މުޅި ދުނިޔޭގައި ބާރުކަމާއެކު ފެތުރެމުންދާ ކޯވިޑް-19 އަކީ ޕެންޑެމިކް އެއްކަމުގައި ވަރލްޑް ހެލްތް އޯގަނައިޒޭޝަން އިން ނިންމުމާ ގުޅިގެންނާއި، މި ވައިރަސް ހަލުވިކަމާއެކު ދުނިޔޭގައި ފެތުރެމުން އަންނާތީ އިންޑިއާ ސަރުކާރުން ވަނީ އެ ޤައުމަށް ދަތުރުފަތުރު ކުރުން ކޮންޓްރޯލް ކުރުމަށް އިޢުލާން ކޮށްފައެވެ.

އިންޑިއާ އަކީ ދިވެހިން އާންމުކޮށް ދަތުރުކޮށް އުޅޭ ޤައުމަކަށްވެފައި، އަދި ޚާއްޞަކޮށް ޞިއްޙީ ފަރުވާ ހޯދުމަށް ދިވެހިން އެންމެ ގިނައިން ޚިޔާރުކުރާ އެއް ޤައުމުކަމަށްވާތީ، ކޮންމެހެން އިންޑިއާއަށް ޒިޔާރަތްކުރަން މަޖްބޫރުވާ ފަރާތްތަކުން ދިވެހިރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނަށް ވަޑައިގެން ވިސާ ނެންގެވުމަށް އިންޑިއާ ސަރުކާރުން އެދިވަޑައިގެންފައިވެއެވެ.

މީގެ އިތުރުން، އިންޑިއާއަށް އޮން-އެރައިވަލް ވިސާ ލިބޭ ހުރިހާ ޤައުމަކަށްވެސް މި ޚިދުމަތް ވަގުތީގޮތުން ހުއްޓާލެވިފައިވާތީ، ދިވެހި ރައްޔިތުންނަށްވެސް އިންޑިއާއަށް ޒިޔާރަތް ކުރުމުގައި އޮންނަ އޮން އެރައިވަލް ވިސާގެ ޚިދުމަތް ވަގުތީގޮތުން މެދުކެނޑިފައިވާކަން މި ފުރުސަތުގައި ފާހަގަ ކުރަމެވެ.

އިންޑިއާގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން އިންޑިއާގައި ކޮންމެހެން ކުރަންޖެހޭ ދަތުރުފަތުރު ނޫނީ ނުކުރުމަށާއި، ގެއިން ބޭރުގައި ގިނަ ވަގުތު ނޫޅުމަށާއި، މީހުން ގިނައިން އެއްވާ ތަންތަނަށް ނުދިޔުމަށް އިލްތިމާސް ކުރަމެވެ. އަދި އިންޑިއާށް ދަތުރުކުރާ ފަރާތްތަކުންނާއި އިންޑިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުން، އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަން، ނުވަތަ ތިރުވަނަންތަޕޫރަމްގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓް ޖެނެރަލްގައި ރެޖިސްޓަރ ކުރުމަށްވެސް އިލްތިމާސްކުރަމެވެ. ހަމައެހެންމެ، ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިން ޓްރެވަލް އިންޝުއަރެންސް ހޯދުމަކީވެސް، ޚާއްޞަކޮށް މި ދުވަސްވަރު ވަރަށް ބޭނުންތެރި ކަމެއްކަމުގައި މި މިނިސްޓްރީއިން ފާހަގަކުރަމެވެ.