'މޯލްޑިވްސް މިއުޒިކަލް އިވްނިންގ 2017' ގެ ނަމުގައި ވަރަށް ޚާއްޞަ މިއުޒިކް ޝޯވއެއް ޕާކިސްތާނުގައި ބާއްވައިފިއެވެ. މި ޝޯވއަކީ ދިވެހިރާއްޖެއާ ޕާކިސްތާނާ ދެމެދު ސަގާފީ ދާއިރާއިން ވެފައިވާ އެއްބަސްވުމެއްގެ ދަށުން ޕާކިސްތާނުގައި ހުންނަ ދިވެހި އެމްބަސީއާ، ދިވެހިރާއްޖޭގައި ހުންނަ ޕާކިސްތާނު އެމްބަސީއާ ޕާކިސްތާނުގެ ނެޝަނަލް ކައުންސިލް ފޯ އާރޓްސްއާ ގުޅިގެން ބޭއްވުނު ޝޯވ އެކެވެ.

ޕާކިސްތާނުގެ ނެޝަނަލް ތިއޭޓަރ ގައި ބޭއްވުނު މި ޙަފްލާ ކޯ-ސްޕޮންސަރ ކުރައްވާފައިވަނީ ޕާކިސްތާނުގެ ލާހޫރާއި ކަރާޗީގައި ތިއްބަވާ ދިވެހިރާއްޖޭގެ އޮނަރަރީ ކޮންސުލް އިންނެވެ. މި ހަފްލާގައި ދިވެހިރާއްޖޭގެ މަޝްހޫރު ފަންނާނުންކަމުގައިވާ ރާފިޔަތު ރަމީޒާއާއި، ޢަލީ ޢަބްދުލްކަރީމް (ރުކުމާ) އާއި، ސާދިން އަލީ އާއި ނަވީޒް ސަލީމް، ދިވެހި ލަވައާއި ޕާކިސްތާނުގެ ގިނަލަވަތަކެއް ހުށަހަޅާދެއްވިއެވެ. މި ހަފްލާގައި ޕާކިސްތާނުގައި ތިއްބަވާ ބޭރު ގައުމުތަކުގެ ސަފީރުންނާއި، ޕާކިސްތާނުގެ ޕާރލަމެންޓު މެމްބަރުންނާއި، ސަރުކާރުގެ އިސްވެރިންނާއި، އާންމުންގެ ވަރަށް ގިނަބަޔަކު ބައިވެރިވެ ވަރަށް ހޫނު ތަރުހީބެއް ލިބިގެންދިޔައެވެ.