19 ފެބްރުއަރީ 2017، މާލެ، Ref: 2017-066

ޗައިނާގެ އެސިސްޓެންޓް މިނިސްޓަރ އޮފް ފޮރިން އެފެއާޒު، ހިޒް އެކްސަލަންސީ މރ. ކޮންގް ޒުއާންޔޫ ރާއްޖެއަށް ކުރެއްވި ތިން ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ފުރާވަޑައިގެންފިއެވެ. 

އެމަނިކުފާނުގެ މި ދަތުރުފުޅުގައި، ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އާއި ޗައިނާގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އާއި ދެމެދު ބޭއްވި 6 ވަނަ މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި އުފެންދުންތެރިކަން ކުރިއެރުވުމަށާއި، ޓުއަރިޒަމް ކުރިއެރުވުމަށާއި، އިންސާނީ ވަސީލަތްތައް ކުރިއެރުވުމަށާއި، ޒުވާނުންނާއި ކުޅިވަރުގެ ދާއިރާ އަދި ވިޔަފާރި އިތުރަށް ފުޅާކޮށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. އަދި ޗައިނާ ސަރުކާރުގެ އެހީގައި މިވަގުތު ރާއްޖޭގައި ކުރިއަށްދާ އެންމެ ބޮޑު ދެ ޕްރޮޖެކްޓްކަމުގައިވާ "މޯލްޑިވްސް-ޗައިނާ ފްރެންޑްޝިޕް ބްރިޖް ޕްރޮޖެކްޓް" އާއި "ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އަޕްގްރޭޑިން ޕްރޮޖެކްޓް" އާއި ގުޅޭ މަޝްވަރާތައްވެސް ކުރެވުނެވެ.  އަދި މި އަހަރަކީ ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރެވުނުތާ 45 އަހަރުފުރުން ފާހަގަ ކުރާ އަހަރު ކަމަށްވާތީ، މިއަހަރު ކުލަގަދަގޮތެއްގައި ފާހަގަ ކުރުމަށްޓަކައި އެކިއެކި ހަރަކާތްތައް ބޭއްވުމާގުޅޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ.

މީގެ އިތުރުން އެމަނިކުފާނުގެ މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ، އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްެގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއްކުރައްވައި އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ޑރ. މުޙައްމަދު އާޞިމް އާ ބައްދަލުކުރައްވައި ދެޤައުމުގެ ދެމެދުގައިވާ ގާތްގުޅުން އިތުރަށް ބަދަހިކޮށް ހަރުދަނާ ކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

ޗައިނާގެ އެސިސްޓެންޓް މިނިސްޓަރ އޮފް ފޮރިން އެއާޒްގެ މި ދަތުރުފުޅުގައި،  ޗައިނާ ސަރުކާރުގެ އެހީގައި ރާއްޖޭގައި ކުރިއަށްދާ ޕްރޮޖެކްޓް ތަކުގެ ތެރޭގައި ހިމެނޭ "މޯލްޑިވްސް – ޗައިނާ ފްރެންޑްޝިޕް ބްރިޖް ޕްރޮޖެކްޓް" އާއި "ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް އަޕްގްރޭޑިން ޕްރޮޖެކްޓް" އަދި ހުޅުމާލެ "ހައުސިން ޕްރޮޖެކްޓް" ގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވިއެވެ.

19 ފެބްރުއަރީ 2017، މާލެ، - Ref: 2016-064

ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އާއި ޗައިނާގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އާއި ދެމެދު ބޭއްވޭ 6 ވަނަ މަޝްވަރާ ބައްދަލުވުން މިއަދު މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގައި ގައި ބާއްވާފިއެވެ.

މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި އުފެންދުންތެރިކަން ކުރިއެރުވުމަށާއި، ޓުއަރިޒަމް ކުރިއެރުވުމަށާއި، އިންސާނީ ވަސީލަތްތައް ކުރިއެރުވުމަށާއި، ޒުވާނުންނާއި ކުޅިވަރުގެ ދާއިރާ އަދި ވިޔަފާރި އިތުރަށް ފުޅާކޮށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. އަދި ޗައިނާ ސަރުކާރުގެ އެހީގައި މިވަގުތު ރާއްޖޭގައި ކުރިއަށްދާ އެންމެ ބޮޑު ދެ ޕްރޮޖެކްޓްކަމުގައިވާ "މޯލްޑިވްސް-ޗައިނާ ފްރެންޑްޝިޕް ބްރިޖް ޕްރޮޖެކްޓް" އާއި "ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އަޕްގްރޭޑިން ޕްރޮޖެކްޓް" އާއި ގުޅޭ މަޝްވަރާތައް ކުރެވުނެވެ. އަދި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރެވިއެވެ. ޗައިނާއަކީ ދިވެހިރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއަކަށްވެފައި، ވޭތުވެދިޔަ ތިން އަހަރެއްހާދުވަހުގެ ތެރޭގައިވެސް ރާއްޖޭގެ ތަރައްޤީއަށް ބޮޑެތި އެހތަކެއް ވެދެއްވަމުންގެންދަވާފައިވާތީ އެކަން ފާހަގަކޮށް މިބައްދަލުވުމުގައި ޗައިނާ ސަރުކާރަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ޝުކުރުއަދާކުރެއްވިއެވެ.

މި އަހަރަކީ ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރެވުނުތާ 45 އަހަރުފުރުން ފާހަގަ ކުރާ އަހަރު ކަމަށްވާތީ، މިއަހަރު ކުލަގަދަގޮތެއްގައި ފާހަގަ ކުރުމާގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ޚިޔާލުބަދަލުކޮށް ވާހަކަ ދެކެވުނެވެ. 

މި މަޝްވަރާ ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖޭގެ ވަފުދުގެ އިސްބޭފުޅެއްގެ ގޮތުގައި ހުންނެވީ މި މިނިސްޓްރީގެ ސެކްރެޓަރީ ބައިލެޓަރަލް، އަލްފާޟިލް އަޙުމަދު ޚަލީލް އެވެ. ޗައިނާގެ ވަފްދުގައި އިސްކޮށްހުންނެވީ، އެސިސްޓެންޓެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ހިޒް އެލްސަލަންސީ މރ. ކޮންގް ޒުއާންޔޫ އެވެ.

19 ފެބްރުއަރީ 2017، މާލެ، - Ref: 2017-063

މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ޑރ. މުޙައްމަދު ޢާޞިމް ގެ އަރިހަށް ޗައިނާގެ އެސިސްޓެންޓް މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ހިޒް އެކްސަލަންސީ މރ. ކޮންގް ޒުއާންޔޫ އާއި މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާފިއެވެ.

މިއަދު މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް ހަރުދަނާކުރުމާ ގުޅޭގޮތުން ޚިޔާލުބަދަލުކުރައްވައި މަޝްވަރާކުރެއްވިއެވެ. އަދި ދިވެހިރާއްޖޭގެ އިޖްތިމާއީ އަދި އިޤްތިސާދީ ކުރިއެރުވުމަށްޓަކައި ޗައިނާ ސަރުކާރުން ވެދެއްވަމުންގެންދަވާ އެހީތެރިކަމަށް ފޮރިން މިނިސްޓަރ ޑރ މުޙައްމަދު އާޞިމް ޗައިނާ ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ސެކްރެޓަރީ، ބައިލެޓަރަލް، އަލްފާޟިލް އަޙުމަދު ޚަލީލް އާއި ޖޮއިންޓް ސެކްރެޓަރީ، އަލްފާޟިލާ އައިޝަތު އަޒީމާ އަދި ޑިރެކްޓަރ، އަލްފާޟިލް އަޙުމަދު ފަޒީލް ބައިވެރިވެވަޑައިގެންނެވިއެވެ.

