މުޅި ދުނިޔޭގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، ދިވެހިރާއްޖޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޤާނޫނު ނަންބަރު 7/2012 (އާންމު ސިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ ދަށުން އަޅަން ޖެހޭ ހާއްސަ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމަށްޓަކައި، 12 މާރިޗު 2020 ގައި ވަނީ އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާންކޮށްފައެވެ.

މަތީގައި ބަޔާންކޮށްފައިވާ ޤާނޫނުގެ ދަށުން، 18 މާރިޗު 2020 ވަނަ ދުވަހުގެ ރޭ 12:00 އިން ފެށިގެން ވަކި ގޮތެއް އަންގަންދެން، ކޯވިޑް-19 އާ ގުޅިގެން މިހާތަނަށް ދިވެހިރާއްޖޭއަށް އެތެރެވުން މަނާކޮށްފައިވާ ޤައުމުތައް ނުވަތަ ސަރަހައްދުތައް ފިޔަވައި އެހެނިހެން ޤައުމުތަކުން އަންނަ ދިވެހިން 14 ދުވަހުގެ މުއްދަތަކަށް ގޭގައި އެކަހެރިކުރަން (ހޯމް އައިސޮލޭޝަން) ވަނީ ނިންމާފައެވެ.   

ވީމާ، މި ދުވަސްތަކުގެ ތެރޭގައި ބޭރު ޤައުމުތަކުން ދިވެހިރާއްޖެއަށް ދަތުރުކުރަން ގަސްދުކުރާ ދިވެހިން މިކަމަށް ސަމާލުވުމަށް އެދެމެވެ.

މީގެ އިތުރުން، މި ދަނޑިވަޅުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި، އެހެން ދަތުރުތައް ނުކުރުމަށް އިލްތިމާސްކުރަމެވެ. އަދި ބޭރު ޤައުމުތަކުގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން އެޤައުމެއްގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ސަމާލުވުމަށްވެސް އިލްތިމާސްކުރަމެވެ.

އަދި ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުން، މި މިނިސްޓްރީގައާއި އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަނެއްގައި ރެޖިސްޓަރ ކުރުމަށްވެސް އިލްތިމާސްކުރަމެވެ.

ހަމައެހެންމެ، ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިން ޓްރެވަލް އިންޝުއަރެންސް ހޯދުމަކީވެސް، ޚާއްޞަކޮށް މި ދުވަސްވަރު ވަރަށް ބޭނުންތެރި ކަމެއްކަމުގައި މި މިނިސްޓްރީއިން ފާހަގަކުރަމެވެ.