މިއަދު މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ބޭއްވި ހަފްލާއެއްގައި ދަ ފޮރިން ސަރިވިސް އިންސްޓްޓިއުޓު (ފޮސިމް) ގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ ފޮރިން ސެކްރެޓަރީ އަޙްމަދު ސަރީރުއެވެ. އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ.) ގެ ފަރާތުން ސޮއި ކުރެއްވީ ވައިސް ޗާންސެލަރ ޑރ އަލީ ފަވާޒް ޝަރީފްއެވެ.

މި ފަހުނާމާގެ މަޤްޞަދަކީ ފޮސިމް އާއި އެމް.އެން.ޔޫ.އާ ދެމެދު ޢިލްމީ ރޮނގުންނާއި ޢަމަލީ ގޮތުން މުވައްޒަފުންގެ ޤާބިލްކަން އިތުރުކޮށް ފުޅާކުރުމަށްޓަކައި އުނގަންނައި ދިނުމުގައި ދެ ފަރާތުގެ ދެމެދުގައި އެކުވެރިކަމާއި އަޅާލުމާއި، ވާގިވެރިކަމާއި އެއްބާރުލުން އިތުރުކުރުމެވެ. އެގޮތުން ކޮލަބޮރޭޓިވް ރިސަރޗް ހެދުމާއި އިންސާނީ ވަޞީލަތް ތަރައްޤީކުރުމާއި ކިޔަވައިދިނުމާއި ރިސަރޗުގެ ތެރެއިން މުވައްޒަފުންނާއި ޢިލްމީ ވަޞީލަތް ބަދަލުކުރެވޭނެ އުޞޫލުތަކެއް ކަނޑައެޅިގެން ދިޔައެވެ.

މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ފޮރިން ސަރވިސްގެ މަސައްކަތް އިތުރަށް ހަރުދަނާކޮށް ޕްރޮފެޝަނަލް ފޮރިން ސަރވިސްއެއް ބިނާކުރުމަށްޓަކައި އެމް.އެން.ޔޫ. ފަދަ އިދާރާތަކާއެކު ގުޅުން ބަދަހިކުރުމުގެ މުހިންމުކަމަށް ފޮރިން ސެކްރެޓަރީ އަޙްމަދު ސަރީރު އަލިއަޅުއްވާލެއްވިއެވެ. ހަމައެއާއެކު ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތާއި ޚާރިޖީ ގުޅުންތަކާއި، ދުނިޔޭގައި ހިނގާ ތަފާތު ކަންކަމުގެ ސަބަބުން ރާއްޖޭގެ ޚާރިޖީ ސިޔާސަތަށް ކުރާ އަސަރާ ގުޅޭގޮތުން ދިރާސާކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިއެވެ.  

މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ދަށުން ހިންގާ އިންސްޓިޓިއުޓެއްގެ ގޮތުގައި ފޮސިމް އުފައްދަވާފައިވަނީ 16 ޖެނުއަރީ 2014 ގައި ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްއެވެ. ފޮސިމްގެ މަޤްސަދަކީ ދިވެހި ޚާރޖިއްޔާގެ މުވައްޒަފުންގެ ފެންވަރު ރަނގަޅުކޮށް ޕްރޮފެޝަނަލް ސަރވިސްއެއް އުފެއްދުމެވެ.