ސައުތު އޭޝިއަން އެސޯސިއޭޝަން ފޮރ ރީޖަނަލް ކޯރޕޮރޭޝަން (ސާކް) ގާއިމް ކުރެވުނީ 8 ޑިސެމްބަރ 1985 ވަނަ އަހަރު ބޭއްވުނު ދެކުނު އޭޝިޔާގެ ގައުމުތަށްކަމަށްވާ ބަންގްލަދޭޝް، ބޫޓާން، އިންޑިއާ، ދިވެހިރާއްޖެ. ނޭޕާލް، ޕާކިސްތާން އަދި ސްރީލަންކާގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައެވެ. ދެކުނު އޭޝީޔާގެ ގައުމުތަކުގެ މެދުގައި ގުޅިގެން އެކުވެރިކަމާއިއެކު މަސައްކަތްކުރުމުގެ މާހައުލެއް ފަހިކޮށްދިނުމުގެ އިތުރުން، ސާކްގެ އަމާޒަކީ މި ސަރަހައްދުގެ އިގްތިސާދީ އަދި އިޖްތިމާއީ ކުރިއެރުވުން އިތުރުކުރުމެވެ. އަދި 2007 ވަނަ އަހަރު ސާކްގެ 8 ވަނަ ގައުމުގެ ގޮތުގައި އަފްޣާނިސްތާން ވަނީ ސާކައި ގުޅިފައެވެ.

ސާކްގެ އެކި މަސައްކަތްތަށް ރާވާއި ހިންގާ 11 ރީޖަނަލް ސެންޓަރ ސާކްގެ އެކި ގައުމުތަކުގައި ގާއިމްކުރެވިފައިވެއެވެ. އަދި އޮސްޓްރޭލިއާ، ޗައިނާ، އީ.ޔޫ، އިރާން، ޖަޕާން، ކޮރެއާ، މޮރިޝަސް، މިޔަންމަރ އަދި އެމެރިކާ އަކީ ސާކްގެ އޮބްސަރވަރ ގައުމުތަކެވެ.

މިނިސްޓްރީގެ ސާކް ޑިވިޝަން ޒިންމާ އަކީ ރާއްޖޭގައި ސާކާއި ގުޅުންހުރި މަސައްކަތްތައް ރާވާ ހިންގުމާއި އަދި ސާކާއި ގުޅުންހުރި ގައުމީ ސިޔާތުތައް އެކުލަވާލުމެވެ. މީގެ އިތުރުން ސާކް ޑިވިޟަންގެ އެންމެ މުހިންމު އެއް މަސައްކަތަކީ ސާކް ބައްދަލުވުންތައް ވަކިން ހާއްސަކޮށް ކައުންސިލް އޮފް މިނިސްޓަރސް ބައްދަލުވުމާއި އޭގެ ފޯމަލް ސެޝަންތައް، ސްޓޭންޑިންގ ކޮމިޓީ ބައްދަލުވުމާއި ސްޕެޝަލް ސެޝަން، ޕްރޮގްރާމިންގ ކޮމިޓީ ބައްދަލުވުން އަދި ސެކްޓޯރަލް ބައްދަލުވުންތަކަށް ސަރުކާރުގެ ކަމާއި ގުޅޭ އިދާރާތަކާއިއެކު ވިލަރެސް ކުރުމާއި ފޮލޯ-އަޕް ހެދުމެވެ.

ސާކް ޑިވިޟަނުގެ އިތުރު މަސައްކަތްތަކުގެ ތެރޭގައި ސާކް ސަމިޓްގެ ބައްދަލުވުންތަކަށް ތައްޔާރުވުމުގެ ގޮތުން ރައީސުލްޖުމްހުރިއްޔާގެ އޮފީހާއި ގުޅިގެން ސަމިޓުގެ ލޮޖިސްޓިކަލް އިންތިޒާމްތައް ހަމަޖެއްސުމާއި ބްރީގިންގ/ރިސަރޗް ޕޭޕަރު ތައްޔާރު ކުރުން ހިމެނެއެވެ. އަދި ސާކްގެ އެކި ހަރަކާތްތަކުގައި ރާއްޖޭން ބައިވުމަށްޓަކައި ސާކް ސެކްރެޓޭރިއެޓާއި ކަމާ ބެހޭ އިދާރާތަކާއި ދެމެދު ކުރެވޭ މުއާމަލާތްތައް ބަދަލުކުރުމުގައި މި ޑިވިޟަނުން މެދުވެރިޔެއްގެ ރޯލް އަދާކުރެއެވެ.