މުޅި ދުނިޔޭގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، ރަޝިޔާގެ ސަރުކާރުން ވަނީ 18 މާރިޗު 2020 ން ފެށިގެން 1 މޭ 2020 އާ ހަމައަށް، ބޭރު ޤައުމުތަކުގެ ޑިޕްލޮމަޓިކް އަދި ކޮންސިއުލާ އޮފީސްތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ފިޔަވައި، އެހެން ބިދޭސީންނަށް އެ ޤައުމަށް އެތެރެވުން ވަގުތީގޮތުން މަނާކޮށްފައެވެ.

ވީމާ، މި ދުވަސްތަކުގެ ތެރޭގައި ރަޝިޔާއަށް ދަތުރުކުރަން ގަސްދުކުރާ ދިވެހިން މިކަމަށް ސަމާލުވުމަށް އެދެމެވެ. އަދި މި ފިޔަވަޅުތަކަށް ބަދަލުއައުން އެކަށީގެންވުމާއެކު، ދަތުރުކުރުމުގެ ކުރިން މައުލޫމާތު ސާފުކުރުމަށްވެސް އެދެމެވެ.

މީގެ އިތުރުން، މި ދަނޑިވަޅުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި، އެހެން ދަތުރުތައް ނުކުރުމަށް އިލްތިމާސްކުރަމެވެ. އަދި ރަޝިޔާގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން އެޤައުމުގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ސަމާލުވުމަށްވެސް އިލްތިމާސްކުރަމެވެ.
އަދި ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުން، މި މިނިސްޓްރީގައާއި އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަނެއްގައި ރެޖިސްޓަރ ކުރުމަށްވެސް އިލްތިމާސްކުރަމެވެ.


ހަމައެހެންމެ، ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިން ޓްރެވަލް އިންޝުއަރެންސް ހޯދުމަކީވެސް، ޚާއްޞަކޮށް މި ދުވަސްވަރު ވަރަށް ބޭނުންތެރި ކަމެއްކަމުގައި މި މިނިސްޓްރީއިން ފާހަގަކުރަމެވެ.