މިމަހުގެ 19 ވަނަ ދުވަހުން ފެށިގެން، އިނގިރޭސިވިލާތުން ވައިގެމަގުން ސީދާ ދަތުރުކުރާ ފަރާތްތަކާއި، މިދިޔަ 14 ދުވަހުގެ ތެރޭގައި (19 މާރިޗު 2020 އާ ހަމައަށް)، އިނގިރޭސިވިލާތަށް ޓްރާންސިޓްކޮށް، ނުވަތަ ޒިޔާރަތްކޮށްފައިވާ ފަސިންޖަރުން ދިވެހިރާއްޖެއަށް އައުން ވަގުތީ ގޮތުން މެދުކަނޑާލުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ނަމަވެސް، އިނގިރޭސިވިލާތުން ދަތުރުކުރާ އަދި ޓްރާންސިޓްކުރާ ދިވެހި ރައްޔިތުންނަށާއި ދިވެހި ރައްޔިތުންނާ ކައިވެނިކޮށްގެން އުޅޭ ބިދޭސީން ރާއްޖެއަށް އައުމުގައި އެއްވެސް ހުރަހެއް ނެތްކަމުގައި ދެންނެވީމެވެ. އަދި ރާއްޖެއަށް އަންނަ ދިވެހިންނާއި ދިވެހި ރައްޔިތުންނާ ކައިވެނިކޮށްގެން އުޅޭ ބިދޭސީން 14 ދުވަހު ކަރަންޓީނުގައި މަޑުކުރައްވަންޖެހޭނެކަމުގައި ދެންނެވީމެވެ.

އިނގިރޭސިވިލާތުގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން އިނގިރޭސިވިލާތުގެ ސަރުކާރުގެ ނިންމުންތަކާއި އެންގެވުންތަކަށް ސަމާލުވެލެއްވުމަށް ދަންނަވަމެވެ.

އަދި ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުން، މި މިނިސްޓްރީގައާއި އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންގައި ރެޖިސްޓަރ ކުރުމަށްވެސް އިލްތިމާސްކުރަމެވެ. އެގޮތުން، އިނގިރޭސިވިލާތަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި އިނގިރޭސިވިލާތުގައި ދިރިއުޅޭ ދިވެހި ރައްޔިތުން އިނގިރޭސިވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަންގައި ރެޖިސްޓަރ ކުރުމަށް އެދެމެވެ.

ހަމައެހެންމެ، ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިން ޓްރެވަލް އިންޝުއަރެންސް ހޯދުމަކީވެސް، ޚާއްޞަކޮށް މި ދުވަސްވަރު ވަރަށް ބޭނުންތެރި ކަމެއްކަމުގައި މި މިނިސްޓްރީއިން ފާހަގަކުރަމެވެ.