ޗައިނާގެ އެސިސްޓެންޓް މިނިސްޓަރ އޮފް ފޮރިން އެއާޒް، ހިޒް އެކްސަލަންސީ މރ. ކޮންގް ޒުއާންޔޫގެ ޝަރަފުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ޑރ. މުޙައްމަދު ޢާޞިމް މެންދުރުގެ ފަރިއްކޮޅެއް ދެއްވުމަށް ވަނީ ހަމަޖެހިފައިވެއެވެ.

4 ޖެނުއަރީ 2017، ބެއިޖިންގ، ޗައިނާ – Ref: 2017-003 

ޗައިނާގެ ފޮރިން މިނިސްޓަރު މިސްޓަރ ވަންގ ޔީގެ ދަޢުވަތަކަށް ރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. މުޙައްމަދު ޢާޞިމް، ރަސްމީ ދަތުރުފުޅެއްގައި މިއަދު ޗައިނާއަށް ވަޑައިގެންފިއެވެ. މިއީ ޚާރިޖީ ވަޒީރުކަމުގެ މަޤާމާއި ހަވާލުވެ ވަޑައިގެންނެވިފަހުން، ރާއްޖެއާއި ގާތްގުޅުމެއް އޮންނަ ޗައިނާއަށް ޑރ. ޢާޞިމް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.    

މިދަތުފުޅުގައި ޚާރިޖީ ވަޒީރު ޑރ. ޢާޞިމް ޗައިނާގެ ފޮރިން މިނިސްޓަރ ހިޒް އެކްސެލެންސީ ވަންގ ޔީގެ އިތުރުން ޗައިނާގެ  ނައިބު ރައީސް ހިޒް އެކްސެލެންސީ މިސްޓަރ ލީ ޔުއާން ޗާއޯއާއި ބައްދަލުކުރެއްވުމަށްވެސް ހަމަޖެހިފައިވެއެވެ. އަދި މިދަތުރުފުޅުގައި "ބެއިޖިންގް ފޮރިން ސްޓަޑީޒް ޔުނިވަރުސިޓީ" ގައި  ރާއްޖެއާއި ޗައިނާއާއި ދެމެދު އޮންނަ ގާތް ގުޅުމާއި ރާއްޖޭގެ ޚާރިޖީ ސިޔާސަތާއި ބެހޭގޮތުން ޚާރިޖީ ވަޒީރު ޑރ. ޢާޞިމް ތަޤްރީރު ކުރެއްވުމަށްވެސް ހަމަޖެހިފައިވެއެވެ.

ޚާރިޖީ ވަޒީރުގެ މިދަތުރުފުޅުގައި އެވުޒާރާގެ ބައިލެޓެރަލް ސެކެރެޓަރީ އަލްފާޟިލު އަޙުމަދު ޚަލީލް، ވަޒީރުގެ އަރިހުގައި ބައިވެރިވެ ވަޑައިގަންނަވައެވެ.

23 ޖެނުއަރީ 2017 ، މާލެ، Ref: 2017-025

ބަންގްލަދޭޝްގެ ޗިޓަގޮންގް ޔުނިވަރސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ ގައި މެޑިސިން ހަދަމުންދާ ދިވެހި ކަޔަވާކުދިންނަށް ދިމާވެފައިވާ ރެޖިސްޓްރޭޝަންގެ މައްސަލައާ ގުޅޭގޮތުން ދިވެހިރާއްޖެއިން ބަންގްލަދޭޝް އަށް ކަނޑައަޅުއްވާފައިހުންނަވާ ސަފީރު އަލްފާޟިލާ އައިޝަތު ޝާން ޝާކިރު މިއަދު އެކުދިންނާ ބައްދަލު ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި މިމައްސަލައާ ގުޅޭގޮތުން ދިވެހި ސަރުކާރުން ކުރަމުންދާ ކަންތައްތަކުގެ މައުލޫމާތު އެކުދިންނަށް ދެއްވިއެވެ. އަދި މައްސަލަ ހައްލުކުރުމަށް ބަންގްލަދޭޝް ސަރުކާރާއެކު ކުރަމުންގެންދާ މަސައްކަތް ކުރިއަށްގެންދަވާނެ ކަމުގެ ޔަޤީންކަން އެކުދިންނަށް ދެއްވިއެވެ.