މިއަދު ނިިޔާވި ފޮރިން މިނިސްޓްރީގެ މުވައްޒަފެއްކަމަށްވާ އިބްރާހިމް އާސިފްގެ އަނބިކަނބަލުންނާ އާއިލާގެ ބޭފުޅުންނަށް މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު ގުޅުއްވައި ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ސްރީލަންކާގައި މިވަގުތު ތިއްބެވި އާސިފްގެ އާއިލާ ބޭފުޅުންގެ ތެރެއިން އަނބިކަނބަލުންނާއި، ދަރިކަލުންނާއި ދަރިކަނބަލުންގެ އިތުރުން އާސިފްގެ ބޭބެއަށް މިނިސްޓަރ ޝާޙިދު ފޯނުން ގުޅުއްވައި، ތައުޒިޔާ ވިދާޅުވެ، އެބޭފުޅުންނަށް ހިތްވަރު ދެއްވިއެވެ. ސްރީލަންކާގެ ކޮޅުނބުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ސެކަންޑް ސެކްރެޓަރީއެއްގެ ގޮތުގައި މަސައްކަތްުކުރެއްވި އާސިފް ނިޔާވީ ރޭގެ ދަންވަރުގެ ވަގުތެއްގައެވެ. އާސިފް ވަނީ 29 އަހަރަށްވުރެ ގިނަ ދުވަހު ޚާރިޖިއްޔާގައި މަސައްކަތް ކުރައްވާފައެވެ. އާސިފް އަކީ މީހުންނާއި ގުޅޭ، މަސައްކަތަށް ފަރުވާތެރި މުވައްޒަފެކެވެ.