ދިވެހި ރައްޔިތުންގެ ފަރާތުން އެއް މިލިއަން ދިވެހި މަސްދަޅު ޗައިނާގެ ރައްޔިތުންނަށް ހަދިޔާކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ނިންމަވައިފިއެވެ.


ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމަވާފައިވަނީ ޗައިނާގައި މިވަގުތު ފެތުރެމުންދާ ކޮރޯނާ ވައިރަސްއާ ގުޅިގެން އެގައުމަށް ދިމާވެފައިވާ ހާލަތުގައި، ދިވެހި ރައްޔިތުން ޗައިނާ ރައްޔިތުންނާއެކު ތިބިކަމުގެ ރަމްޒެއްގެ ގޮތުންނެވެ. ނޮވެލް ކޮރޯނާ ވައިރަސްއާއި ދެކޮޅަށް ޗައިނާ ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ދިވެހި ސަރުކާރާ ރައްޔިތުން ތިބީ ޗައިނާ ސަރުކާރާ ރައްޔިތުންނާއިއެކުގައެވެ. އަދި މިދަނޑިވަޅުގައި ޗައިނާގައި ތިބި ދިވެހި ރައްޔިތުންނަށް ޗައިނާ ސަރުކާރުން ފޯރުކޮށްދޭ އެހީތެރިކަމާއި ކަށަވަރުކޮށްދީފައިވާ ރައްކާތެރިކަން، ދިވެހި ސަރުކާރުން ފާހަގަކޮށް، އެކަން ބަލައިގަންނަމެވެ.