ރޮހިންޔާ މުސްލިމުން ހިމާޔަތްކުރުމަށް އ.ދ ގައި 15 ސެޕްޓެމްބަރު 2017 ގައި ވޯޓެއް ނެގި ކަމަށާއި އަދި އެވޯޓުގައި ދިވެހިރާއްޖޭން ބައިވެރިނުވާކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކަތަކަކީ ހަޤީގަތެއްނެތް ވާހަކަތަކެކެވެ.

އ.ދ. ގައި 15 ސެޕްޓެމްބަރުގައި ނެގި ވޯޓަކީ އ.ދ. ގެ ޖެނެރަލް އެސެމްބްލީގައި މިހާރު ކުރިއަށްދާ 72 ވަނަ ސެޝަންގެ އެޖެންޑާ އާއި އެސެޝަނުގެ މަސައްކަތްތައް އިންތިޒާމް ކުރުމަށް ހަވާލުކުރެވިފައިވާ އާންމު ކޮމިޓީގެ ރިޕޯޓުގައި، ޖެނެރަލް އެސެމްބްލީގެ އެޖެންޑާ ނަންބަރު 132 ގެ ދަށުން 'ރެސްޕޮންސިބިލިޓީ ޓު ޕްރޮޓެކްޓް އެންޑް ދަ ޕްރިވެންޝަން އޮފް ޖެނޮސައިޑް، ވޯ ކްރައިމްސް، އެތުނިކް ކްލެންސިންގ، އެންޑް ކްރައިމްސް އެގެއިންސްޓް ހިއުމެނިޓީ' މިމައުޟޫޢު ހިމަނާނެތޯ ނުވަތަ ނުހިމަނާނެތޯ ބެލުމަށް ނެގުނު ޕްރޮސީޖަރަލް ވޯޓެކެވެ. އަދި މިއަދު ނެގުނު ވޯޓަކީ ރޮހިންޔާ މުސްލިމުންނާއި ބެހޭގޮތުން ނެގުނު ވޯޓެއް ނޫނެވެ. އެވޯޓުގައި ހިމެނޭ މައްސަލައިގައި ރޮހިންޔާ މުސްލިމުންގެ ނަން ހިމަނާފައެއްވެސްނުވެއެވެ.

ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް މިޔަންމާގައި ހިންގާ ޖަރީމާތަކަކީ ރާއްޖެއިން އަބަދުވެސް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަންތައްތަކެވެ. އަދި އެ ޖަރީމާތައް ހުއްޓުވައި، އެކަމުގައި ޒިންމާވާ ފަރާތްތަކާމެދު އެކަށީގެންވާ ފިޔަވަޅު އެޅުމަށް ރާއްޖެއިން އ.ދ. ގައި ވަނީ ސެޕްޓެމްބަރު މަހުގައިވެސް ގޮވާލާފައެވެ. 'ރެސްޕޮންސިބިލިޓީ ޓު ޕްރޮޓެކްޓް' ނުވަތަ އާރު. ޓޫ.ފީ ގެ އުޞޫލުގެ ނަމުގައި ޤައުމުތަކުގެ ދާޚިލީ ކަންތައްތައްތަކުގެ ތެރެއަށް ބާރުގަދަ ޤައުމުތަކުން ވަންނަން ފުރުޞަތު ދެވޭތީ އާރު.ޓޫ.ޕީގެ ނަމުގައި ފިޔަވަޅު އެޅުމަށް އަމާޒުކޮށް އ.ދ. ގެ އާންމު މަޖިލީހުގައި ނެގޭ ވޯޓުތަކުގައި ބައިވެރިނުވުމަށް ރާއްޖެއިން ވަނީ ވަރަށް ކުރިއްސުރެ ވެސް ނިންމާފައެވެ.