25 ޖުލައި 2017

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ދަޢުވަތަކަށް މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ، ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ނަވާޒު ޝަރީފާއި، އަނބިކަނބަލުން ބޭގަމް ކަލްސޫމް ނަވާޒް ޝަރީފަށް ރަސްމީގޮތުން މަރުޙަބާ ދަންނަވައިފިއެވެ. ރަސްމީ ގޮތުން މަރްޙަބާ ދެންނެވުމުގެ ރަސްމިއްޔާތު އޮތީ، ‏މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި، ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ނަވާޒު ޝަރީފާއި، އަނބިކަނބަލުން ބޭގަމް ކަލްސޫމް ނަވާޒް ޝަރީފް، މިއަދު މެންދުރު ރާއްޖެ ވަޑައިގެންފިއެވެ. ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދެކަނބަލުންނަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން މަރްޙަބާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނެވެ. އަދި، ޕާކިސްތާނުގެ ބޮޑުވަޒީރަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ގާޑް އޮފް އޮނަރއެއް އެރުވުނެވެ.

އިނގިރޭސިވިލާތަށް ދަތުރު ކުރައްވާ ދިވެހިންނަށް ލުއިފަސޭހަކަމާއެކު ވިސާއަށް އެޕްލައިކުރެއްވޭނެ އިންތިޒާމް ހަމަޖެއްސަވައި ދެއްވުމަށް ދިވެހި ސަރުކާރުން އިނގިރޭސި ސަރުކާރުގައި އެދިވަޑައިގަތުމާ ގުޅިގެން، އިނގިރޭސިވިލާތުގެ ވިސާ އެންޑް އިމިގްރޭޝަން ގެ ފަރާތުން ރާއްޖޭގައި އެއް ދުވަހުގެ ވިސާ އެޕްލިކޭޝަން ސެންޓަރެއް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ސެންޓްރު ޤާއިމްކުރުމަށް ހަމަޖެހިފައިވަނީ 16 އޯގަސްޓް 2017 ވާ ބުދަ ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 17:30 އަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ގައެވެ. މި ވިސާ އެޕްލިކޭޝަން ސެންޓަރުގެ ޚިދުމަތް ހޯއްދަވަން ބޭނުންފުޅުވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ވެބްސައިޓުން ވިސާ އެޕްލިކޭޝަން ފުރިހަމަ ކުރެއްވުމަށްފަހު އޮންލައިންކޮށް އެޕޮއިންޓްމަންޓްއެއް ހެއްދެވުމަށް އިނގިރޭސިވިލާތުގެ ވިސާ އެންޑް އިމިގްރޭޝަންސް އިން އެދިވަޑައިގަންނަވައެވެ.

ދިވެހިރާއްޖޭގެ 52ވަނަ މިނިވަން ދުވަހުގެ ހަރަކާތްތަކުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގެންނެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ދައުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި، ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ނަވާޒު ޝަރީފް، މި ޖުލައި މަހުގެ 25ވާ އަންގާރަ ދުވަހު ރާއްޖެ ވަޑައިގަންނަވާނެއެވެ.

ދިވެހިރާއްޖޭގެ މިނިވަންކަމަށް 52 އަހަރު ފުރުން ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީއިން ފާހަގަ ކޮށްފިއެވެ. ހުކުރު ދުވަހުގެ ރޭ ކޮލޮމްބޯގައި ހުންނަ ތާޖް ސަމުދްރާ ހޮޓަލުގައި ބޭއްވި މި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާފައިވަނީ ސްރީލަންކާގެ މިނިސްޓަރ އޮފް ޕްރޮވިންޝަލް ކައުންސިލްސް އެންޑް ލޯކަލް ގަވަރންމެންޓް، އޮނަރަބަލް ފައިޒަރު މުސްތަފާއެވެ. މިރަސްމިއްޔާތުގައި ސްރީލަންކާ ސަރުކާރުގެ ބައެއް ޢިއްޒަތްތެރިންނާއި، ކޮޅުނބުގައި ތިއްބަވާ އެހެން ޤައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމެޓުންނާއި ސްރީލަންކާގެ ވިޔަފާރިވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.