ޔޫރަޕިއަން ޕާލަމެންޓުގެ ވަފުދަކަށް ދިވެހި ސަރުކާރުން މިއަދު މަރުޙަބާ ކިޔައިފިއެވެ.

 ނުވަ މެންބަރުންގެ މި ވަފުދުގައި ހިމެނިވަޑައިގަންނަވަނީ ޔޫރަޕުގް ޕާލަމެންޓުގެ ތިން މެންބަރުންނާއި، ޕާލަމެންޓުގެ ސެކްރެޓޭރިއަޓުގެ އޮފިޝަލުންނާއި، ސްރީލަންކާއަށާއި ރާއްޖެއަށް ކަނޑައަޅާފައިހުންނަ ޔޫރަޕުގެ ޑެލިގޭޝަންގެ އިސް އޮފިޝަލުންނެވެ.

 މިވަފުދު ރާއްޖެއަށް މި ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅުގައި، ދިވެހި ސަރުކާރުގެ އިސް ފަރާތްތަކާ ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ބައްދަލުވުންތަކުގައި ދިވެހި ރާއްޖެއާ ޔޫރަޕިއަން ޔޫނިއަންއާ ދެމެދު އެއްބާރުލުން އޮންނަ އެކި ދާއިރާތަކުން މުހިއްމު މަޝްވަރާތައް ބޭއްވޭނެއެވެ. މީގެ ތެރޭގައި މޫސުމީ ބަދަލުތަކާއި، ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމާއި، ދިވެހިރާއްޖޭގެ ހިންގުމުގެ ނިޒާމު ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެވޭނެއެވެ. ހަމަ އެއާއެކު، ޔޫރަޕިއަން ޔޫނިއަންގެ މާލީ އެހީގެ ދަށުން އައްޑު އަތޮޅާއި ފުއައްމުލަކުގައި ހިންގާ "ކްލައިމެޓް ޗޭންޖް އެޑެޕްޓޭޝަން" މަޝްރޫޢުގެ މަސައްކަތްތައް ޢަމަލީ ގޮތުން ބައްލަވާލެއްވުމުގެ ގޮތުން، ވަފުދުގެ ބޭފުޅުން އައްޑުއަތޮޅަށް ދަތުރުކުރައްވާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.