ޚާރިޖީވަޒީރު ޑރ.މުޙައްމަދު ޢާޞިމް

ދިވެހި ޚާރިޖިއްޔާގެ ޚާރިޖީ ވަޒީރުކަމުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޑރ. މުޙައްމަދު ޢާޞިމް ޢައްޔަންކުރެއްވީ 13 ޖުލައި 2016ގައެވެ. ޑރ. މުޙައްމަދު ޢާޞިމްއަކީ ޚާރިޖީ ދާއިރާގައި ގިނަދުވަސްތަކެއްވަންދެން މަސައްކަތްކުރައްވާފައިވާ، މިދާއިރާއިން ގިނަ ތަޖުރިބާތަކެއް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.

ޑރ. މުޙައްމަދު ޢާޞިމް ދިވެހި ސަރުކާރަށް ޚިދްމަތް ކުރައްވަން ފެއްޓެވީ 1983ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ދިވެހި ޚާރިޖިއްޔާއާއި ގުޅިވަޑައިގަތީ 2004ވަނަ އަހަރުއެވެ. އެންމެ ފުރަތަމަ އަދާކުރެއްވީ ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމެވެ. އެ މަޤާމުގައި ހުންނަވައިގެން ރާއްޖެއިން ޕާކިސްތާނަށާއި ބަންގްލަދޭޝްއަށް ކަނޑައަޅާ ނޮން ރެޒިޑެންޓް ސަފީރު ކަމުގެ މަޤާމުވެސް އަދާކުރެއްވިއެވެ. އަދި 2007 ވަނަ އަހަރުން 2008 ވަނަ އަހަރަށް ދިވެހިރާއްޖެއިން ޔޫކޭއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމާއި އީޔޫ ސަފީރުކަންވެސް ކުރެއްވިއެވެ.

2013ވަނަ އަހަރު އެމަނިކުފާނުވަނީ އީޔޫއަށް ކަނޑައަޅާފައިހުރި ދިވެހި މިޝަން ހިންގެވުމާވެސް ޙަވާލުވެވަޑައިގެންފައެވެ. އެމަޤާމުގައި އަހަރެއްހާ ދުވަސް ހޭދަކުރެއްވުމަށްފަހު ދެން ޙަވާލުވެވަޑައިގަތީ ދިވެހި ޚާރިޖިއްޔާގެ އެމްބެސެޑަރ އެޓް ލާޖްގެ މަޤާމާއެވެ. އެގޮތުން އެ މަޤާމްގައި ހުންނަވައިގެން އޭޝިޔާ ސަރަޙައްދުގެ ޚާރިޖީގުޅުމާބެހޭ މަސައްކަތްތައް އިސްކޮށް ބަލަހައްޓަވާ އެ ޤައުމުތަކާ ރާއްޖެއާ ދެމެދު ގުޅުން ބަދަހި ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވިއެވެ. އޭގެ ފަހުން މިނިސްޓަރުކަމުގެ މަޤާމާ ޙަވާލުވެ ވަޑައިގަންނަވަންދެން ބަންގަލަދޭޝްގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަޤާމު އަދާކުރެއްވިއެވެ.

ޑރ. މުޙައްމަދު ޢާޞިމް ޕީއެޗްޑީ ޙާޞިލްކުރައްވާފައިވަނީ އޮސްޓްރޭލިޔާގެ ނޭޝަނަލް ޔުނިވަރސިޓީއިން އިންޓަރނޭޝަނަލް ރިލޭޝަންސް އެންޑް ޕޮލިޓިކަލް ސައިންސްގެ ރޮނގުންނެވެ. މާސްޓަރސް ޙާސިލްކުރެއްވީ ކެލިފޯނިއާ ސްޓޭޓް ޔުނިވަރސިޓީއިން އިންޓަރނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިންނެވެ.  ފުރަތަމަ ޑިގްރީ ޙާސިލްކުރެއްވީ 1983ވަނަ އަހަރު ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން، އެމެރިކަން ޔުނިވަރސިޓީ އޮފް ބެއިރޫތްއިންނެވެ.

.