ދިވެހިރާއްޖެ ކޮމަންވެލްތުގެ މެމްބަރު ގައުމަކަށް އަނެއްކާވެސް ވުމާއި ގުޅިގެން ކޮމަންވެލްތު ސެކްރެޓޭރިއެޓްގައި ބާއްވާ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނަށް މިއަދު ފުރާވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި ކޮމަވެލްތުގެ އިސްވެރިންނާއި އިނގިރޭސިވިލާތުގެ ފޮރިން އެންޑް ކޮމަންވެލްތު އޮފީހުގެ އިސްވެރިންނާ މިނިސްޓަރ ޝާހިދު ބައްދަލުކުރައްވައި، ކޮމަންވެލްތާއި، ކޮމަންވެލްތުގެ މެމްބަރު ޤައުމުތަކާއި ގުޅިގެން ރާއްޖެއިން މަސައްކަތްކުރާނެކަމުގެ ޔަޤީންކަން މިނިސްޓަރ ޝާހިދު އަރުވާނެއެވެ.

ކޮމަންވެލްތުގެ 54 ވަނަ މެމްބަރު ޤައުމުގެ ގޮތުގައި ރާއްޖެ އަލުން އެޖަމްއިއްޔާއަށް ވަނުމާ ގުޅިގެން ލަންޑަނުގެ މަލްބަރޯ ހައުސްގައި ރާއްޖޭގެ ދިދަ ނެގުން އޮންނާނީ ފެބްރުއަރީ 6 ވަނަ ދުވަހުއެވެ. އަދި އެރަސްމިއްޔާތަށްފަހު މިނިސްޓަރ ޝާހިދު ލަންޑަނުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް ވަޑައިގެން، އެތަނުގެ ނަންބޯޑު ރަސްމީކޮށް ބަދަލުކޮށްދެއްވާނެއެވެ. ކޮމަންވެލްތުގެ މެމްބަރު ޤައުމަކަށް ރާއްޖެ އަލުން ވުމާއި ގުޅިގެން، މެމްބަރު އެހެން ޤައުމުތަކުގައި ހިންގާ ޑިޕްލޮމެޓިކް މިޝަންތަކުގެ ނަންތައް އެމްބަސީތަކުގެ ބަދަލުގައި ހައިކޮމިޝަންތަކަށް ބަދަލުވެގެންދާނެއެވެ.

ކޮމަންވެލްތުން ވަކިވުމަށްފަހު، އަލުން ރާއްޖެ ކޮމަންވެލްތުގެ މެމްބަރު ޤައުމަކަށް ވެފައިވަނީ 1 ފެބްރުއަރީ 2020 ގައެވެ. ކޮމަންވެލްތާ އަލުން ގުޅުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙްގެ ޚާރިޖީ ސިޔާސަތުގެ މުހިއްމު ވައުދުފުޅެކެވެ. އަލުން ކޮމަންވެލްތަށް ވަނުމަށް ދިވެހިރާއްޖެއިން ރަސްމީކޮށް ހުށަހަޅާފައިވަނީ 6 ޑިސެމްބަރު 2018 ވަނަ ދުވަހުއެވެ. އަދި ކޮމަންވެލްތުން 2019 ވަނަ އަހަރުގެ ޖެނުއަރީ މަހާއި އޮގަސްޓް މަހު ރާއްޖެއަށް އެސެސްމަންޓް ޓީމްތަކެއް ފޮނުވިއިރު، އެޕްރީލް 2019ގައި އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އޮބްޒަރވްކުރުމަށް އިލެކްޝަން އޮބްޒާވަރ މިޝަންއެއްވެސް ރާއްޖެއަށް ފޮނުއްވިއެވެ.

މިނިސްޓަރ ޝާހިދު ލަންޑަށް ކުރައްވާ މިދަތުރުފުޅަށްފަހު ކޮމަންވެލްތުގައި ރާއްޖެއިން ހަރަކާތްތެރި ރޯލެއް އަދާކޮށް، އެޖަމްއިއްޔާގެ އެކިއެކި ސަބްސިޑަރީ ގުނަވަންތަކުގައި ބައިވެރިވާނެއެވެ.

ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިސް ތަމްސީލްކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ، މެދުހެންވޭރު ދާއިރާގެ އިއްޒަތްތެރި މެމްބަރު އަލީ އާޒިމް މިނިސްޓަރ ޝާހިދުގެ އަރިހުގައި ލަންޑަނަށް ދަތުރުފުޅުކުރައްވައެވެ.