21 ޖުލައި 2017، ދިވެހިރާއްޖެއިން އެމެރިކާއަށް ކަޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. އަލީ ނަސީރު މުޙައްމަދު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް މިއަދު އަރުއްވައިފިއެވެ.

 

20 ޖުލައި 2017

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް‏، އިންޑިޔާގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގެންނެވި ރާމް ނާތު ކޯވިންދަށް ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، އިންޑިޔާގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގެންނެވިކަމަށްޓަކައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ރާމް ނާތު ކޯވިންދަށް ވަރަށް ހޫނު ‏މަރުހަބާއެއް ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، އިންޑިޔާގެ އިންތިޚާބީ ރައީސް ރާމް ނާތު ކޯވިންދުގެ ޒަޢާމަތުގައި، އިންޑިޔާއަށް އިތުރު ފާގަތިކަމާއި ކުރިއެރުން ލިބިގެންދާނެކަން ޔަގީން ކުރައްވާ ކަމުގައި ވިދާޅުވެފައިވެއެވެ‏‎.‎‏ އަދި، ރާއްޖެއާއި އިންޑިޔާއާ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުމުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، ދެ ޤައުމަށް ފައިދާ ހުރި ކަންކަމުގައި އެކުގައި މަސައްކަތް ކުރައްވައި، މި ގުޅުން ރާމް ނާތު ކޯވިންދުގެ ޒަޢާމަތުގައި އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ

17 ޖުލައި 2017 - މާލެ،

ޖަރުމަނުވިލާތުންއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ މިސްޓަރ ޖޯން ރޯޑް ދިވެހިރާއްޖޭގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. މުޙައްމަދު ޢާޞިމްގެ އަރިހަށް މިއަދު މެންދުރު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

17 ޖުލައި 2017 ، މާލެ

އިންޑިއާގެ ނާގަލޭންޑް ސްޓޭޓްގައި ފެން ބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން، އެތައް ބަޔަކު މަރުވެ، އެތައް ބައެއްގެ ގެދޮރު ގެއްލި ދަނޑުބިންތައް ހަލާކުވެފައިވާތީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. މުޙައްމަދު އާސިމް،  އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް، ހަރ އެކްސަލެންސީ ސުޝްމާ ސުވަރާޖްއަށް މެސެޖެއް ފޮނުއްވައިފިއެވެ. އެމަނިކުފާނުގެ އެ މެސެޖުގައި  މި ޚަބަރު އައްސަވާފައިވަނީ ކުއްލި ސިހުމަކާއި ފުން ހިތާމަ އާއި އެކުގައި ކަމަށާއި، ޤައުމީ ހިތާމައިގެ މިދަނޑިވަޅުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ނިޔާވި ފަރާތްތަކުގެ ޢާއިލާ އަށާއި އަދި އިންޑިއާ ސަރުކާރާއި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ފޮނުއްވާކަމަށް ވިދާޅުވެފައިވެއެވެ. 

11 ޖުލައި 2017 ، މާލެ

ސައުތް ކަޝްމީރުގެ އަނަންތްނަގް ޑިސްޓްރިކްޓްގައި ހިނގި ޓެރަރިސްޓް ޙަމަލާގައި ބަޔަކު މަރުވެ އެތައް ބަޔަކު ޒަޚަމްވުމާގުޅިގެން، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. މުޙައްމަދު އާސިމް،  އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް، ހަރ އެކްސަލެންސީ ސުޝްމާ ސުވަރާޖްއަށް  މެސެޖެއް ފޮނުއްވައިފިއެވެ. އެމަނިކުފާނުގެ އެ މެސެޖުގައި ވިދާޅުވެފައިވަނީ، އެ މަނިކުފާނު މި ޚަބަރު އައްސަވާފައިވަނީ ކުއްލި ސިހުމަކާއި ފުން ހިތާމަ އާއި އެކުގައި ކަމަށާއި، މިފަދަ ޓެރަރިސްޓް ޙަމަލާތައް ދިވެހިރާއްޖެއިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި ދުނިޔެއިން ޓެރަރިޒަމްގެ ބިރުވެރި ވަބާ ފުހެލުމަށްޓަކައި، އިންޑިއާ ސަރުކާރާ ބައިނަލްއަޤްވާމީ މުޖުތަމަޢުއާއި ގުޅިގެން ދިވެހިރާއްޖެއިން މަސައްކަތް ކުރަމުންގެންދާނޭ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

އަދި ޤައުމީ ހިތާމައިގެ މިދަނޑިވަޅުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ނިޔާވި ފަރާތްތަކުގެ ޢާއިލާ އަށާއި އަދި އިންޑިއާ ސަރުކާރާއި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ފޮނުއްވާކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.