ޖަރުމަނުވިލާތަށް ދަތުރު ކުރައްވާ ދިވެހިންނަށް ލުއިފަސޭހަކަމާއެކު ވިސާއަށް އެޕްލައިކުރެއްވޭނެ އިންތިޒާމް ހަމަޖެއްސަވައި ދެއްވުމަށް ދިވެހި ސަރުކާރުން ޖަރުމަނު ސަރުކާރުގައި އެދިވަޑައިގަތުމާ ގުޅިގެން، 7 ދުވަހުގެ ވިސާ އެޕްލިކޭޝަން ސެންޓަރެއް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ސެންޓްރު ޤާއިމްކުރުމަށް ހަމަޖެހިފައިވަނީ 7 ފެބްރުއަރީ 2018 އިން ފެށިގެން 13 ފެބްރުއަރީ 2018 އަށް، ކޮންމެ ދުވަހަކު ހެނދުނު 09:00 އިން ހަވީރު 18:00 އަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ގައެވެ. މިޚިދުމަތް ހުކުރު ދުވަހު ދެވޭނީ މެންދުރު 14:00 އިން 18:00 އަށެވެ. މި ވިސާ އެޕްލިކޭޝަން ސެންޓަރުގެ ޚިދުމަތް ހޯއްދަވަން ބޭނުންފުޅުވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ވެބްސައިޓުން ވިސާ އެޕްލިކޭޝަން ފުރިހަމަ ކުރެއްވުމަށްފަހު އޮންލައިންކޮށް އެޕޮއިންޓްމަންޓްއެއް ހެއްދެވުމަށް ޖަރުމަނު އެމްބަސީއިން އެދިވަޑައިގަންނަވައެވެ. އަދި 5 ފެބްރުއަރީ 2018 ގެ 23:00 އާއި ހަމައަށް އެޕޮއިންޓްމަންޓް ހެއްދޭނެ ކަމަށް އެފަރާތުން މަޢުލޫމާތު ދެއްވާފައިވެއެވެ.
http://www.vfs-germany.com/Schedule_An_Appointment.html
ޖަރުމަނު ސަރުކާރުން މިކަން މިގޮތަށް ހަމަޖައްސަވައި ދެއްވުމާ ގުޅިގެން، ޖަރުމަނު ސަރުކާރަށް ޝުކުރުއަދާ ކުރައްވާކަމަށާއި މިކަމުގެ ސަބަބުން އެގައުމަށް ދަތުރު ކުރައްވާ ދިވެހިންނަށް ޚާއްސަކޮށް ބާރލިންގައި ބޭއްވޭ އައި.ޓީ.ބީ ފެއަރގައި ބައިވެރިވެވަޑައިގަންނަވާ ފަރާތްތަކަށް ލުއި ފަސޭހަތަކެއް ވެގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި، މިކަމައިގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. މުޙައްމަދު ޢާޞިމް ވިދާޅުވިއެވެ.