މުޅި ދުނިޔޭގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، ވިއެޓްނާމްގެ ސަރުކާރުން ވަނީ 18 މާރިޗު 2020 ގެ ދަންވަރު 00:00 އިން ފެށިގެން ފަތުރުވެރިންނާއި ބިދޭސީން އެ ޤައުމަށް ވަނުން މަނާކޮށްފައެވެ.  

ވިއެޓްނާމްގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން ވިއެޓްނާމްގެ ސަރުކާރުގެ ނިންމުންތަކާއި އެންގެވުންތަކަށް ސަމާލުވުމަށް އެދެމެވެ.

 އަދި ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުން، މި މިނިސްޓްރީގައާއި އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންގައި ރެޖިސްޓަރ ކުރުމަށްވެސް އިލްތިމާސްކުރަމެވެ. އެގޮތުން، ވިއެޓްނާމްއަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ވިއެޓްނާމްގައި ދިރިއުޅޭ ދިވެހި ރައްޔިތުން މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަންގައި ރެޖިސްޓަރ ކުރުމަށް އެދެމެވެ.

ހަމައެހެންމެ، ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިން ޓްރެވަލް އިންޝުއަރެންސް ހޯދުމަކީވެސް، ޚާއްޞަކޮށް މި ދުވަސްވަރު ވަރަށް ބޭނުންތެރި ކަމެއްކަމުގައި މި މިނިސްޓްރީއިން ފާހަގަކުރަމެވެ.