މުޅި ދުނިޔޭގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، ނޭޕާލްއިން އަޅަމުންގެންދާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، 14 މާރިޗު  2020 އިން ފެށިގެން  30 އޭޕްރިލް 2020 އާއި ހަމައަށް އޮން-އެރައިވަލް ވިސާ ލިބޭ ހުރިހާ ޤައުމަކަށްވެސް މި ޚިދުމަތް ވަގުތީގޮތުން ހުއްޓާލެއްވި ވާހަކަ ދަންނަވަމެވެ.

 ފަތުރުވެރިން ނޭޕާލްއަށް ޒިޔާރަތް ކުރާނަމަ ކޯވިޑް-19 ނެތްކަން އަންގައިދޭ މެޑިކަލް ލިޔުމެއް (ނޭޕާލަށް އެތެރެވާ ތާރީހަށް 7 ދުވަސް ހަމަ ނުވާ) އެ ގައުމެއްގެ ކަމާއި ގުޅުން ހުރި އިދާރައަކުން ހޯދައި އެލިޔުން ހިފައިގެން ވަޑައިގަތުމަށް ނޭޕާލް ސަރުކާރުން އަންގަވާފައިވެއެވެ. މީގެ އިތުރުން ހުރިހާ ފަތުރުވެރިންވެސް ނޭޕާލްއަށް ދިޔުމުން 14 ދުވަހަށް އަމިއްލައަށް ކަރަންޓިންގައި ތިބެންޖެހޭނެކަންވެސް ނޭޕާލް ސަރުކާރުން އަންގަވާފައިވެއެވެ.     

ނޭޕާލްގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން ނޭޕާލްގައި ކޮންމެހެން ކުރަންޖެހޭ ދަތުރުފަތުރު ނޫނީ ނުކުރުމަށާއި، ގެއިން ބޭރުގައި ގިނަ ވަގުތު ނޫޅުމަށާއި، މީހުން ގިނައިން އެއްވާ ތަންތަނަށް ނުދިޔުމަށް އިލްތިމާސް ކުރަމެވެ. އަދި ނޭޕާލްއަށް ދަތުރުކުރާ ފަރާތްތަކުންނާއި ނޭޕާލްގައި ދިރިއުޅޭ ދިވެހި ރައްޔިތުން، މިމިނިސްޓްރީގައި ރެޖިސްޓަރ ކުރުމަށްވެސް އިލްތިމާސްކުރަމެވެ. ހަމައެހެންމެ، ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިން ޓްރެވަލް އިންޝުއަރެންސް ހޯދުމަކީވެސް، ޚާއްޞަކޮށް މި ދުވަސްވަރު ވަރަށް ބޭނުންތެރި ކަމެއްކަމުގައި މި މިނިސްޓްރީއިން ފާހަގަކުރަމެވެ.