މާތްﷲ ސުބުހާނަހޫ ވަތަޢާލާއަށް ހަމްދުކުރަން. ރަސޫލުﷲ ސައްލަﷲ އަލައިހިވަސައްލަމަށް ސަލަވާތާއި ސަލާމް ލެއްވުން އެދި ދުއާކުރަން. އަދި މި ޞަލަވާތުގައި އެކަލޭގެފާނުގެ އާލުންނާއި އަސްހާބުން ޝާމިލްކުރަން.

  • ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް،
  • ސަރުކާރުގެ ވަޒީރުން،
  • ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިއްބަވާ ދިވެހި ސަފީރުން،
  • ދިވެހި ޚާރިޖިއްޔާގެ ހީވާގި މުއައްޒަފުން،
  • އައްސަލާމް އަލައިކުމް

ދިވެހި ސަފީރުންގެ މަހާސިންތާ އިފްތިތާހްކުރުމުގެ ރަސްމިއްޔާތަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވަން!

 

މިއަދު އަޅުގަނޑުގެ އެންމެ އިސް ވާޖިބެއްގެ ގޮތުގައި ދެކެނީ، މި ހަފްލާ ޝަރަފުވެރި ކޮށްދެއްވައި ދިވެހި ސަފީރުންގެ އަހަރީ މަހާސިންތާ ހުޅުއްވައިދެއްވުމަށް ވަޑައިގެން ދެއްވިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ޝުކުރު ދެންނެވުން. މިއީ މި މަހާސިންތާގެ ބައިވެރިންނަށާއި ދިވެހި ޚާރިޖިއްޔާއަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް. އަދި މި ދާއިރާއަށް މަނިކުފާނު ދެއްވާ އަހައްމިއްޔަތުކަމުގެ ފުރިހަމަ ރަމްޒެއް.

ހަމަ މިނޭވާގައި، މިނިސްޓަރ އޮފް ޓުއަރިޒަމް މޫސާ ޒަމީރަށާއި ފަތުރުވެރިކަމުގެ ދާއިރާގެ ބޭފުޅުންނަށް ޝުކުރު ދަންނަވަން. މިފަދަ ބޮޑު މަހާސިންތާއެއް އަޅުގަނޑުމެންނަށް މި ބޭއްވުނީ މިނިސްޓަރު ޒަމީރާއި ފަތުރުވެރިކަމުގެ ދާއިރާގެ ވަރަށް ބޮޑު އެހީތެރިކަމެއް މިކަމަށް ލިބިގެން.

ހަމައެއާއެކު، ދުނިޔޭގެ ތަފާތު ކަންކޮޅުތަކުން މި މަހާސިންތާގައި ބައިވެރިވެވަޑައިގަތުމަށް ވަޑައިގެންދެއްވި އަޅުގަނޑުމެންގެ ހީވާގި ސަފީރުންނަށް މަރުހަބާ ދަންނަވަން. މި ބައްދަލުވުމަކީ އަޅުގަނޑުމެން ބޭނުންވާފަދަ ނަތީޖާ ނެރެވޭނެ ބައްދަލުވުމަކަށް ވެގެން ދިއުމަކީ އަޅުގަނޑުމެން އެންމެންގެވެސް އުންމީދު.

  

އިއްޒަތްތެރި ރައީސް، ހާޟިރުވެވަޑައިގެން ތިއްބެވި އެންމެހާ ބޭފުޅުން،

ބައިނަލްއަގްވާމީ މަސްރަހުގައި ދިވެހިރާއްޖެ ދަތުރުކުރާނެ މިސްރާބު ކަނޑައަޅުއްވާނީ ރައީސުލްޖުމުހޫރިއްޔާ.

އަދި އެ މިސްރާބަށް ދަތުރުކުރުމުގައި ދިވެހިރާއްޖެ ގެންގުޅޭނެ މަގުޗާޓު ކުރައްސަވައިދެއްވާނީވެސް ރައީސުލްޖުމުހޫރިއްޔާ.

އެއީ ގާނޫނު އަސާސީން ރައީސުލްޖުމުހޫރިއްޔާއާ މަތިކޮށްފައިވާ ވަރަށްމަތިވެރި މަސްްއޫލިއްޔަތެއް.

