މުޅި ދުނިޔޭގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، ބަންގްލަދޭޝް ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، 16 މާރިޗު 2020 ގެ މެންދުރު 12.00 އިން ފެށިގެން އޮން-އެރައިވަލް ވިސާ ލިބޭ ހުރިހާ ޤައުމަކަށްވެސް މި ޚިދުމަތް ވަގުތީގޮތުން ހުއްޓާލެވިފައިވާތީ، ޑިޕްލޮމެޓިކް ޕާސްޕޯޓް ގެންގުޅޭ ބޭފުޅުން ފިޔަވައި ހުރިހާ ދިވެހި ރައްޔިތުންނަށްވެސް ބަންގްލަދޭޝް އަށް ޒިޔާރަތް ކުރުމުގައި އޮންނަ އޮން-އެރައިވަލް ވިސާގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލެވިފައިވާކަން ދަންނަވަމެވެ. ހަމަ އެހެންމެ ދިވެހިރާއްޖެއާއި ބަންގްލަދޭޝް އާއި ދެމެދު ވައިގެ ދަތުރުފަތުރު ވަގުތީގޮތުން މެދުކަނޑާލައިފައިވާކަންވެސް ފާހަގަ ކުރަމެވެ.

މީގެ އިތުރުން، ކޮވިޑް-19 ފެނިފައިވާ ޤައުމުތަކުން ބަންގްލަދޭޝްއަށް ދަތުރުކުރާ ހުރިހާ ދަތުރުވެރިންވެސް 14 ދުވަހުގެ ކަރަންޓީންގައި ތިބެންޖެހޭނެކަންވެސް އަންގަވާފައިވެއެވެ.

ބަންގްލަދޭޝްގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން ބަންގްލްދޭޝްގެ ސަރުކާރުގެ ނިންމުންތަކާއި އެންގެވުންތަކަށް ސަމާލުވެލެއްވުމަށް ދަންނަވަމެވެ.

އަދި ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުން، މި މިނިސްޓްރީގައާއި އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންގައި ރެޖިސްޓަރ ކުރުމަށްވެސް އިލްތިމާސްކުރަމެވެ. އެގޮތުން، ބަންގްލަދޭޝްއަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ބަންގްލަދޭޝްގައި ދިރިއުޅޭ ދިވެހި ރައްޔިތުން ބަންގްލަޑޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަންގައި ރެޖިސްޓަރ ކުރުމަށް އެދެމެވެ.
ހަމައެހެންމެ، ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިން ޓްރެވަލް އިންޝުއަރެންސް ހޯދުމަކީވެސް، ޚާއްޞަކޮށް މި ދުވަސްވަރު ވަރަށް ބޭނުންތެރި ކަމެއްކަމުގައި މި މިނިސްޓްރީއިން ފާހަގަކުރަމެވެ.