ދިވެހި ޚާރިޖިއްޔާ އުފެދުނުތާ 85 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ރޭ ދަރުބާރުގޭގައި ޚާއްޞަ ޙަފްލާއެއް ބާއްވައިފިއެވެ. މި ޙަފްލާ ޝަރަފްވެރި ކޮށްދެއްވީ ޚާރިޖީ ވަޒީރު ޑރ. މުޙައްމަދު ޢާޞިމެވެ.

މިޙަފްލާގައި ވާހަކަފުޅުދައްކަވަމުން  ޚާރިޖީ ވަޒީރު ޑރ. މުޙައްމަދު ޢާޞިމްވަނީ ޚާރިޖިއްޔާގެ މައިގަނޑު އަސާސްތައް ކަމުގައިވާ ދިވެހިރާއްޖޭގެ މިނިވަންކަމާ ސިޔާދަތު ދެމެހެއްޓުމާއި، ބައިނަލްއަޤްވާމީ ގުޅުންތައް ހަރުދަނާ ކުރުމަށް ޚާރިޖީދާއިރާއިން ވޭތުވެދިޔަ ތަނުގައި ކުރެވިފައިވާ މުހިއްމު ކަންތައްތަކުގެ މައްޗަށް އަލިއަޅުވާ ލައްވާފައެވެ. އަދި ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއިން ހޯދާފައިވާ ކުރިއެރުންތަކުގައި ދިވެހި ޚާރިޖިއްޔާއިން އަދާކޮށްފައިވާ މުހިއްމު ދައުރަށްވެސް ބައްލަވާލެއްވިއެވެ. ހަމައެއާއެކު ކުރިއަށްއޮތް ތާނގައި ޚާރިޖިއްޔާ އިތުރަށް ވަރުގަދަކޮށް، މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ޚާރިޖީ ދާއިރާއިން މުވައްޒަފުން ތަމްރީނުކޮށް ބިނާ ކުރުމަށް އިތުރު މަސައްކަތްތަކެއް ކުރައްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ޚާރިޖިއްޔާގައި ޚިދްމަތްކުރާ ޑިޕްލޮމެޓުންގެ އަގު ވަޒަންކުރުމުގެ ގޮތުން މިއަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް "ޔަންގް ޑިޕްލޮމެޓް އޮފް ދަ ޔިއަރ" އެވޯޑު ދިނުމަށް ހަމަޖެހިފައިވާކަން ވަޒީރުވަނީ އިޢުލާން ކުރައްވާފައެވެ.   

މި ޙަފްލާގައި ޚާރިޖިއްޔާއަށް 32 އަހަރު ޚިދްމަތް ކޮށްދެއްވާފައިވާތީ ސެކްރެޓްރީ ބައިލެޓްރަލް، އަޙްމަދު ޚަލީލުއަށްވަނީ ޝަރަފްވެރި ކަމުގެ އެވޯޑު އަރުވާފައެވެ. އަދި ޚާރިޖިއްޔާއަށް 10 އަހަރަށްވުރެ ގިނަ ދުވަހު ޚިދްމަތްކޮށްދެއްވާފައިވާ މުވައްޒަފުންނަށް ހަނދާނީ ލިޔުމާއި އެވޯޑުދީފައިވެއެވެ. މީގެ އިތުރުން މި ވޭތުވެދިޔަ 85 އަހަރުގެ ތާރީޚްގައި ޚާރިޖިއްޔާއިން ޙާސިލްކޮށްފައިވާ މުހިއްމު ކަންތައްތަކުގެ މައްޗަށް ބަލާލާ ތައްޔާރުކުރެވިފައިވާ ވީޑިއޯއެއްވެސް ދައްކާފައި ވެއެވެ.

ދިވެހި ޚާރިޖިއްޔާ އުފަންވެފައިވަނީ 1932 ވަނަ އަހަރު ދިވެހި ރާއްޖޭގައި ފުރަތަމަ ފަހަރަށް ޤާނޫނުއަސާސީއެއް އެކުލަވާލުމާ ގުޅިގެންނެވެ. ޚާރިޖިއްޔާގެ އަހަރީ ދުވަހަކީ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހެވެ. 85ވަނަ އަހަރީ ދުވަހާގުޅިގެން ޚާރޖިއްޔާގެ މުވައްޒަފުންވަނީ ލޭހަދިޔާކުރުމުގެ ޕްރޮގްރާމެއްވެސް ހިންގާފައެވެ