މުޅި ދުނިޔޭގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، ސްރީލަންކާ ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، 15 މާރިޗު 2020 ގެ ރޭގަނޑު 23.30 އިން ފެށިގެން އޮން-އެރައިވަލް ވިސާ ލިބޭ ހުރިހާ ޤައުމަކަށްވެސް މި ޚިދުމަތް ވަގުތީގޮތުން ހުއްޓާލެވިފައިވާތީ، އޮފިޝަލް އަދި ޑިޕްލޮމެޓިކް ޕާސްޕޯޓް ގެންގުޅޭ ބޭފުޅުންނާއި، ސްރީލަންކާގެ ރެޒިޑެންޓް ވިސާ އޮންނަ ބޭފުޅުން ފިޔަވައި ހުރިހާ ދިވެހި ރައްޔިތުންނަށްވެސް ސްރީލަންކާ އަށް ޒިޔާރަތް ކުރުމުގައި އޮންނަ އޮން އެރައިވަލް ވިސާގެ ޚިދުމަތް ވަގުތީގޮތުން މެދުކެނޑިފައިވާކަން ދަންނަވަމެވެ.ސްރީލަންކާ އަކީ ދިވެހިންގެ ވަރަށް ގިނަ ބަޔަކު ދިރިއުޅޭ އަދި އާންމުކޮށް ދަތުރުކޮށް އުޅޭ ޤައުމަކަށްވެފައި، އަދި ޚާއްޞަކޮށް ޞިއްޙީ ފަރުވާ ހޯދުމަށް ދިވެހިން އެންމެ ގިނައިން ޚިޔާރުކުރާ އެއް ޤައުމުކަމަށްވާތީ، ކޮންމެހެން ސްރީލަންކާ އަށް ޒިޔާރަތްކުރަން މަޖްބޫރުވާ ފަރާތްތަކުން އެ ގައުމުގެ އިލެކްޓްރޯނިކް ވިސާ އޮތޯރިޓީގެ ވެބްސައިޓް (www.eta.lk)މެދުވެރިވެ ވިސާ ނަންގަވަން ޖެހޭނެކަންވެސް ދަންނަވަމެވެ.
މީގެ އިތުރުން، އެވަގުތެއްގައި ދަތުރުފަށާ ގައުމެއްގެ ހާލަތަށް ބަލާފައި، ހުރިހާ ދަތުރުވެރިންވެސް 14 ދުވަހުގެ ކަރަންޓިންގައި ތިބެންޖެހުން އެކަށީގެންވާކަމަށް ވެސް ސްރީލަންކާ ސަރުކާރުން އަންގަވާފައިވެއެވެ.

ސްރީލަންކާގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން ސްރީލަންކާގައި ކޮންމެހެން ކުރަންޖެހޭ ދަތުރުފަތުރު ނޫނީ ނުކުރުމަށާއި، ގެއިން ބޭރުގައި ގިނަ ވަގުތު ނޫޅުމަށާއި، މީހުން ގިނައިން އެއްވާ ތަންތަނަށް ނުދިޔުމަށް އިލްތިމާސް ކުރަމެވެ. އަދި ސްރީލަންކާއަށް ދަތުރުކުރާ ފަރާތްތަކުންނާއި ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުން، ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގައި ރެޖިސްޓަރ ކުރުމަށްވެސް އިލްތިމާސްކުރަމެވެ. ހަމައެހެންމެ، ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިން ޓްރެވަލް އިންޝުއަރެންސް ހޯދުމަކީވެސް، ޚާއްޞަކޮށް މި ދުވަސްވަރު ވަރަށް ބޭނުންތެރި ކަމެއްކަމުގައި މި މިނިސްޓްރީއިން ފާހަގަކުރަމެވެ.