އާދެ. ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ލަނދުދަނޑިތަކާއި، ގެންގުޅޭނެ ސްޓެރެޓެޖީޒް ތައް، ރައީސް ޔާމީން ވަނީ 2014 ޖެނުއަރީމަހު އިއުލާނު ކުރައްވާފައި. އެއީ ދިވެހިރާއްޖޭގެ ފުދުންތެރިކަން އިތުރުކޮށް، ދިވެހިންނަކީ ފަޚުރުވެރި ބަޔަކަށް ހަދައިދިނުމަށް ރޭވިފައިވާ ސިޔާސަތެއް. އެ ސިޔާސަތު އިއުލާނުކުރެއްވުމުގެ ހަފުލާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވޭ...

"މިނިވަން ޚާރިޖީ ސިޔާސަތެއް، މިއަދުގެ ދުނިޔޭގައި ހިންގޭނީ އިޤްތިޞާދީ ގޮތުން ފުދުންތެރި ބަޔަކަށް އަޅުގަނޑުމެން ވެގެން. އަމިއްލަ ކަންތައްތައް އަމިއްލައަށް ނިންމުމުގެ ބާރު ލިބިގެން. ހަމައެއާއެކު، ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށާއި، ދިވެހީންނަށް ވަޒީފާގެ އިތުރު ފުރުޞަތުތައް ހޯދައިދިނުމަށާއި، މިކަންކަމަށް މަގުފަހިކޮށްދީގެން. ރާއްޖެއަށް ބޭރުގެ އެހީތައް ލިބޭނެގޮތަށް މަގު ތަނަވަސްވެގެން."

މިއަދުވެސް ދިވެހި ޚާރިޖިއްޔާއިން މަސައްކަތްކުރަމުން މިދަނީ އެދުވަހު ރައީސުލްޖުމްހޫރިއްޔާ އެދެއްވި އިރުޝާދު ބަލައިގަނެ، ދިވެހި ޤައުމަކީ ފުދުންތެރި، ދިވެހިންނަކީ ފުދުންތެރި، ފަޚުރުވެރި ބަޔަކަށް ހެދުމަށް ނިޔަތް ގަނެގެން.

އެ އަޒުމުގެ މަތީގައި. މިއަދު މިފެށޭ މަހާސިންތާގެ ތީމަކީ  "ޕްރޮމޯޓިން ޑެސްޓިނޭޝަން މޯލްޑިވްސް". އާދެ.  މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ ކުރިއެރުވުން. މިހެން ކަނޑައަޅާފައިވަނީވެސް މި ސަބަބަށްޓަކައި.

ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި، އަދި އިންވެސްޓްމަންޓުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓް ކުރުމަށް އިތުރަށް މަސައްކަތް ކުރަންޖެހޭ.

މި ރާއްޖެއަކީ ފަތުރުވެރިކަމުގެ ދާއިރާއާއި އިޤްތިޞާދީ އަދި އުމްރާނީ ތަފާތު ކަންކަމަށް އިންވެސްޓް ކުރާ ފަރާތްތަކުގެ މަންޒިލެއްގެ ގޮތުގައި ކުރިއަރުވުމުގެ މުހިންމުކަން ބޮޑު.

ސަރުކާރުގެ މިސިޔާސަތުގެ ދަށުން ދިވެހި ސަފީރުންނާއި، ސަފީރު އޮފީހާއި، މުޅި ޚާރިޖިއްޔާ މިކަންކަމަށް އިސްކަންދީ ޚާރިޖިއްޔާގެ މަސައްކަތްތައް އެގޮތުގެމަތިން އަޅުގަނޑުމެން ބައްޓަންކުރާންއެބަޖެހޭ. އެމްބަސީތަކުން ކުރަމުންދާ 'ކޮންވެންޝަނަލް' މަސައްކަތްތަކުގެ އިތުރުން 'ކޮމާޝަލް ޑިޕްލޮމެސީ' ގެ މަސައްކަތްތަކަށް އިސްކަންދީގެން އިތުރު ހަރަކާތްތައް ހިންގަން މަގުފަހިކޮށް އެގޮތުގެ މަތީން ވަސީލަތްތައް ހަމަޖެއްސުމުގެ މުހިންމުކަން ބޮޑު.

