އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މ. ކޮޅުފުށީގައި މަގުބައްތި ޖެހުމަށް ހިންގި މަޝްރޫއު ނިންމާލައިފިއެވެ. މި މަޝްރޫއުގެ ނިމުން ފާހަގަކުރުމަށް މިއަދު ވަނީ ވަރޗުއަލް ރަސްމިއްޔާތެއް ބާއްވާފައެވެ.

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އައްޑޫ ސިޓީ ހުޅުދޫ އަދި މަރަދޫގައި ޤާއިމްކުރާ ގޭދޮށު މަސް ޕްލާންޓް އިމާރާތްކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އައްޑޫ ސިޓީގައެވެ. މި ރަސްމިއްޔާތުގައި ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދު އާއި، އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު މާލޭގައި ތިއްބަވައިގެން ވަރޗުއަލްކޮށް ބައިވެރިވެވަޑައިގަތެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފްއާއި، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބްގެ އިތުރުން އިންޑިއާ ހައިކޮމިޝަނާއި ފޮރިން މިނިސްޓްރީގެ އިސް އޮފިޝަލުންވެސް ވަރޗުއަލްކޮށް ބައިވެރިވެވަޑައިގަތެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު ވިދާޅުވީ މި މަޝްރޫޢުގައި ސޮއިކުރުމަކީ އައްޑޫ ސިޓީގައި ހިންގުމަށް ހަމަޖެހިފައިވާ އިޖްތިމާޢީ އަދި އިޤްތިޞާދީ މަޝްރޫޢުތަކުގެ ތެރެއިން މުހިއްމު މަޝްރޫއެއްކަމަށާއި، އަދި މި މަޝްރޫޢާއެކު އައްޑީ ސިޓީއަށް އިތުރު އިންވެސްޓްމަންޓްތައް އައުމަށް މަގުފަހިވެ، އެ ސިޓީގެ އިޤްތިޞާދީ ޙާލަތު އިތުރަށް ރަނގަޅުވެގެންދާނެކަމަށެވެ. އަދި މަސްވެރިކަމާ ގުޅުން ހުރި ބައެއް ގޮންޖެހުންތަކަށް ހައްލު ލިބިގެންދާނެކަންވެސް ފޮރިން ސެކްރެޓަރީ ފާހަގަކުރެއްވިއެވެ.

ބ. ދަރަވަންދޫ ހޮސްޕިޓަލުގައި ޤާއިމްކުރާ އިމަޖަންސީ ސަރވިސަސް ޔުނިޓް އިމާރާތްކުރުމުގެ އެއްބަސްވުމުގައި ކޮންޓްރެކްޓަރާއެކު މިއަދު ސޮއިކޮށްފިއެވެ. އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްދާ މި މަޝްރޫޢުގެ ކޮންޓްރެކްޓަރަކީ އެލް.އެފް ކޮންސްޓްރަކްޝަންއެވެ. މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހަވީރު މިނިސްޓްރީ އޮފް ހެލްތުގައެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރ އަބްދުﷲ އަމީންއާއި ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދުގެ އިތުރުން އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރުއާއި، ސަރުކާރުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގަތެވެ.

ދަރަވަންދޫ ހޮސްޕިޓަލްގައި، ކުއްލި ހާލަތުގައި ބޭނުންވާ ފަރުވާ ދިނުމުގެ ގާބިލުކަން އިތުރުކުރުމަށް ހިންގާ މި މަޝްރޫޢުއަށް އިންޑިއާ ސަރުކާރުން 7.5 މިލިއަން ރުފިޔާ ހެލްތު މިނިސްޓްރީއަށް ވަނީ ހަމަޖައްސަވާފައެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު ވަނީ އިމަޖަންސީ ސަރވިސަސް ޔުނިޓް ޤާއިމްކުރެވުމުން އެސަރަހައްދުގައި އަވަސް ފަރުވާގެ ނިޒާމް އިތުރަށް ހަރުދަނާވެ، ސިއްހީ ޚިދުމަތްތަކަށް ކުރަން ޖެހޭ ޚަރަދު އިތުރަށް ކުޑަވެގެންދާނެކަން ފާހަގަކުރެއްވިއެވެ. އަދި ކާރިސާގެ ވަގުތުތަކުގައިވެސް އަވަސް ފަރުވާއަށް ވާސިލްވުމަށް ހޭދަކުރަން ޖެހޭ ވަގުތު ކުޑަވެގެންދާނެކަމަށްވެސް ވިދާޅުވިއެވެ.

މި މަޝްރޫޢަށް ޚަރަދުކޮށްފައިވަނީ 2019 ވަނަ އަހަރުގެ މާޗް މަހު އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ދިވެހިރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި އިއުލާންކުރެއްވި، ރާއްޖެއަށް އިންޑިއާއިން ދިން 106 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ތެރެއިންނެވެ.

ފެޑަރަލް ރިޕަބްލިކް އޮފް ސޮމާލިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަލްފާޞިލް ޢަބްދުﷲ ޝާހިދު، ސޮމާލިއާގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް އިންޓަނޭޝަނަލް ކޯޕަރޭޝަން، ހިޒް އެކްސެލެންސީ އަހްމަދް އަވަދް އިއްސެ އަށް ތަޙުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ފޮރިން މިނިސްޓަރ ފޮނުއްވި މެސެޖުގައި ސޮމާލިއާ ސަރުކާރާއި ރައްޔިތުންނަށް ތަޙުނިޔާ އަރިސްކުރައްވައި، ދިވެހިރާއްޖެއާ ސޮމާލިއާ އާއި ދެމެދު އޮންނަ ގުޅުން މުސްތަޤުބަލުގައި އިތުރަށް ބަދަހިވާނޭކަމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވިއެވެ.

ރިޕަބްލިކް އޮފް ރުވާންޑާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަލްފާޞިލް ޢަބްދުﷲ ޝާހިދު، ރުވާންޑާގެ މިނިސްޓަރ ފޯ ފޮރިން އެފެއާޒް އެންޑް އިންޓަނޭޝަނަލް ކޯޕަރޭޝަން، ހިޒް އެކްސެލެންސީ ވިންސެންޓް ބިރުޓާ އަށް ތަޙުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ފޮރިން މިނިސްޓަރ ފޮނުއްވި މެސެޖުގައި ރުވާންޑާ ސަރުކާރާއި ރައްޔިތުންނަށް ތަޙުނިޔާ އަރިސްކުރައްވައި، ދިވެހިރާއްޖެއާ ރުވާންޑާ އާއި ދެމެދު އޮންނަ ގުޅުން މުސްތަޤުބަލުގައި އިތުރަށް ބަދަހިވާނޭކަމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވިއެވެ.