މުޅި ދުނިޔޭގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، ޗެކް ރިޕަބްލިކް ގެ ސަރުކާރުން ވަނީ 12 މާރިޗު 2020 އިން ފެށިގެން 30 ދުވަހުގެ މުއްދަތަށް އެ ޤައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު (ސްޓޭޓް އޮފް އެމަރޖެންސީ) އިއުލާން ކޮށްފައެވެ. މި އިއުލާނާ ގުޅިގެން 14 މާރިޗު 2020 އިން ފެށިގެން އަންނަނިވި ފިޔަވަޅުތައް އެޅުމަށްވަނީ ނިންމާފައެވެ.

 1. ކޮވިޑް-19 އަށް ރިސްކް އޭރިއާތައްކަމުގައި އެ ޤައުމުން ކަނޑައަޅާ ސަރަހައްދުތަކުން ދަތުރުކުރާ ފަރާތްތަކަށް އެ ޤައުމަށް ވަނުން މަނާ ކުރުން (މީގެ ތެރޭގައި އެ ޤައުމުގެ ދާއިމީ ރަށްވެހިންނާއި 90 ދުވަހަށްވުރެ ދިގު މުއްދަތަކަށް ވިސާ ނަގާފައިވާ ފަރާތްތައް ނުހިމެނެއެވެ.)

2. ޝެންގެން އަދި އެހެނިހެން ވިސާ އެ ޤައުމުގެ އެމްބަސީ ނޫނީ ޑިޕްލޮމެޓިކް މިޝަންތަކާއި ވިސާ އެޕްލިކޭޝަން ސެންޓަރ ތަކުން ބަލައިނުގަތުން

3. މިހާރު ޕްރޮސެސް ކުރަން ފަށާފައިވާ، އަދި ގޮތެއް ނުނިންމާ، ޝެންގެން ވިސާތައް ޕްރޮސެސް ކުރުން މެދު ކަނޑާލުން

4. އެ ޤައުމުގެ އެމްބަސީ ނޫނީ ޑިޕްލޮމެޓިކް މިޝަންތަކާއި ވިސާ އެޕްލިކޭޝަން ސެންޓަރ ތަކުން ރެސިޑެންޓް ޕަރމިޓްތައް ޕްރޮސެސް ކުރުން ހުއްޓާލުން

5. އެހެން ނަމަވެސް މިހާރު އެ ޤައުމުގައި ދިރިއުޅޭ ބިދޭސީން، އެ ފަރާތްތަކުގެ ވިސާ ނިމެންދެން، އެ ޤައުމުގައި ހުރުމުގެ އިޚްތިޔާރު ލިބިފައިވާކަން ފާހަގަކުރަމެވެ.

ޗެކް ރިޕަބްލިކްގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން ޗެކް ރިޕަބްލިކްގައި ކޮންމެހެން ކުރަންޖެހޭ ދަތުރުފަތުރު ނޫނީ ނުކުރުމަށާއި، ގެއިން ބޭރުގައި ގިނަ ވަގުތު ނޫޅުމަށާއި، މީހުން ގިނައިން އެއްވާ ތަންތަނަށް ނުދިޔުމަށް އިލްތިމާސް ކުރަމެވެ. އަދި ޗެކް ރިޕަބްލިކްއަށް ދަތުރުކުރާ ފަރާތްތަކުންނާއި ޗެކް ރިޕަބްލިކްގައި ދިރިއުޅޭ ދިވެހި ރައްޔިތުން، މިމިނިސްޓްރީގައި ރެޖިސްޓަރ ކުރުމަށްވެސް އިލްތިމާސްކުރަމެވެ. ހަމައެހެންމެ، ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިން ޓްރެވަލް އިންޝުއަރެންސް ހޯދުމަކީވެސް، ޚާއްޞަކޮށް މި ދުވަސްވަރު ވަރަށް ބޭނުންތެރި ކަމެއްކަމުގައި މި މިނިސްޓްރީއިން ފާހަގަކުރަމެވެ.