ދިވެހި ޚާރިޖިއްޔާގެ މަސައްކަތް ފުޅާކޮށް ތަރައްގީކޮށް އިތުރު ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ މިދަނޑިވަޅުގައި ތަނުގެ ހިންގުމާއި މުވައްޒަފުންގެ ފެންވަރުވެސް މަތިކުރަން އެބަޖެހޭ. އެހެންކަމުން، ޕްރޮފެޝަނަލް ޑިޕްލޮމެޓުން ތަމްރީން ކުރުމަށް ޚާއްސަ ސަމާލުކަމެއްދީގެން މިހާރު މަސައްކަތްތަކެއްވަނީ ފެށިފައި. މިމަސައްކަތަށް ރައީސުލްޖުމްހޫރިއްޔާވަނީ ފޮރިން ސާރވިސް އިންސްޓިޓުޓްގެ ނަމުގައި މަރުކަޒެއް މިހާރު ގާއިމުކުރައްވާފައި. މީގެ އިތުރުން، ޑިޕްލޮމެޓިކް ސާރވިސް ގެ ނަމުގައި ވަކި ސާރވިސްއެއް ގާއިމުކުރުމަށްޓަކައި ފޮރިން ސާރިވިސްއާބެހޭ ބިލެއް ފަރުމާކުރެވި އެބިލު މިހާރުވަނީ މަޖިލީހަށް ހުށަހެޅިފައި. އިރާދަކުރެއްވިއްޔާ މާލަސްތަކެއްނުވެ އެބިލު މަޖިލީހުން ފާސްވެ ގާނޫނަކަށް ވެގެންދާނެ.

ވޭތުވެދިޔަ 3 އަހަރުތެރޭގައި ޚަރިޖިއްޔާއިންވަނީ ކުރިއެރުން ތަކެއް ހޯދިފައި. ޤައުމުތަކާއެކު އޮންނަ ދޭދޭ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށްޓަކައި، ތަފާތު ގައުމުތަކާއެކު ޕާޓްނަޝިޕްތަކެއްވަނީ ގާއިމު ކުރެވިފައި. ދުނިޔޭގެ ކުދި ގައުމުތަކުގެ މެދުގައި ލީޑަޝިޕް ދައުރެއް އަދާކުރަން ފެށިފައި، އާދެ، ދިވެހިރާއްޖެއަކީ މިއަދު 44 ގައުމު ހިމެނޭ އެސޯސިއޭޝަން އޮފް ސްމޯލް އައިލަންޑް ސްޓޭޓްސް ގެ ރިޔާސަތު ބަލަހައްޓާ ގައުމެއް. އަދި މި މަގާމަށް އިތުރު 2 އަހަރަށް މިހާރުވަނީ ހޮވިފައި. މިއީ ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތް ބަލައިގަންނަކަމުގެ ހެއްކެއް.

 

މީގެ އިތުރުން، އދ. ހިއުމަން ރައިޓްސް ކައުންސިލްގެ މެންބަރުކަންވެސް ދިވެހިރާއްޖެއިންވަނީ ފުރިހަމަކޮށްފައި. އަދި އދ ގައި ދިވެހިރާއްޖޭގެ ބައިވެރިވުން އިތުރުކޮށް ރާއްޖެއާއި ކުދި ގައުމުތައް ބައިނަލްއަގްވާމީ މައިދާންގައި މިހާރަށްވުރެއް ފުރިހަމައަށް ތަމްސީލުކުރުމަށްޓަަކައި އދ ސަލާމަތީ މަޖިލީހުގެ ނޮން-ޕާރމަނަންޓް ސީޓަކަށް މިހާރުވަނީ ކުރިމަތިލާފަ.

