މުޅި ދުނިޔޭގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، ފިލިޕީންސްގެ ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، 17 މާރިޗު 2020 ވަނަ ދުވަހުގެ ރޭ 00:00 އިން 13 އޭޕްރިލް 2020 ވަނަ ދުވަހުގެ ރޭ 00:00 އަށް، އެ ޤައުމުގައި "އެންހޭންސްޑް ކޮމިއުނިޓީ ކަރަންޓީން" ގެ ހާލަތު ވަނީ އިއުލާންކޮށްފައެވެ. މި މުއްދަތުގެ ތެރޭގައި އެ ޤައުމުން ފުރާ ފަރާތްތައް ފިޔަވައި، އެހެން ފަރާތްތަކަށް އަންނަނިވި ކަންތައްތައް މަނާކުރަން ވަނީ ނިންމާފައެވެ.  

1)    މިހާރު އޮތް ވިސާ އެހެން ކެޓެގަރީއެއްގެ ވިސާ އަކަށް ބަދަލުކުރުން.

2)    ފިލިޕީންސްގެ ރައްޔިތަކަށް ވުމަށްޓަކައި ސިޓިޒަންޝިޕް އެޕްލިކޭޝަނެއް ހުށަހެޅުން.

3)    ޓޫރިސްޓް ވިސާގެ މުއްދަތު އިތުރުކުރުމަށް ހުށަހެޅުން.

4)    ހާއްސަ ވަރކް ޕަރމިޓަކަށް އެދުން.

މީގެ އިތުރުން، މަތީގައި ބަޔާންކޮށްފައިވާ "އެންހޭންސްޑް ކޮމިއުނިޓީ ކަރަންޓީން" ހާލަތުގެ މުއްދަތުގެ ތެރޭގައި އެއްވެސް ފަރާތެއްގެ ވިސާ ހަމަވެއްޖެނަމަ، "އެންހޭންސްޑް ކޮމިއުނިޓީ ކަރަންޓީން" ހާލަތުގެ މުއްދަތު ހަމަވުމުގެ ފަހުން، 30 ދުވަހުގެ ތެރޭގައި އެ ފަރާތެއްގެ ވިސާގެ މުއްދަތު އިތުރުކުރަން ހުށަހެޅޭނެކަމަށް ވަނީ އަންގާފައެވެ.

ވީމާ، މި ދުވަސްތަކުގެ ތެރޭގައި ފިލިޕީންސްގައި ދިރިއުޅޭ އަދި މިވަގުތު ތިބި ދިވެހިން މިކަމަށް ސަމާލުވުމަށް އެދެމެވެ. އަދި މި ފިޔަވަޅުތަކަށް ބަދަލުއައުން އެކަށީގެންވުމާއެކު، ދަތުރުކުރުމުގެ ކުރިން މައުލޫމާތު ސާފުކުރުމަށްވެސް އެދެމެވެ.

މީގެ އިތުރުން، މި ދަނޑިވަޅުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި، އެހެން ދަތުރުތައް ނުކުރުމަށް އިލްތިމާސްކުރަމެވެ. އަދި ފިލިޕީންސްގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން އެޤައުމުގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ސަމާލުވުމަށްވެސް އިލްތިމާސްކުރަމެވެ.

އަދި ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުން، މި މިނިސްޓްރީގައާއި އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންގައި ރެޖިސްޓަރ ކުރުމަށްވެސް އިލްތިމާސްކުރަމެވެ. އެގޮތުން، ފިލިޕީންސްއަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ފިލިޕީންސްގައި ދިރިއުޅޭ ދިވެހި ރައްޔިތުން ބަންގްލަޑޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަންގައި ރެޖިސްޓަރ ކުރުމަށް އެދެމެވެ.

ހަމައެހެންމެ، ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިން ޓްރެވަލް އިންޝުއަރެންސް ހޯދުމަކީވެސް، ޚާއްޞަކޮށް މި ދުވަސްވަރު ވަރަށް ބޭނުންތެރި ކަމެއްކަމުގައި މި މިނިސްޓްރީއިން ފާހަގަކުރަމެވެ.