މުޅި ދުނިޔޭގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، ސްރީލަންކާގެ ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، 14 މާރިޗު 2020 އިން 12 އޭޕްރިލް 2020 އާ ދެތެރޭ އެ ޤައުމުގައި އުޅޭ ބިދޭސީންނަށް ލިބިފައިވާ ހުރިހާ ކެޓަގަރީއެއްގެ ވިސާ 30 ދުވަހުގެ މުއްދަތަކަށް އިތުރުކުރަން ވަނީ ނިންމާފައެވެ.

މިގޮތުން، މަތީގައި ބަޔާންކޮށްފައިވާގޮތަށް ވިސާގެ މުއްދަތު އިތުރު ކޮށްފައިވާ ފަރާތްތައް، އެކަމަށް ދައްކަންޖެހޭ ފީ ދެއްކުމަށާއި ޕާސްޕޯޓްގައި އެކަމާ ގުޅުންހުރި ސްޓޭމްޕް ޖެހުމަށްޓަކައި، 8 ނޫނީ 9 އޭޕްރިލް 2020 ގައި ސްރީލަންކާގެ ޑިޕާޓްމެންޓް އޮފް އިމިގްރޭޝަންގެ ވިސާ ޑިވިޜަން އަށް ހާޒިރު ވުމަށް ވެސް ވަނީ އެދިފައެވެ.

އަދި، 1 މާރިޗު 2020 އިން 15 މާރިޗު 2020 އާ ދެމެދު، އިރާން، ދެކުނު ކޮރެއާ އަދި ޔޫރަޕުގެ އެއްވެސް ޤައުމަކުން ސްރީލަންކާއަށް ދަތުރުކުރުމަށްފަހު މިވަގުތު އެޤައުމުގައި ތިބި ހުރިހާ ފަރާތްތައް، ވީ އެންމެ އަވަސް ފުރުސަތެއްގައި އެފަރާތާ އެންމެ ކައިރީގައި ހުރި ޕޮލިސް ސްޓޭޝަންގައި ނޫނީ 119 ކޯލް ސެންޓަރ އަށް ގުޅައިގެން ރެޖިސްޓަރ ކުރުމަށްވެސް ވަނީ އަންގާފައެވެ.

ވީމާ، މި ދުވަސްތަކުގެ ތެރޭގައި ސްރީލަންކާގައި ދިރިއުޅޭ ދިވެހިން މިކަމަށް ސަމާލުވުމަށް އެދެމެވެ. އަދި މި ފިޔަވަޅުތަކަށް ބަދަލުއައުން އެކަށީގެންވުމާއެކު، ދަތުރުކުރުމުގެ ކުރިން މައުލޫމާތު ސާފުކުރުމަށްވެސް އެދެމެވެ.

މީގެ އިތުރުން، މި ދަނޑިވަޅުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި، އެހެން ދަތުރުތައް ނުކުރުމަށް އިލްތިމާސްކުރަމެވެ. އަދި ސްރީލަންކާގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން އެޤައުމުގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ސަމާލުވުމަށްވެސް އިލްތިމާސްކުރަމެވެ.