިންގަޕޫރުގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަންގައި ރެޖިސްޓަރ ކުރުމަށް އެދެމެވެ.

ހަމައެހެންމެ، ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިން ޓްރެވަލް އިންޝުއަރެންސް ހޯދުމަކީވެސް، ޚާއްޞަކޮށް މި ދުވަސްވަރު ވަރަށް ބޭނުންތެރި ކަމެއްކަމުގައި މި މިނިސްޓްރީއިން ފާހަގަކުރަމެވެ.