މުޅި ދުނިޔޭގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، ކަޒަކްސްތާންގެ ސަރުކާރުން ވަނީ ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާންކޮށް، 16 މާރިޗު 2020 ގެ ހެނދުނު 08:00 އިން ފެށިގެން އަންނަނިވި ފަރާތްތައް ފިޔަވައި އެ ޤައުމަށް ވަދެނިކުތުން މަނާކުރުމަށް ނިންމާފައެވެ.

1)    16 މާރިޗު 2020 ހެނދުނު 08:00 ކުރިން އެ ޤައުމަށް އެތެރެވެފައި، އެނބުރި ޤައުމަށް ދަތުރުކުރަން ގަސްދުކުރާ ފަތުރުވެރިންނާއި ބިދޭސީން.

2)    ކަޒަކްސްތާން ރައްޔިތުންނާ ކައިވެނިކޮށްގެން އުޅޭ ބިދޭސީން.

3)    ކަޒަކްސްތާންގެ މިނިސްޓްރީ އޮފް އެފެއާޒްގެ ދައުވަތަކަށް އެ ޤައުމަށް ދަތުރުކުރާ އެހެން ޤައުމުތަކުގެ ޑިޕްލޮމެޓުން.

4)    ކަނޑުމަގުން ދަތުރު ކުރާ އުޅަނދުތަކާއި މަތިންދާ ބޯޓުތަކުގައި މަސައްކަތް ކުރާ ކްރޫއިން.

ކަޒަކްސްތާންގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން ކަޒަކްސްތާންގެ ސަރުކާރުގެ ނިންމުންތަކާއި އެންގެވުންތަކަށް ސަމާލުވުމަށް އެދެމެވެ.

 އަދި ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުން، މި މިނިސްޓްރީގައާއި އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންގައި ރެޖިސްޓަރ ކުރުމަށްވެސް އިލްތިމާސްކުރަމެވެ. އެގޮތުން، ކަޒަކްސްތާންއަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ކަޒަކްސްތާންގައި ދިރިއުޅޭ ދިވެހި ރައްޔިތުން ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަންގައި ރެޖިސްޓަރ ކުރުމަށް އެދެމެވެ.

ހަމައެހެންމެ، ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިން ޓްރެވަލް އިންޝުއަރެންސް ހޯދުމަކީވެސް، ޚާއްޞަކޮށް މި ދުވަސްވަރު ވަރަށް ބޭނުންތެރި ކަމެއްކަމުގައި މި މިނިސްޓްރީއިން ފާހަގަކުރަމެވެ.