މިފުރުސަތުގައި، ރާއްޖޭގެ ޚާރިޖީ ސިޔާސަތު ހިންގުމުގައި ރައިސޫލްޖުމްހޫރިއްޔާ ދެއްވަމުން ގެންދަވާ ލަފަޔާއި އިރުޝާދަށް ދިވެހި ޚާރިޖިއްޔާގެ ނަމުގައި އިޚްލާސްތެރި ޝުކުރެއް ދަންނަވަން.

އަދި، ދިވެހިރާއްޖޭގެ ރީތިނަން ދަމަހައްޓައި ދިވެހިރާއްޖޭ ޕްރޮމޯޓްކުރައްވައި، ރާއްޖެއާބެހޭ ސައްހަ މައްލޫމާތު އެކިފަރާތްތަކަށް ފޯރުކޮށްދެއްވުމަށް ދިވެހި ސަފީރުންނަށާއި ޚާރިޖިއްޔާގެ އެންމެހާ ބެފުޅުންނަށްވެސް ޝުކުރު ދަންނަވަން.

އިއްޒަތްތެރި ރައީސް.

މިއަދު އަޅުގަނޑުމެންނަށް އާދެވިފައިވާ ހިސާބަށް ބަލައި، އަޅުގަނޑުމެން އެބަޖެހޭ، އާ ހިތްވަރަކާއެކު، އާ އަޒުމަކާއެކު މަސައްކަތްކޮށް، ދިވެހިން ދެކޭ ހުވަފެންތަކާއި އަދި ދެކެން ބޭނުންވާ ހުވަފެންތައްވެސް، ހަގީގަތަށް ހެދުމަށް، ރާއްޖޭން ބޭރުން ލިބެންހުރި ފުރުސަތުތައް އިތުރުކޮށް އެ ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭގޮތުގައި ހިފަން. އެ ފުރުސަތުތަކުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފޭނީ، ބޭރާ ގުޅުން ބާއްވަވާ ހުރިހާ އިދާރާތަކުން އެއް އަމާޒަކަށް ދަތުރުކޮށްގެން.

ރައީސުލްޖުމުހޫރިއްޔާ އެކުލަވާލައްވައި، އިއުލާނުކުރައްވާފައިވާ އެމަނިކުފާނުގެ ޚާރިޖީ ސިޔާސަތުގައި ކަނޑައަޅުއްވާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެއްމެން އެއް އަޒުމެއްގައި މަސައްކަތް ކޮށްގެން.

މިއަދުގެ މަހާސިންތާގެ ބޭނުމަކީ ރާއްޖެއިން ބޭރުގައި ތިއްބަވާ ދިވެހި ސަފީރުން އެކުރައްވަމުންގެންދަވާ މަސައްކަތަށް އިތުރު ހިއްވަރެއް ލުމުގެ ގޮތުން، މިހާރު އަޅުގަނޑުމެން ކުރަމުންދާ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ދިނުން. ޓޫރިޒަމް އާއި އިގްތިސާދީ އެކި އެކި ސިނާއަތްތަކުގައި ރާއްޖޭގައި އިންވެސްޓް ކުރަން ޝައުގުވެރިވާ ފަރާތްތަކަށް ހުޅުވާލެވިފައިވާ ފުރުޞަތުތައް ބުނެދިނުން. ސަފީރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގައި ދިމާވާ ގޮންޖެހުންތަކާބެހޭގޮތުން މަޟްވަރާކޮށް އެކަންކަމުގައި ހޯދެން އޮތް ހައްލުތަކަކީ ކޮބައިކަން ބެލުން. އަދި، ކުތިމަގުގައި ކުރެވިދާނެ ކަންތައްތައް ދެނެގަތުން.

މިއަދާއި މާދަމާ ކުރިއަށް މިދާ ބައްދަލުވުމުގެ ސަބަބުން އަޅުގަނޑުމެންގެ މަސައްކަތަށް އިތުރު ޖޯޝެއް ލިބިގެންދާނެކަމަށް އަޅުގަނޑު ޔަގީންކުރަން. އަޅުގަނޑުމެންގެ މަސައްކަތަށް ކާމިޔާބު މިންވަރު ކޮށްދެއްވުން އެދި މާތްﷲ ހަޟްރަތުގައި ދުޢާ ދަންނަވަން.

ވައްސަލާމްއަލައިކުމް.