މުޅި ދުނިޔޭގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، ޔޫކްރެއިންގެ ސަރުކާރުން ވަނީ 16 މާރިޗު 2020 ން ފެށިގެން 3 އޭޕްރިލް 2020 އާ ހަމައަށް، ބިދޭސީންނަށާއި "ސްޓޭޓްލަސް ޕާސަންސް" އެ ޤައުމަށް އެތެރެވުން ވަގުތީގޮތުން މަނާކޮށްފައެވެ. އެހެންނަމަވެސް، ޔޫކްރެއިނަށް އެތެރެވުމުގައި ތިރީގައި ދަންނަވާފައިވާ ފަރާތްތައް އިސްތިސްނާވެއެވެ.

1.    ޔޫކްރެއިންގެ ދާއިމީ އަދި ވަގުތީ ރަށްވެހިން
2.    ޔޫކްރެއިންގެ ރައްޔިތަކާ އިނދެގެން އުޅޭ ފަރާތްތަކާއި އަދި ޔޫކްރެއިންގެ ރައްޔިތުންގެ ދަރިން
3.    ޔޫކްރެއިނަށް ކަނޑައަޅާފައި ހުންނަ ޑިޕްލޮމެޓިކް އަދި ކޮންސިއުލަރ މިޝަންތަކަށް ނިސްބަތްވާ ފަރާތްތަކާއި އެފަރާތްތަކުގެ އާއިލާ

މަތީގައި ދަންނަވާފައިވާ ފަރާތްތައް ފިޔަވާ އެހެން ފަރާތްތައް ޔޫކްރެއިނަށް އެތެރެވެވޭނީ އެ ޤައުމުގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޚާއްސަ ހުއްދައަކާއެކުގައެވެ. ވީމާ، ޔޫކްރެއިނަށް ދަތުރުކުރަން ގަސްދުކުރާ ދިވެހިން މިކަމަށް ސަމާލުވުމަށް އެދެމެވެ. އަދި މި ފިޔަވަޅުތަކަށް ބަދަލުއައުން އެކަށީގެންވުމާއެކު، ދަތުރުކުރުމުގެ ކުރިން މައުލޫމާތު ސާފުކުރުމަށްވެސް އެދެމެވެ.

މީގެ އިތުރުން، މި ދަނޑިވަޅުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި، އެހެން ދަތުރުތައް ނުކުރުމަށް އިލްތިމާސްކުރަމެވެ. އަދި ޔޫކްރެއިންގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން އެޤައުމުގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ސަމާލުވުމަށްވެސް އިލްތިމާސްކުރަމެވެ.

އަދި ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުން، މި މިނިސްޓްރީގައާއި އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަނެއްގައި ރެޖިސްޓަރ ކުރުމަށްވެސް އިލްތިމާސްކުރަމެވެ.

ހަމައެހެންމެ، ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިން ޓްރެވަލް އިންޝުއަރެންސް ހޯދުމަކީވެސް، ޚާއްޞަކޮށް މި ދުވަސްވަރު ވަރަށް ބޭނުންތެރި ކަމެއްކަމުގައި މި މިނިސްޓްރީއިން ފާހަގަކުރަމެވެ.